އަންނަނީ ރަމަޟާން ކަރީމް: އުރީދޫގެ މި ވީޑިއޯއިން ދޭ މެސެޖަކީ... !

އޫރިދޫއިން އިއްޔެ އާންމު ކުރި ވީޑިޔޯއިން އެ ދައްކުވައިދެނީ ވަރަށްވެސް ބޮޑު ޙަޤީޤަތެކެވެ. އެ ވީޑިޔޯއިން ފެންނިގެންދަނީ " މީހަކު އެއްވެސް ފިކުރެއް ޚިޔާލެއް ނެތިވެ ކެއެމުގައި މަޝްޢޫލުވެގެން އުޅޭ މަންޒަރެ...

20 May 2017 | 03:18

އޫރިދޫއިން އިއްޔެ އާންމު ކުރި ވީޑިޔޯއިން އެ ދައްކުވައިދެނީ ވަރަށްވެސް ބޮޑު ޙަޤީޤަތެކެވެ. އެ ވީޑިޔޯއިން ފެންނިގެންދަނީ " މީހަކު އެއްވެސް ފިކުރެއް ޚިޔާލެއް ނެތިވެ ކެއެމުގައި މަޝްޢޫލުވެގެން އުޅޭ މަންޒަރެވެ. މީހަކު އަތް ދިއްކޮށްލިޔަސް އަތް ފޮޅާލާ މަންޒަރެވެ. ކާން އިންދާ ރަމަޟާން މަސް އަންނަ ކަމުގައި ބުނެ ލަވައެއް ކިޔާ އަޑު އިވެން ފަށައެވެ. އަދި ކެއުމުގައި މަޝްޢޫލުވެގެން އިންނަ މީހާ ވަގުތުން ކެއުމާއި ދުރުހެލިވެގަނެއެވެ."

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުގައި ރޯދަމަހަކީ ކެރަމް ކުޅުމާއި، ތާސް ކުޅުމަށް ނޫނީ މިފަދަ އެހެން ކުޅިވަރުތައް ކުޅުމަށް އަންނަ މައްސަރެއް ކަމުގައެވެ. ނޫނީ އެކި ވައްތަރު ވައްތަރުގެ ކާ އެއްޗެހި ތައްޔާރު ކުރަން ލިބޭ މައްސަރެއް ކަމުގައެވެ.ދުވާލު ހަތަރުދަމު ނިދައިގެންނެވެ. ހަވީރު ފިނި ބުރު ޖަހައިގެންނެވެ. ރޭގަނޑު ހަތަރުދަމު ކުޅި މަޖަލުގައެވެ. ސެލެބްރިޓީ ޓައިމް އާއި މިހަނދާނާއި، ޑްރާމާ ބެލުމުގައެވެ.

ރޯދަމަސް ކައިރިވާ ވަރަކަށް އިވިގެންދާނީ ގެޔަށް ކަށިވެލިލާން ވެލި ނުލިބިގެން އުޅޭ ވާހަކައެވެ. ކެރަމް ކުޅެން ކެރަމް ބޯޑެްއެއް ގަންނަން ޖެހޭ ވާހަކައެވެ. ބަދިގެޔަށް ތަށި ތެލި ފަދަ އެއްޗެހި ގަނެ ބަދިގެ ތެރެ އާކުރަން ޖެހޭ ވާހަކައެވެ. ރޯދަމަހުގައި މީރު ކާއެއްޗެހި ކައްކަން އެކި ވައްތަރުގެ ތަރުކާރީއާއި ދަޅުތައް ގަންނަންޖެހޭ ވާހަކައެވެ.

އެއްފަހަރު ވެސް ރަމަޟާން މަސް އަންނާތީ ނަމާދުކުރަން އާ ދޮޅިޔެއް ގަންނަވާހަކައެއް ނުދެއްކެއެވެ. ޒިކުރު ނުނީ ދުޢާތައް ލިޔެފަ ހުންނަ ފޮތްތައް ގަންނަ ވާހަކައެެއް ނުދެއްކެއެވެ.

އާދޭހެވެ. އެ ވީޑިޔޯއިން އެ ފެންނަ ގޮތަށް ރޯދަ މަސް އައުމުން އަހަރެމެންޖެހެނީ ކެއުން ނޫނީ ދުނިޔޭގެ އުފާތަކަށް ގެއްލި ތިބޭކަށް ނޫނެވެ. ރޯދަމަހަކީ އެއަށްވުރެން މާތް ވެގެންވާ މައްސަރެކެވެ. ރަމްޟާންމަހަކީ، ރަޙުމަތްވަންތަކަމާއި ބަރަކާތްތެރިކަމާއި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީލަތިކަމާއި ދެއްވުންތަކުން ފުރިގެންވާ މަތިވެރި މައްސަރެކެވެ. އީމާންކަމުގެ އަހުލުވެރިން މުޅި އަހަރު މިމަތިވެރި މަހަށް އިންތިޒާރު ކުރުމުގައި ރޭދުވާ ގުނަމުންދެއެވެ.

އަދި މިމަހަށްޓަކައި އުއްމީދުން ފުރިގެންވާ ތަނަވަސް ހިތަކުން ފާރަލުމާއެކު ބަލަބަލާ އިންތިޒާރުގައި ތިބެއެވެ. ސަބަބަކީ މިމަހުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙުމަތާއި ފާފަފުއްސެވުން އޮހެމުން ދާތީއެވެ. މިއީ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށް ލިބޭ ރަނުގެ ފުރުޞަތަކަށްވާތީއެވެ.

އެހެންކަމުން އަޅުގަނޑުމެން މުސްލިމުން ސަމާލުވަންވީ މި މާތް މައްސަރުގައި މައްދީ ކަންތަކަށް ނުހެއްލި މި މާތް ރަމަޟާންމަސް ދިރުވައި އިޚްޔާ ކުރުމަށެވެ. ރަމަޟާންމަސް އިޙްޔާކޮށް ދިރުވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ޤުރްއާން ކިޔެވުމުގެ އިތުރުން ޤުރްއާން ކިޔަވާ އަޑުއެހުމާއި ނަމާދު ޤާއިމު ކުރުމާއި ސުންނަތް ނަމާދުތައް ގިނަގިނައިން ކުރުމާއި ތިމާގެކަމުގެ ގުޅުން ބަދަހިކުރުން އަދި ދުޢާކުރުމާއި އިޢުތިކާފަށް އިނުން ހިމެނެއެވެ.

سلمان الفارسى رضى الله عنه އަރިއަހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ޝަޢުބާން މަހުގެ ފަހު ދުވަހުގައި رَسُوْلُ اللَّهِ صلى الله عليه وسلم ޚުޠުބާއެއް ދެއްވިއެވެ. ޙަދީޘްކުރެއް ވިއެވެ. އޭމީސްތަކުންނޭވެ! މަތިވެރި، ބަރަކާތްތެރި މަހެއް ތިޔަބައިމީހުންނާ ކުރިމަތިލައިފިއެވެ. މިމަހުގައި އެއްހާސް މަހަށް ވުރެ ހެޔޮކަން އިތުރުވެގެންވާ ރެއެއް ވެއެވެ. މިމަހުގެ ރޯދަ ﷲ سبحانه و تعالى ފަރުޟު ކުރެއްވިއެވެ. މިމަހުގެ ރޭތަކުގެ ޤިޔާމުކުރުން އަޅުކަމެއްގެ ގޮތުގައި ލައްވާފައިވެއެވެ. ﷲ سبحانه و تعالىގެ ތަޤައްރުބު ހާސިލުކުރުމަށް މީހަކު ސުންނަތް އަޅުކަމެއް ކޮށްފިއްޔާ އެހެން ދުވަސްތަކުގައި އަދާކުރެވޭ ފަރުޟަކާ އެއްވަރަށް ދަރުމަ ދެއްވައެވެ. ފަރުޟެއް އަދާކޮށްފިއްޔާ އެހެން ދުވަސް ތަކުގައި އަދާކުރެވޭ 70 ފަރުޟާއި އެއްވަރަށް ދަރުމަ ދެއްވައެވެ. މިއީ ކެތްތެރިކަމުގެ މައްސަރެވެ. ކެތްތެރިކަމުގެ ބަދަލަކީ ސުވަރުގެއެވެ. މިއީ އޯގާތެރިވުމާއި އެހީތެރިވުމުގެ މައްސަރެވެ."

ހަނދާން ބަހައްޓާށެވެ! ރަމަޟާން މަހަކީ ޤުރުއާނުގެ މައްސަރެވެ. އެ ޤުރުއާނު ބާއްވައިލެއްވުނީ ރަމަޟާންމަހުގައެވެ. ޖިބްރީލު ޢަލަހިއްސަލާމް ވަޑައިގެން މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ކޮންމެ ރަމަޟާން މަހެއްގައިވެސް މުޅި ޤުރުއާން މުރާޖަޢާ ކުރައްވާ، ތިލާވަތު ކުރައްވާ، މުދާރަސާ ކުރައްވައެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް އަހަރު ދެފަހަރު ޤުރުއާން މުރާޖަޢާ ކުރެއްވިއެވެ.

އެހެންކަމުން، މި މަހުގެ ދަރުމައާއި ޘަވާބަށް އެދިގެން ކުރަން އެންމެ މޮޅު އެއްކަމަކީ ޤުރުއާން ކިޔެވުމެވެ. މަދުވެގެން ޚަތިމެއް ކުރުމެވެ. ދުވާލަކަށް ފޮތެއްގެ މަގުން ކިޔަވައިފިނަމަ ޚަތިމެއް ކުރެވޭނެއެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައީ: “ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ހުރިހާ ޢަމަލެއްވެސް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ހަމަކަށަވަރުން ރޯދަވަނީ ތިމަން ރަސްކަލާނގެއަށެވެ. އަދި އެއަޅުކަމަށް ޖަޒާ ދެއްވާނީވެސް ތިމަން ރަސްކަލާނގެއެވެ.” އިމާމް ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘެކެވެ.

ދަންނާށެވެ. މި ރޯދަމަސް މީ ތިބާ އާއި ބައްދަލުކުރާ އެންމެ ފަހު ރޯދަމަސް ކަމުގަވެސް ވެދަނެއެވެ. އެހެންކަމުން އިސްރާފް ކުރުމާއި ކުޅިވަރުކުޅުމާއި މި ނޫނަސް ދުނިޔޭގެ މާއްދީ ކަންކަމަށް ހެއްލުންތެރި ނުވާށެވެ. ތިމާއަށް ދުނިޔެމަތީގައި އުޅުމަށް ލިބޭ މި ކުޑަ ހިނދުކޮޅުގައި ހެޔޮކަންތައް ކުރުމުގައި ޗާމިލުވާށެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވާ ބޭނުން ހަނދުމަނެތިކޮށް ނުލާށެވެ.

ކޮންމެ އަޅަކުވެސް މިމަހާ ބައްދަލުކޮށް، މިމަހާ އަލްވަދާޢު ކިޔާނީ ދެޙާލަތެއްގައެވެ. ނަޞީބުވެރިއެއްގެ ގޮތުގައެވެ. ނުވަތަ ބަދު ނަޞީބުވެރިއެއްގެ ގޮތުގައެވެ. މިމަހުގެ ދުވާލާއި ރޭތައް ޣަނީމާކޮށްފި މީހަކީ ނަޞީބުވެރިއެކެވެ. މިމަހުގެ ދުވާލާއި ރޭތައް ބޭކާރުކޮށްފި މީހަކީ ބަދު ނަޞީބުވެރިއެކެވެ. އެހެންކަމުން ނަސީބު ލިބިގެންވާ މީހުންގެ ތެރެއިން ވުމަށް ގަދައަޅާ މަސައްކަތްކުރާށެވެ. ﷲ އީ އެންމެ ދީލަތިވަންތަ ރަސްކަނލާންގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް