ނިދަނީ އެތައް މަރެއް އިއުލާނު ކުރުމަށްފަހު، ހޭލާއިރު އެތައް މަރެއް އިއުލާނު ކުރަން އޮވޭ: ލުބާނާ

ރާއްޖޭގައި ކޮވިޑުގެ މަރުތައް މިވަނީ އިންތިހާއަށް ގިނަވެފައެވެ. މިއަދު އެކަނިވެސް ހަތް މީހަކު ރާއްޖެއިން މި ބަލީގައި ދުނިޔެ ދޫކޮށްފައިވެއެވެ. މިއާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި ޖުމްލަ އަދަދު މިވަނީ ...

19 May 2021 | 19:49

ރާއްޖޭގައި ކޮވިޑުގެ މަރުތައް މިވަނީ އިންތިހާއަށް ގިނަވެފައެވެ. މިއަދު އެކަނިވެސް ހަތް މީހަކު ރާއްޖެއިން މި ބަލީގައި ދުނިޔެ ދޫކޮށްފައިވެއެވެ. މިއާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި ޖުމްލަ އަދަދު މިވަނީ 112 އަށް އަރާފައެވެ.

މި މަރުތަކުގެ މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ޓްވީޓް ކުރާއިރު، އެ މަސައްކަތް ކުރާ ލުބްނާ ލަބީބް މިވަނީ ރައްޔިތުންގެ ކިބައިން ވަރަށް ބޮޑު ކަމަކަށް އެދިފައެވެ.

އެއީ ގޭގައި މަޑުކޮށްދިނުމެވެ. އެންމެންގެ ރައްކާތެރި ކަމަށް އެދޭ ހާލުގައެވެ.

ފޭސްބުކްގައި ލުބާނާ ބުނެފައިވަނީ ހަމަ ކޮންމެ ރެއަކުވެސް ނިދަނީ ކޮވިޑުގެ މަރުތަކެއް އިއުލާނު ކޮށްފައި ކަމަށެވެ. ހޭލާއިރު އިތުރު މަރުތަކެއް އިއުލާނު ކުރަން އޮންނަ ކަމަށެވެ. ހަފްތާއަކަށްވުރެ ގިނަދުވަސް މިދަނީ އެގޮތުގައި ކަމަށް ބުނެފައިވެއެވެ. ނިދާލެވޭ މަދު ވަގުތުކޮޅުގައިވެސް އިއުލާނުކުރަން މަރުތަކެއް ހުންނަކަން ލުބާނާ ފާހަގަކޮށްފައިވެއެވެ.

"އަވަހަށް ތެދުވެބަލަ، މިހާރުވެސް ތިން މީހުން ނިޔާވެއްޖެ" މިއަދު ހެނދުނު ލިބުނު ވޭކަޕް ކޯލްގެ ވާހަކަ ހިއްސާ ކުރަމުން ލުބާނާ ބުނެފައިވެއެވެ.

ލުބާނާ އިތުރަށް ބުނެފައިވަނީ ކޮވިޑުގެ މަރުތައް އިއުލާނު ކުރުމަކީ ވަރަށް ހިތްދަތި ކަމެއް ކަމަށެވެ. ނަމަވެސް އެކަންވެސް ކުރަންޖެހޭ ކަމަށެވެ. ކޮންމެ ރެއަކު ނިދަނީ ކޮވިޑުގެ އިތުރު މަރެއް އިއުލާނު ކުރަން ނުޖެހޭތޯ ދުއާ ކުރަމުން ކަމަށާއި މަރުތައް އިއުލާނު ކުރާއިރު ލުބާނާއަށް ލިބޭ ހިތްދަތި ކަމަށްވުރެ، މަރުވާ ފަރާތްތަކުގެ އާއިލާއަށް ލިބޭ ހިތްދަތިކަން އަދި މާ ބޮޑުވާނެ ކަންވެސް ލުބާނާ ފާހަގަކޮށްފައިވެއެވެ.

ލުބާނާވެސް ދިވެހިންގެ ކިބައިން އެދެނީ ހަމަ އެންމެ ކަމެކެވެ. އެއީ ގޭގައި މަޑުކޮށްދިނުމެވެ. ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ބޭރަށް ނުދިއުމެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު މިވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ދުވާލަކު ޕޮޒިޓިވް ވާ އަދަދު އުޅެނީ ހާހުން މަތީގައެވެ. ދުވާލަކު އެތައް ފުރާނައެއް އެދަނީ އަޅުގަނޑުމެންނާ އަލްވަދާއު ކިޔަމުންނެވެ. މިއީ އެންމެ ގުޅިގެން ކޮވިޑުގެ މި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަންވީ ވަގުތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް