ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ގއ. ވިލިނގިލީގައި ކާފިއު ހިންގަން ފަށައިފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށުގައި ކާފިއު ހިންގާނީ ހަވީރު 6:00 ން ފަތިހު 4:00 އަށް ކަމަށެވެ. އެ ވަގުތު އެއްގަމު އުޅަނދު ދުއްވުމާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.
މި އެންގުމުގައި ވިލިނގިލީގައި ރަސްމިއްޔާތުތަކާއި ޕާޓީތަކާއި ހަފްލާތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. ސެލޫންތަކާއި ޖިމްތަކާއި، ބޯކޮށާތަންތަން ބަންދު ކުރަން އަންގާފައިވެ އެވެ.
އެޗްޕީއޭއިން ބުނީ އާންމު ތަންތަނުގައި އެއްފަހަރާ އެއްކޮށް އުޅެވޭނީ ގިނަވެގެން ތިން މީހުންނަށް ކަމަށެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން މަނާކޮށްފައިވާއިރު ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ކުރިޔަށް ގެންދިއުން ވަނީ މަނާކޮށްފަ އެވެ.
މީގެ އިތުރުން ކެފޭ/ ރެސްޓޯރެންޓުތަކުން ހަމަ އެކަނި ޑެލިވަރީގެ ހިދުމަތް ދޭގޮތަށް ބަދަލުކޮށް ފިހާރަތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުމަށް އަންގާފައިވެ އެވެ. ޔުނިވާސިޓީ އަދި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލުމަށް އަންގާފައިވެ އެވެ.
މި އެންގުންތައް ތަންފީޒު ކޮށް ރައްޔިތުން އަމަލު ކުރޭތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާތޯ ބެލުމަށް ފުލުހުންނަށް އަންގާފަވެ އެވެ.
އެޗްޕީއޭގެ މި އެންގުމަށް އަމަލު ކުރަން ފަށާފައިވަނީ މިއަދު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް