މިދިޔަ 24 ގަޑިއިރު: އުސޫލުތަކާ ޚިލާފުވި 400 މީހުން ޖޫރިމަނާކުރި

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެގެން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 400ށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ ހެލްތު އެމަޖެންސެންސީ އޮޕަރޭޝަން ސެނ...

20 May 2021 | 06:28

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެގެން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 400ށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ހެލްތު އެމަޖެންސެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް މާލެސިޓީގެ މަގުތަކުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެގޮތުން އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެގެން ބައެއް މީހުން ޖޫރިމަނާ ކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މާސްކް ނާޅާ އުޅުމުގެ ސަބަބުން 159 މީހުން، ކާފިއުގެ ވަގުތުގައި ބޭރުގައި އުޅެގެން 252 މީހަކު އަދި ކެފޭ، ފިހާރަ، ސެލޫންތައް ފަދަ ތަންތަނުގެ ޚިދުމަތް ގަވާއިދާ ޚިލާފަށް ހޯދުމުގެ ސަބަބުން 4 މީހަކު ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވެއްޖެނަމަ ކުރާ ޖޫރިމަނާ ބޮޑުކޮށް، އާއްމު ކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ އާންމު ފަރުދެއްނަމަ 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި، ޤާނޫނީ ޝަޚުސެއްނަމަ 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އާންމު ފަރުދެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން، ދެވަނަ ފަހަރު 3،500 ރުފިޔާއިން، ތިންވަނަ ފަހަރު 7،500 ރުފިޔާއިން، އަދި ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ގާނޫނީ ޝަޚުސެއްނަމަ އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން، ދެވަނަ ފަހަރު 25،000 ރުފިޔާއިން، ތިންވަނަ ފަހަރު 50،000 ރުފިޔާއިން އަދި ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން، ފަސްވަނަ ފަހަރުން ފެށިގެން ދެން އިތުރުވާ ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުގައި ޖޫރިމަނާގެ އައު އުސޫލަށް އަމަލު ކުރާނީ ކޯވިޑް-19 އާ ގުޅިގެން މިހާރު އިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ އަލަށް އެ ހާލަތު އިއުލާންކުރުމަށްފަހު އެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް