އެއްވެސް މުސްލިމެއްގެ އަގުވެއްޓޭ ކަހަލަ ކަންކަން ކޮށްގެން ނުވާނެ: ޑރ. ސައްތާރު

އެއްވެސް މުސްލިމެއްގެ އަގުވެއްޓޭކަހަލަ ކަންކަން ނުކުރުމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އިލްތިމާސް ކުރައްވައިފިއެވެ. ޑރ ސައްތާރު މިހެން ވިދާޅުވީ 1444ވަނަ އަހަރުގެ އެންމެ ފަހު އިޙްޔާ ފޯރަމްގައ...

20 Apr 2023 | 07:49

އެއްވެސް މުސްލިމެއްގެ އަގުވެއްޓޭކަހަލަ ކަންކަން ނުކުރުމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އިލްތިމާސް ކުރައްވައިފިއެވެ.

ޑރ ސައްތާރު މިހެން ވިދާޅުވީ 1444ވަނަ އަހަރުގެ އެންމެ ފަހު އިޙްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ހޯލްގައި ބޭއްވި މި ފޯރަމްގައި ތަޤްރީރު ކުރައްވާފައި ވަނީ “ފާފަ ފުއްސަވައި ދެއްވުމުގައި ﷲ (سُبْحَانَهُ وَتَعَالَى)ގެ އޯގާވަންތަވެރިކަން” މި މައުޟޫއަށެވެ.

މާތްﷲގެ އޯގާވަންތަ ކަމަށް ބައްލަވައި، އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ކަންކަން ކުރުމުގައި ދެމިތިބުމަށް ޑރ. ސައްތާރު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

އެއްވެސް އިންސާނަކީ ކުށެއް ނުކުރެވޭ، ފާފަ ނުކުރެވޭ މީހެއް ނޫން ކަމަށާއި އެހެންނަމަވެސް މާތްﷲގެ ހަޟްރަތުގައި ގިނަގިނައިން ތައުބާވެ، ފާފަފުއްސެވުމަށް އެދި، މަޢާފަށް އެދޭ މީހާއަށް އެކަލާނގެ މަޢާފްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އިންސާނުން ތައުބާވުމުން މާތްﷲ އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، އެއްވެސް މުސްލިކަމަކު އަނެއް މުސްލިމާގެ އެއްވެސް ހަޑިހުތުރު ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

އެއީ މާތް ނަހީކުރައްވާފައިވާ ކަމެއް ކަމަށާއި، މުއުމިނުންގެ މެދުގައި ފާހިޝް ޢަމަލުތައް ފެތުރުމަށް ލޯބިކުރާ މީހުންނަށް ގަދަވެގެންވާ އަޒާބު ދެއްވާނެ ކަމަށް އަންގަވާފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެއްވެސް މުސްލިމަކު އަނެއް މުސްލިމެއްގެ އަގުވެއްޓޭ ކަހަލަ ވާހަކަތައް ދެއްކުމާއި ކަންކަން ކުރުމުން ދުރުހެލިވެ ތިބެން ޖެހޭކަމަށާއި މާތްﷲ ލޯބިވެވޮޑިގަންނަވާ އަޅުންގެ ގޮތުގައި ތިބުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

މި ފޯރަމްގައި ޑރ. ސައްތާރުވަނީ މާތްﷲ ލޯބިވެވޮޑިގަންނަވާ ކަންތައްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާ ލައްވާފައެވެ.

އެގޮތުން މުސްލިމުންގެ ޢައިބު ފޮރުވުމުގެ މުހިންމުކަމާއި، ގިނަ ގިނައިން ޒިކުރުކުރުމާއި، ދުޢާކުރުމާއި ތައުބާވުމާއި، ދިމާވާ މުޞީބާތްތަކަށް ކެތްތެރިވުމާއި، އިންސާނުންނާއި، ޖަނަވާރުންނަށް އޯގާތެރިވުމާއި، ރަސޫލާﷺއަށް ޞަލަވާތްކިޔުމާއި، މަލާއިކަތުންނަށް ހެޔޮދުޢާކުރުންފަދަ ކަންތައްތައް ފާހަގަކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް