ގެއްލުނު ދޯނިން ތިން މީހަކު ދަތުރުކުރި: އެމްއެންޑީއެފް

އިއްޔެ މެންދުރެއްހާއިރު ފަރުމަހަށް ނިކުތް ދޯންޏެއް ގެއްލިގެން ހޯދަމުން އަންނައިރު އެ ދޯނީގައި ޖުމުލަ ތިން މީހަކު ތިބިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެ ދޯންޏަކީ މ. މަޑު...

20 Apr 2024 | 04:37

އިއްޔެ މެންދުރެއްހާއިރު ފަރުމަހަށް ނިކުތް ދޯންޏެއް ގެއްލިގެން ހޯދަމުން އަންނައިރު އެ ދޯނީގައި ޖުމުލަ ތިން މީހަކު ތިބިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެ ދޯންޏަކީ މ. މަޑުއްވަރިން ފުރައިގެން މ. ރަތްމަންދޫ ބޭރަށް ފަރުމަހަށް ނިކުތް ދޯންޏެކެވެ.

ރޭގައި މަޑުއްވަރިން ދުވަހަށް މައުލޫމާތު ހިއްސާކުރި މީހަކު ބުނީ އެ ދޯނި މަހަށްފުރީ އިއްޔެ މެންދުރެއްހާއިރު ކަމަށާއި އޭގައި ދެ ޒުވާނަކު ތިބި ކަމަށެވެ. އަދި މަހަށް ފުރީ ރޭގަނޑު އަށެއްހާއިރު އެނބުރި އައުމަށް ކަމަށްވެސް ބުނެފައިވެއެވެ.

ރޭގައި ފުލުހުންނާއި އެމްއެންޑީއެފުންވެސް ބުނެފައިވަނީ އޭގައި ދެމީހަކު ތިބި ކަމަށެވެ. ނަމަވެސް މިއަދު ހެނދުނު އެމްއެންޑީއެފުން ބުނެފައިވަނީ ތިން މީހަކު ތިބި ކަމުގެ މައުލޫމާތު މިހާރު ލިބިފައިވާކަމަށެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އެ ދޯންޏަކީ "ފަރިހި 2" ނަމަކަށް ކިޔާ ޑައިވިން ދޯންޏެކެވެ. އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އެ ދޯނި ގެއްލުނު ކަމުގެ ރިޕޯޓް ފުލުހުން މެދުވެރިކޮށް އެމްއެންޑީއެފަށް ލިބިފައިވަނީ ރޭގެ 10:45 ހާއިރުގައެވެ. އޭރުއްސުރެ ކޯސްޓްގާޑުގެ އެހީގައްޔާއި ވައިގެ މަގުން އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި އެ ދޯނި ހޯދުމަށް ރޭގެ 02:00 ހާއިރު އެމްއެންޑީއެފް އިން "އަންމޭންޑް އޭރިއަލް ވެހިކަލް" ޔޫއޭވީ (ޑްރޯން) އުދުއްސާލާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް