ޝާޒް މެންބަރު ކަމުގެ ހުވާކުރެއްވުން ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ މެންބަރު އިބްރާހީމް ޝާޒް މަޤާމުގެ ހުވާ ކުރެއްވުން ހޯމަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިކަން ހާމަކޮށް ރައ...

20 Apr 2023 | 10:30

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ މެންބަރު އިބްރާހީމް ޝާޒް މަޤާމުގެ ހުވާ ކުރެއްވުން ހޯމަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ޝާޒް މަޤާމުގެ ހުވާ ކުރެއްވުން އޮންނާނީ ހޯމަ ދުވަހު ކަމަށެވެ. އަދި މި ރަސްމިއްޔާތު އޮންނާނީ ހެނދުނު 10:00ގަ އެވެ.

ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ޝާޒް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައިލެކްޝަން ބާއްވާފައި ވަނީ އެދާއިރާގެ މެންބަރު ކަމުގައި ހުންނެވި އިބްރާހީމް ރިޒާ ކެންސަރު ބަލީގެ އާލާސްކަން ފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވުމުންނެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކޮށްފައި ވަނީ ތިން ޕާޓީ އަކުންނެވެ. އެއީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން އިބްރާހީމް ޝާޒް އާއި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރިން އެ ދާއިރާގައި ހުންނެވި އިބްރާހިމް ރިޒާގެ ކޮއްކޯފުޅު ހުސައިން ރިޒާ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފް އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ދާއިމީ ނަތީޖާތަކަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހީމް ޝާޒްއަށް ލިބިވަޑައިގަތީ 1،346 ވޯޓެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް ލިބިވަޑައިގަތީ 1،226 ވޯޓެވެ. މީގެ އިތުރުން އެމްއެންޕީގެ އަލީ އާރިފުއަށް ލިބިވަޑައިގަތީ 122 ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް