ތަޢުލީމުގައި ވާދަވެރިކަމުގެ ބަދަލުގައި އެކުވެރިކަން އިސްކުރަން ޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިިނިސްޓަރު މިހެން ވިދާޅުވީ ސީ.އެޗް.އެސް.ސީ ގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވަނީ ކިޔެވުމުގެ ވާދާއިގައި އެކަކު އަނެކަކަށް އެހީތެރިވެ، ރަހުމަތްތެރިން ފެއިލްވާތަން ފެންނަ ނަމަ އެހީތެރިވެ، ދެވެން އޮތް ސަޕޯޓެއް ދިނުމަށް އިލްތިމާސްކުރައްވާފައެވެ.
"ކުޅިވަރުގައި އެއް ޓީމުން އަނެއް ޓީމު ބަލިކޮށް 1 ވަނަ ހޯދި ކަމުގައިވިޔަސް، ތަޢުލީމަކީ އެއް ސްކޫލުން އަނެއް ސްކޫލް ބަލިކޮށް، ނުވަތަ އެކުގައި މަސައްކަތްކުރާ ކުއްޖާ ދަށްކޮށްލާފަ ކުރިޔަށްދާ ފަދަ ކަމެއް ނޫން" މިިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުޅިވަރާ ޚިލާފަށް ތަޢުލީމުގައި ގިނަ ދަރިވަރުންނަށް ކާމިޔާބު ހޯދުމުގެ ފުރުޞަތު އޮންނަ ކަމަށެވެ. އެހެންކަމުން ކިޔެވުމުގެ ވާދާއިގަ އެކަކު އަނެކަކަށް އެހީތެރިވެ، ރަހުމަތްތެރިން ފެއިލް ވާތަން ފެންނަ ނަމަ އެހީތެރިވެ، ދެވެން އޮތް ސަޕޯޓެއް ދިނުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
"ދަރިވަރުންގެ މެދުގައި އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކުދިން ތިބޭއިރު ދަރިވަރުންނަށް ޕޮޒިޓިވް މާޙައުލެއް ބައްޓަންކުރުމަށް ސްކޫލާއި، ރައްޓެހިންނާއި، މުދައްރިސުންނާއި މުޅި މާޙައުލު ހިމެނޭ ގޮތަށް ހުރިހާ ދަރިވަރުން ގުޅިގެން މަސައްކަތް ކުރަންޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެހެންމެ ކިޔެވުމުގެ ބުރަ އަގުހުރި މަސައްކަތުގައި އުޅޭއިރު، ދުނިޔޭގެ ކަންތައްތައް ހިނގާ ގޮތާއި، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއި، އެކި ދަރިވަރުންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ސަމާލުކަން ދިނުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އޭލެވެލްގައި ކިޔަވަމުންދާ ދަރިވަރުންނަކީ ރާއްޖޭގެ އެންމެ ޤާބިލު ދަރިވަރުންގެ ތެރޭގައި ހިމެނޭ، އަދި ޤައުމުގެ މުސްތަޤްބަލު ބިނާކުރުމުގައި އިސް ދައުރެއް އަދާކުރާނެ ބައެއްކަން މިނިސްޓަރު ޝަފީއު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް