ރައީސް ނަޝީދުގެ ހައްގުގައި އިންތި، ރޮޒޭއާއި އަނދުން ހުސެއިންގެ މައްސަލަ ޕޮލިހަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހައްގުގައި އެމްޕީ އިމްތިޔާޒް ފަހުމީ (އިންތި) އެމްޕީ ރޮޒައިނާ އާދަމް (ރޮޒޭ) އެމްޕީ ހުސެއިން ޝަހީމް (އަނދ...

20 Apr 2023 | 08:13

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހައްގުގައި އެމްޕީ އިމްތިޔާޒް ފަހުމީ (އިންތި) އެމްޕީ ރޮޒައިނާ އާދަމް (ރޮޒޭ) އެމްޕީ ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގެ މައްސަލައެއް ޕޮލިހަށް ހުށަހަޅުއްވައިފިއެވެ.

އިންތި ވަނީ މިކަމުގައި ޕޮލިހަށް ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި އިންތި ވިދާޅުވެފައިވަނީ ރައީސް މުހައްމަދު ނަޝީދަކީ ބޮމުގެ ޓެރަރިސޓް ހަމަލާއެއްގެ ޝިކާރައެއް ކަމަށާއި އެ މައްސަލާގައި އެމަނިކުފާނަށް އަދި އިންސާފު ލިބިވަޑައިގެންފައި ނުވާކަމަށެވެ. އަދި އެ މައްސަލަ މޮނީޓަރ ކުރެއްވުމަށް ރައީސް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބު މިސްޓަރ އައްބާސް ފާއިޒުވެސް ވަނީ، އެ މައްސަލާގައި އިންސާފަށް ވާސިލުވެފައިނުވާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައި ކަމަށެވެ.

"އެ ނުރައްކާތެރި ހަމަލާ ރައްދުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ނުރައްކާ އޮތް މިންވަރު "ކްރިޓިކަލް" ލެވެލްގައި ވަނިކޮށް އެ ހަމަލާއިން ރައްކާތެރިކަން ފޯރުކޮށްނުދެވުމުންކަން އިންކުއަރީ ރިޕޯޓުން އެނގެއެވެ. އަދި އެމަނިކުފާނަކީ މިއަދުވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިއާ ނުވަތަ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ." އިންތިގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މިކަން މިހެން އޮތް އިރު، އަދި މި ހަމަލާއަށްފަހުގައިވެސް، އަދި ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދިނުން ގާނޫނުން ލާޒިމުކޮށްފައިވާއިރުވެސް، ސަރުކާރާ ގާތް ގުޅުން އޮންނަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ނައިބު މުގައްރިރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްފަދަ ނުފޫޒުގަދަ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް ނަޝީދަށް ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދެކޮޅު ހައްދަވައި އަދި އެކަން ހުއްޓުވުމަށް ބާރުއަޅުއްވާ މޭރުމުން އެކިއެކި ފޯރަމްތަކުގައި ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުން ގެންދެވުމަކީ އެކަމުގައި ނުބައި ރޭވުމެއް އޮތްކަމެއްކަމަށް ތުހުމަތު ކުރައްވާކަމަށް އިންތި ވިދާޅުވެފައިވެއެވެ.

އިންތި ވިދާޅުވެފައިވަނީ ސަރުކާރާ ގާތް ގުޅުން އޮންނަ އަދި ނުފޫޒުގަދަ މަގާމުތަކުގައި ތިއްބެވި މި ދެންނެވި ދެ ބޭފުޅުންނަކީ ރައީސް ނަޝީދާމެދު މަތީ ދަރަޖައެއްގެ ރުޅިވެރިކަމާ ނަފްރަތު އޮންނަކަން އެނގޭގޮތަށް ބަސްތައް ރައްދުކުރައްވަމުން ގެންދަވާ ބޭފުޅުންކަމަށްވުމާއި، އެ ދެބޭފުޅުން ހަމައެކަނި ރައީސް މުހައްމަދު ނަޝީދަށް ޓާގެޓް ކުރައްވައި ތްރެޓްގެ މިންވަރު އެންމެ މަތީ ލެވެލްގައިވާ އެފަދަ ބޭފުޅަކަށް، ގާނޫނީ ގޮތުން ލާޒިމްކުރާ ސެކިއުރިޓީ ފޯރުކޮށްދިނުމާމެދު ފާޑުވިދާޅުވެ، އެކަމަށް ދެކޮޅުހައްދަވައި ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަންޖެހޭ އިތުރު ސަބަބެއް އޮންނާނެކަމަކަށް އޭނާ ދެކެނުލައްވާކަމަށެވެ. އަދި އެގޮތަށް ވާހަކަފުޅު އެ ދައްކަވަނީ އެމަނިކުފާނުގެ ސެކިޔުރިޓީ ދަށްކުރެއްވުމުގެ ބޭނުންފުޅުގައި ކަމަށް ގަބޫލުކުރެވޭކަމަށެވެ. އަދި އެމަގުން މަސައްކަތް ކުރައްވައި، ސެކިޔުރިޓީ ދަށްކުރުން އެބޭފުޅުންނަށް ކާމިޔާބުވެއްޖެނަމަ، އެމަނިކުފާނު އިތުރަށް ނުރައްކަލަކަށް ހުށަހެޅިގެންދާނެކަން އެބޭފުޅުންނަށް ޔަގީންވާތީ ކަމަށް ގަބޫލުކުރެވޭކަމަށެވެ.

"އެހެންކަމުން، މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އިތުރު ހަމަލާއެއް ދިނުމަށް ފަހިކުރުމުގެ ނުބައި ނިޔަތެއްގައި ހީލަތްތެރިކަމާއެކު ދުރާލާ ރާވަމުންދާ ރޭވުމެއް ނުވަތަ ޓެރަރިޒަމުގެ ކުށެއްގެ އަމަލުހިންގުމަށް ތައްޔާރުވުމުގެ އަމަލެއް ކަމަށް ބެލުމުގެ ޖާގަ އޮތްކަމަކަށްވާތީ، މިކަންބޮޑުވުން އަޅުގަނޑުގެ އޮންނާތީ މިކަމުގެ ހަގީތަގް ބައްލަވައިދެއްވުމަށާއި ޖިނާއީ އަމަލެއް އެކުލެވޭނަމަ އަވަސް ފިޔަވަޅުއަޅުއްވައިދެއްވުމަށް އެދި ދެންނެވީމެވެ." އިންތިގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ ހައްގުގައި އިންތި ޕޮލިހަށް މި މައްސަލަ ހުށަހަޅުއްވާފައިވާއިރު އިއްޔެގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަނދުން ހުސެއިން ވިދާޅުވީ ކުޑަ ބަޖެޓެއް އޮންނަ މި ގައުމުގެ ބަޖެޓުން އަހަރަކު 55 މިލިޔަން ރުފިޔާ ހަރަދުކުރުމަކީ އެކަށީގެންވާވަރު ކަމެއް ނޫން ކަމަށެވެ. އަދި އެކަން އަލުން ބަލާ ބަދަލު ގެންނަންޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް