ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ފިރިމީހާ ވިރާތް ކޮއްލީގެ ހިތާ ކުޅެލި ހަމައެކަނި ފިލްމަކީ "އޭ ދިލް ހޭ މުޝްކިލް" ކަމަށް އޭނާ ބުނެފި އެވެ.
ވިރާޓް އާއި އަނުޝްކާ އަކީ އެކަކު އަނެކަކުގެ މަަސައްކަތަށް ވަރަށް އެއްބާރުލުން ދޭ ދެމީހުންގެ ގޮތުގައި އާންމުން ސިފަ ކުރެ އެވެ. އެގޮތުން ވިރާޓްގެ ކްރިކެޓް މެޗުތައް ބަލައި ސަޕޯޓު ކުރުމަށް އިންޑިއާ އާއި އިންޑިއާއިން ބޭރުގައި ކުޅޭ މެޗުތަކަށް އަނުޝްކާ ދާއިރު އޭނާގެ ފިލްމުތައް ޕްރޮމޯޓު ކުރާ ހިސާބަށް ދިއުމުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވިރާތް އެ ފިލްމުތައް ޕްރޮމޯޓު ކޮށްދެ އެވެ.
ވިރާޓަށް އެންމެ ކަމުދާ އަނުޝްކާގެ ފިލްމު ކަމަށްވާ "އޭ ދިލް ހޭ މުޝްކިލް" ރިލީޒް ކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. ވިރާޓް ބުނީ އޭގެ ފަހުން އަނުޝްކާ ކިތަންމެ ފިލްމެއް ކުޅެފައި ހުއްޓަސް އޭނާގެ ހިތާއި ކުޅެލާވަރުގެ ފިލްމެއް އެ ފިލްމު ނޫނީ ނެތް ކަމަށެވެ.
ވިރާޓަށް އެ ފިލްމު ކަމުދަނީ ވަކި ހާއްސަ ކަމެއް އޮވެގެންނެއް ނޫނެވެ. އޭނާ ބުނީ ފިލްމުގައި އަނުޝްކާއަށް ކެންސަރު ޖެހޭކަން އެނގޭ ހިސާބާއި ރަންބީރު އެނބުރި އަނުޝްކާގެ ދިރިއުޅުމަށް އަންނަ ހިސާބަކީ ހިތަށް ވަރަށް އަސަރުކޮށް ނޭވާ ހިފަހައްޓާލެވެވޭ މަންޒަރުތަކެއް ކަމަށެވެ.
ވިރާޓް ބުނީ މިހާރުވެސް ދޭތެރެ ދޭތެރެއިން ހަމަ އެކަނި އެ މަންޒަރުތައް ބަލާލަން ޔޫޓިއުބުން އެ ފިލްމު ބަލާލާ ކަމަށެވެ.
ފިލްމު "އޭ ދިލް ހޭ މުޝްކިލް" ގައި އަނުޝްކާ އާއި ރަންބީރުގެ އިތުރުން ލީޑް ރޯލުން ފެނިގެން ދަނީ އައިޝްވާރްޔާ ރާއީ ބައްޗަން އާއި ފަވާދް ހާން އެވެ.
އެ ފިލްމު ޑައިރެކްޓުކޮށް ޕްރޮޑިއުސް ކޮށްފައިވަނީ ކަރަން ޖޯހަރެވެ. އެއީ 2016 ވަނަ އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް