ރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ދޯނި ހޯދަން ކޯސްޓްގާޑުން ފަށާފައިވާ އޮޕަރޭޝަން އިތުރަށް ފުޅާކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެގޮތުން ދެންމެ މީޑިއާތަކަށް ދިން އަޕްޑޭޓެއްގައި އެމްއެންޑީއެފް އިން ބުނެފައިވަނީ އޮޕަރޭޝަން އިތުރަށް ފުޅާކޮށް މި އޮޕަރޭޝަނުގައި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ މިހާރު ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށެވެ.
މިއާއެކު މި އޮޕަރޭޝަނުގައި ކަނޑުމަގުން ކުރާ މަސައްކަތް މިވަނީ އިތުރަށް ފުޅާކޮށްފައެވެ. ކަނޑުމަގުގެ އިތުރުން ވައިގެމަގުން މި އޮޕަރޭޝަންގައި ޑްރޯންވެސް އަންނަނީ ބޭނުން ކުރަމުންނެވެ.
ގެއްލިގެން ހޯދަމުން އަންނަނީ "ފަރިހި 2" ނަމަކަށް ކިޔާ ޑައިވިން ދޯންޏެކެވެ. އެ ދޯންޏަކީ އިއްޔެ މެންދުރެއްހާއިރު ތިން މީހަކާއެކު މ. މަޑުއްވަރީން ފުރައިގެން މ. ރަތްމަންދޫ ބޭރަށް ފަރުމަހަށް ނިކުތް ދޯންޏެކެވެ. އެ ދޯނީގައި ތިން މީހަކު މަހަށް ދިޔަކަމަށްވަނީ ރޭ 08:00 ހާއިރު އެނބުރި އަންނާނެކަމަށް ބުނެއެވެ. ހޯދަން ފެށީ އެއަށްފަހު ލަސްވެ ހަބަރެއް ނުވުމުންނެވެ.
އެމްއެންޑީއެފް އިން މިއަދު ހެނދުނު ބުނެފައިވާގޮތުގައި މިހާތަނަށް މި އޮޕަރޭޝަންގައި ކަނޑާއި ވައިގެމަގުން މިހާތަނަށް 440 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް