ކުނި މެނޭޖް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު ކޮތަޅު ބޮނޑި ގަންނައިރު އިންތިހާއަށް އަގުބޮޑުވާ މައްސަލައަށް ހައްލު ހޯދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާނެ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ރޭގައި ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކަށް އެހާ ބޮޑުތަނުން އަގު ބޮޑުވާން ދިމާވި ސަބަބަކީ، ކުނި މެނޭޖުކުރުމުގެ ޤާނޫނުގައި މިހާރު ބުނެފައިވާ ގޮތުން، ކޮތަޅު ބޮނޑި ގަންނަ ފަރާތްތަކުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ އެއް ދައްކަން ޖެހުން ކަމަށާއި އާންމު ގޮތެއްގައި ބޮނޑި ޕެކްކޮށްފައި ހުންނަނީ 100 ކޮތަޅުން ކަމަށްވެފައި ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ރޭޓުން ޖުމްލަ 200 ރުފިޔާ، ފީ ގެ ގޮތުގައި ދައްކަން ޖެހުން ކަމަށެވެ.
"ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާ ވާ ހާލަތްތަކުގެ ތެރޭގައި 50 (ފަންސާސް) ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ވާނީ ހިމަނާފައެވެ. ނަމަވެސް، ކުނި މެނޭޖުކުރުމުގެ ބިލް މަޖިލީހުން ފާސްވެގެން އައިއިރު މި މައްދާ ވަނީ އުނިކުރެވިފައެވެ." މިނިސްޓްރީން ބުނެފައިވެއެވެ.
މި މައްދާ އުނިކުރެވިފައި ވިޔަސް، އެ ބިލަކީ ކުނީގެ އަސާސީ ޚިދުމަތް ދިނުމަށް މުހިއްމު ބިލަކަށްވާތީވެ، ސަރުކާރުން ނިންމީ ތަޞްދީޤުނުކޮށް ފޮނުވާލުމުގެ ބަދަލުގައި އެހެން ހުރި މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ހުށަހަޅަންޖެހޭ އިސްލާހުތައް ވަކިން ހުށަހެޅުމަށް ކަމަށާއި އެގޮތުން، އިސްވެ ދެންނެވުނު މައްސަލަ ވެސް ހައްލުކުރެވޭ ގޮތަށް ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ސަރުކާރުން ވާނީ ފާއިތުވީ މާރިޗް މަހު އިސްލާހް ހުށަހަޅާފައި ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި އިސްލާހް މަޖިލީހުން ފާސްވުމުން މިހާރު ދިމާވެފައިވާ މައްސަލައަށް ޙައްލު ލިބިގެންދާނެކަމުގައިވެސް މިނިސްޓްރީން ބުނެއެވެ.
"ޕްލާސްޓިކް ކޮތަޅުން ފީ އެއް ނަގަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭގައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ޤައުމުތަކުގައި އެންމެ ކާމިޔާބުކަމާއެކީ ޢަމަލުކުރާ އެއް ސިޔާސަތު ކަމަށްވެފައި، އެ ސިޔާސަތު ތަންފީޛުކޮށްފިނަމަ ރާއްޖެއަށް ދިމާވެފައިވާ ޕްލާސްޓިކް ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެތީއެވެ. އަދި ރާއްޖެއަކީ ނާޒުކު ތިމާވެށްޓެއް ލިބިފައިވާ އަދި ފަތުރުވެރިކަމުގެ ސިނާއަތަށް މުޅި އިޤްތިޞާދު ބިނާވެފައިވާ ޤައުމަކަށްވެފައި ޕްލާސްޓިކުން ވެށި ހިމާޔަތްކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ޤައުމީ މަސައްކަތަކަށް ވާތީއެވެ." އެންވަރަންމަންޓް މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ފްލާސްޓިކް މަދުކުރުމުގައި ހިންގޭ މިފަދަ ޤައުމީ ހަރަކާތްތަކުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި ބައިވެރިވުން ލިބުމާއި އާންމު ދިރިއުޅުމުގައި، ވީވަރަކުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް މަދުކުރުމެވެ. ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ގިނަ ފަހަރު ބޭނުންކުރެވޭ ތިމާވެށްޓާއި ރައްޓެހި ކޮތަޅު ބޭނުންކުރުމަށް އެ މިނިސްޓްރީން އެދޭ ކަމަށެވެ. އަދި ވިޔަފާރި ކުރައްވަން ވަޑައިގަންނަވާއިރު ވެސް ގެއިން މިފަދަ ކޮތަޅެއް ހިއްޕަވައިގެން ވަޑައިގަތުމަށާއި މިގޮތަށް އުޅުމަށް އެކަކު އަނެކަކަށް ހިއްވަރުދީ ބާރު އެޅުމަށް އެދޭ ކަމަށެވެ. އަދި ސިންގަލް ޔޫސް ޕްލާސިޓަކާ ނުލާ ދިރިއުޅޭ ޤައުމަކަށް މި ޤައުމު ހެދޭނީ ހުރިހާ އެންމެން ގުޅިގެން ކުރެވޭ މިފަދަ މަސައްކަތުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް