ރާއްޖޭގެ ކޯވިޑް-19ގެ ހާލަތުގެ ކޮންޓްރޯލް ގެއްލިގެން ރާއްޖެއިން ބޭރުގެ އެހީއަށް އެދެމުން ނުދާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
ރޭ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޯވިޑް ކަންކަމަށް ބޭރުގެ އެހީ ހޯދަމުންދާ ކަމަށެވެ. އަދި ގައުމުތަކާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މަބްރޫކްގެ އެ ވާހަކަ އާއި ގުޅިގެން މީޑިއާގައި ރިޕޯޓުކޮށްފައިވަނީ ކޯވިޑްގެ ހާލަތު ގޯސްވާތީ ބޭރު ގައުމުތަކުގެ އެހީތެރިކަމަށް އެދެމުންދާ ކަމަށް އޭނާ ވިދާޅުވި ކަމަށެވެ. އެކަމަކު އެއީ ރަނގަޅު ނޫން ގޮތް ކަމަށް ވިދާޅުވެ މަބްރޫކް ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ކޮންޓްރޯލް ގެއްލި" ހާއްސަ އެހީއަކަށް އެދިފައި ނުވާނެ ކަމަށެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ބޭރު ގައުމުތަކުގެ އެހީ ހޯދޭނެ ގޮތްތަކާއި ގުޅޭގޮތުން ސަރުކާރުން ގައުމުތަކާއި އެކު މަޝްވަރާ ފަށާފައިވާ ކަމަށެވެ. ބޭރުގެ އެހީ ލިބެން ހުރި ގޮތަކަށް ބޭނުން ކަމަށާއި އެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯވިޑުގެ އޮޕަރޭޝަނަށް ރާއްޖެ އަށް މީގެ ކުރިން އެކި ގައުމުތަކުން ލިބުނު އެހީތައް މިހާރު ވެސް ބޭނުންކުރަމުން ދެ އެވެ. އަދި މިހާރުވެސް ބައިނަލް އަގުވާމީ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެ. ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ކޯވިޑް ކޭސްތައް ވަނީ އިތުރުވެފަ އެވެ. އަދި ބަލީގައި މަރުވާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިމަހުގެ މިހާތަނަށް 39 މީހުން ވަނީ ކޯވިޑްގައި މަރުވެފައި އެވެ.
ރާއްޖެއިން މިހަތަނަށް ކޯވިޑް-19 އަށް 48،608 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 112 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 29،644 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް