ރޯދަރަން ޗެލެންޖްގެ 5 ކޭ ވާޗުއަލް ރަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

އައިރަނާސް އިން ކޮންމެ ރަމަޟާން މަހެއްގައި ކުރިއަށްގެންދާ ރޯދަރަން ޗެލެންޖުގެ 5 ކޭ ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ރޯދަރަން ޗެލެންޖަކީ ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓް ކުރުމަށް މަސައް...

20 Apr 2022 | 08:25

އައިރަނާސް އިން ކޮންމެ ރަމަޟާން މަހެއްގައި ކުރިއަށްގެންދާ ރޯދަރަން ޗެލެންޖުގެ 5 ކޭ ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރޯދަރަން ޗެލެންޖަކީ ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރާ އައިރަނާސް އިން ކޮންމެ ރޯދަމަހަކު އާއްމުކޮށް ހުރިހާ އެންމެންނަށް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ ޗެލެންޖެކެވެ. އަލަށް ދުވުމުގެ ތެރެއަށް ނިކުންނަން ބޭނުންވާ ފަރާތްތަކާއި ފިޓްނަސް ލެވެލް އިތުރަށް ރަނގަޅުކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ރޯދަރަން ޗެލެންޖުގެ މި އަހަރުގެ ޗެލެންޖަށްވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމުގައި އައިރަނާސްއިން ބުނެއެވެ.

އެގޮތުން މި އަހަރުގެ ރޯދަ ރަން ޗެލެންޖުގެ 50 ކިލޯ މީޓަރު، 100 ކިލޯމީޓަރު އަދި 200 ކިލޯ މީޓަރު ދުވުމުގައި ބައިވެރިވި ފަރާތްތަކުން އަންނަނީ ފޯރިއާއެކު އެ ޗެލެންޖު ފުރިހަމަ ކުރަމުންނެވެ. މި ތިން ޗެލެންޖަކީ 20 ދުވަހު ދުވެގެން ފުރިހަމަ ކުރެވޭ ޗެލެންޖުތަކެކެވެ.

މީގެ އިތުރުން 5 ކިލޯ މީޓަރު، 10 ކިލޯ މީޓަރު އަދި 15 ކިލޯ މީޓަރުގެ ވާޗުއަލް ރަންވެސް މި ޗެލެންޖުގައި ހުޅުވާލާފައިވެއެވެ. 15 ކިލޯ މީޓަރު ވާޗުއަލް ރަން އަދި  10 ކިލޯ މީޓަރު ވާޗުއަލް ރަން މިހާރު ނިންމާލާފައިވާއިރު 5 ކިލޯ މީޓަރު ވާޗުއަލް ރަން އޮތީ މި މަހުގެ 23 ވާ ހޮނިހިރު ދުވަހުގައެވެ.

ހޮނިހިރު ދުވަހުގެ 00:00 އިން އެ ދުވަހުގެ 23:59 އާއި ދެމެދު ކޮންމެ ވަގުތެއްގައިވެސް 5 ކިލޯ މީޓަރު ދުވެގެން މި ވާޗުއަލް ރަން ފުރިހަމަ ކުރެވިދާނެއެވެ.

ވާޗުއަލް މި ރަންގައި ބައިވެެރިވެލެއްވުމަށް އައިރަނާސް އިވެންޓްސް ވެބްސައިޓް https://irunnersevents.com އިން ބައިވެރިވެލެއްވޭނެއެވެ. ވާޗުއަލް މި ރަންގައި ބައިވެރިވުމުގެ ފީއަކީ 150 ރުފިޔާއެވެ. މި ދުވުމުގައި ބައިވެރިވެ ދުވުން ނިންމާ ފަރާތްތަކަށް ހާއްސަ މެޑަލް ލިބިގެންދާނެކަމަށް އައިރަނާސް އިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް