މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗު ގްރެޖުއޭޓުވެއްޖެއެވެ.
އެ މިނިސްޓްރީއިން ބުނެފައިވާގޮތުގައި ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ބޭއްވި މި ރަސްމިއްޔާތުގައި ގްރެޖުއޭޓުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވާމެންޓް، އިންފޮމޭޝަން އެންޑް އާރޓްސް އިބްރާހިމް ވަހީދެވެ.
ދެވަނަ ބެޗުގައި ޖުމްލަ 32 ބައިވެރިން ވަނީ ގްރެޖުއޭޓްވެފައެވެ.
ތަމްރީނުވި ދާއިރާތައް:
- ފްރޮންޓް އޮފިސް
- ހައުސްކީޕިން
- ކޮމާޝަލް ކުކަރީ
- ޕޭސްޓްރީ އެންޑް ބޭކަރީ
- ލައިފް ގާޑިން
- އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެއިންސް
- ފުޑް އެންޑް ބެވަރޭޖް ސާވިސަސް
މިޕްރޮގުރާމް ހިންގާފައިވަނީ:
- ޝެރަޓަން މޯލްޑިވްސް
- ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް
- ލެ މެރިޑިއަން މޯލްޑިވްސް
- ރިޓްސް ކާރްލްޓޮން މޯލްޑިވްސް
- އެސްޓީ. ރެގިސް މޯލްޑިވްސް
- ޑަބްލިއު މޯލްޑިވަސް
- ވެސްޓިން މޯލްޑިވްސް
މިނިސްޓްރީން ބުނެފައިވާގޮތުގައި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ފުރަތަމަ ބެޗްގެ ބައިވެރިން މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައި 43 ޒުވާނުން ގްރެޖުއެޓުވިއިރު އެހުރިހާ ޒުވާނުންނަށް ވަޒީފާ ވަނީ ޔަގީންވެފައެވެ.
"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެއް، މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށް" އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ޕްރޮގުރާމުގެ ބައިވެރިންނަށް މަހުން މަހަށް ދޭ އެލަވަންސާއި ކެއުމާއި ހުރުން ވެސް ހަމަޖެހިގެންދާއިރު ޕްރޮގްރާމް ނިމުމުން ގްރެޖުއޭޓުވާ ފަރާތްތަކަށް އެމްއެންއެސްޑީއޭ އިން ނެޝަނަލް ސެޓްފިކެޓް އެމްއެންކިއުއެފް ލެވެލް 3ގެ ލިބިގެންދާނެއެވެ.
މި ޕްރޮގުރާމުގެ މަގުސަދު ތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނޭ ކަމަށާއި މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ޤައުމީ ސަނަދު ދޫކުރުން މި ޕްރޮގުރާމުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނޭކަމަށް ބުނެފައިވެއެވެ.
ހަމައެހެންމެ މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެވަޒީފާތައް އަދާކުރުމަށް އިތުބާރާއިއެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށާއި އަދި ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ޚަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މިޕްރޮގުރާމުގެ މަގްސަދެއް ކަމަށްވެސް ބުނެފައިވެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް