އައްޑޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި 59 އަހަރުގެ އަންހެން މީހާގެ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ޖިންސީ ގޯނާގެ ތުހްމަތުގައި ހައްޔަރުކޮށްފައި ހުރީ އުމުރުން 59 އަހަރުގެ އަންހެނެކެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހްމަތާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރަން އޭނާގެ ފަރާތުން ހައިކޯޓަށް ހުށައެޅި މައްސަލަގައި ހުކުމް ކުރީ މިއަދު ހެނދުނެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ އޭނާގެ ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ނިންމީ ފުލުހުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ރަނގަޅަށް ކަމަށެވެ.
އަދި އެފަދަ މައްސަލަތަކަކީ މުޖްތަމައުގެ ސަލާމަތަށް ނުރައްކާތެރި މައްސަލަތަކެއް ކަމަށް އެ ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އަންހެން ކުއްޖާއަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މި އަންހެންމީހާ ހައްޔަރުކުރި ނަމަވެސް އެ ރަށު މީހުން ބުނާ ގޮތުން ކުއްޖާއަށް ޖިންސީގޯނާ ކޮށްފައިވަނީ ކުއްޖާގެ ކާފައެވެ. މި މައްސަލަ އާއި ގުޅިގެން އައްޑޫގައި ވަނީ އަންހެން މީހާ ބަންދުގައި ހުރީ ނުހައްގުންކަމަށް ބުނެ އޭނާ ދޫކޮށްލުމަށް ގޮވާލާ ބޮޑަތި އެއްވުންތަކެއް ބާއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް