ވިޔަފާރި އުސޫލުން މޫދު ވިނަ އާލާކުރުމުގެ ޕްރޮޖެކްޓެއް ރާއްޖޭގައި ފަށައިފި

ވިޔަފާރި އުސޫލުން މޫދު ވިނަ އާލާކުރުމުގެ ޕްރޮޖެކްޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ފަށައިފިއެވެ. މި މަޝްރޫޢު މިއަދު އިފްތިތާހު ކޮށްފައި ވަނީ ބ. ފެހެންދޫގައެވެ. މި މަޝްރޫއު ފައްޓަވައިދެއްވީ މަސްވެރިކަމ...

20 Apr 2025 | 16:35

ވިޔަފާރި އުސޫލުން މޫދު ވިނަ އާލާކުރުމުގެ ޕްރޮޖެކްޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ފަށައިފިއެވެ.

މި މަޝްރޫޢު މިއަދު އިފްތިތާހު ކޮށްފައި ވަނީ ބ. ފެހެންދޫގައެވެ. މި މަޝްރޫއު ފައްޓަވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ފްލޯޓިންގ އޭކާސްއިން މޫދުވިނަ އާލާކުރުމާ ގުޅޭގޮތުން ދިރާސާކުރުމަށްފަހު ކުރި މަސައްކަތުން ހުއްދަ ލިބޭގޮތް ނުވެ އޮއްވާ، މި ސަރުކާރުން ކަނޑައަޅާފައިވާ މެރިކަލްޗަރ ފަހި ސިޔާސަތުގެ ދަށުން ވަނީ ފްލޯޓިންގ އޭކާސްއަށް 1 އަހަރު ދުވަހުގެ މުއްދަތަށް މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

މީގެ ކުރިން އެފް.އޭ.އޯ އިން ވަނީ މި ބާވަތުގެ މޫދުވިނަ ރާއްޖޭގައި އާލާކުރެވިދާނެތޯ ބެލުމަށް އަޖުމަ ބެލުމުގެ މަޝްރޫޢެއް ހިންގާފައެވެ. އެ މަޝްރޫޢު ނިމުމުން ޝާއިޢުކުރި ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ މޫދު ވިނަ އާލާކުރުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގައި ކުރެވިދާނެ މަސައްކަތެއް ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިހާތަނަށް ނިމިދިޔަ އެއްވެސް ސަރުކާރަކުން މޫދުވިނަ އާލާކުރުމުގެ މަސައްކަތަކަށް ހުއްދަ ދީފައިނުވާ ކަމަށެވެ.

އޭޝިއާގެ ޤައުމުތަކުގައި މޫދުވިނަ މީގެ 50 އަހަރު ކުރިން ފަށައި ފުޅާދާއިރާއެއްގައި ކުރިއަރަމުން އަންނަ އިންޑަސްޓްރީއެއްގެ ގޮތުގައި އަންނަނީ ކުރިއަރަމުންނެވެ. މިވަގުތުވެސް ދުނިޔޭގައި ކަލްޗަރކުރާ މޫދުވިނައިގެ 98 އިންސައްތަ ކަލްޗަރކުރަނީ މައިގަނޑުގޮތެއްގައި އޭޝިއާގެ ޤައުމުތައް ކަމުގައިވާ ޗައިނާ، އިންޑޮނޭޝިއާ، ސައުތު ކޮރެއާ އަދި ފިލިޕީންސްގައެވެ.

އެގޮތުން 2023 ވަނަ އަހަރު ދުނިޔޭގެ މޫދުވިނައިގެ މާރކެޓް ވެލިއު 17.14 ބިލިއަން ޑޮލަރުގައި ހުރިއިރު. 2032 ވަނަ އަހަރަށް އަންނައިރު މި އަދަދު 2 ގުނަ ވާނެކަމަށް މާހިރުން ވިދާޅުވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑު ހިއްސާކުރާ ޤައުމަކަށްވީ ހިނދު މެރިކަލްޗަރ އާއި ގުޅުންހުރި މިފަދަ މަސްރޫއުތަކުން ރަށުގައި ތިބެގެން ދިވެހި ޒުވާނުންނާއި ކަނބަލުންނަށް އައު ވަޒީފާގެ ފުރުޞަތުތައް ހުޅުވި، ޤައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، މަސްވެރިކަމާއި ގުޅުންހުރި ދާއިރާތަކުން ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުވުމާއިއެކު ދިވެހިންނަށް އައު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް