މި ރޯދަމަހާއި ދިމާކޮށް އަމިއްލަ މޯލްޑިވްސް ރިސޯޓް އެންޑް ރެސިޑެންސް ރިސޯޓުގައި ކުރިއަށްގެންދިޔަ އަމިއްލަ މޯލްޑިވްސް ނޭޝަނަލް ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ ޓީމުން ހޯދައިފިއވެ.
މި މުބާރާތަކީ ކޮންމެ ރޯދަމަހަކާއި ދިމާކޮށް އެ ރިސޯޓުގެ މުވައްޒަފުންގެ މެދުގައި ކުރިއަށްގެންދާ ފުޓްސަލް މުބާރާތެކެވެ. ކުޅެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައެވެ. މުބާރާތުގެ ފައިނަލްމެޗުގެ ޝަރަފްވެރިމެހެމާނަކީ އިނގިރޭސި ފުޓްބޯޅަ ކުޅުންތެރިޔާ އަދި ޓީމް މެނޭޖަރ ޓިމޮތީ އެލަން ޝާވުޑް (ޓިމް ޝާވުޑް) އެވެ. ޓިމް ޝާވުޑަކީ 1987 އިން 2005 އާއި ހަމައަށް ފުޓްބޯޅަ ކުޅުނު އަދި މިހާރު ޓީމްތައް މެނޭޖުކުރަމުން އަންނަ ފަރާތެކެވެ. 2005ގެ ޕްރިމިއަރ ލީގުގައި ބްލެކްބާން ރޯވާސްގެ ކެޕްޓަންކަން ކުރީ ޓިމް އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ ޓީމުން ހޯދީ ނެދަލެންޑްސް ޓީމާ ވާދަކޮށް ހަ ލަނޑު ސުން ލަނޑުން ނެދަލެންޑްސް ޓީމު ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޭން އޮފް ދަ މެޗްކަން ލިބުނީ ޓީމް އާޖެންޓީނާގެ ފައްރާހް ސަލީމް (ފަރަކަ) އަށެވެ.
ހަ ޓީމާއެކު މި މަހުގެ ފަސްވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލް މެޗު ނިންމާލުމަށްފަހު މުބާރާތުގެ ވަނަވަނަތައް ހޮވުމާއި ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ތައްޓާއި ހަނދާނީ ލިޔުމާއި މެޑަލް ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވެއެވެ.
މުބާރާތުގެ އެންމެ ޕްރޮމިސިން ފަސް ކުޅުންތެރިންނަށް ހޮވުނީ ޓީމް އާޖެންޓީނާގެ ގޯލް ކީޕަރު އަހްމަދު ފަވާޒާއި ޓީމް އާޖެންޓީނާގެ މުހައްމަދު ހާފިޒާއި ޓިމް އާޖެންޓީނާގެ ހަމްޒާ އަބޫބަކުރާއި ޓީމް އާޖެންޓީނާގެ ފައްރާހް ސަލީމްގެ އިތުރުން ޓީމް ނެދަލެންޑްސްގެ އަލީ ސުނާނެވެ.
މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ޓީމް ކްރޮއޭޝިޔާއެވެ.
މުޅި މުބާރާތުން ފުޓްސަލް ކިންގް 2022 ހޮވާފައިވާއިރު އެ މަގާމު ހޯދީ ޓީމް އާޖެންޓީނާގެ ހަމްޒާ އަބޫބަކުރެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ސެޓިފިކެޓާއި މެޑަލާއި ޓްރޮފީގެ އިތުރުން 6000 ރުފިޔާގެ ކޭޝް ވޯޗާއެއް ދީފައިވެއެވެ. 6000 ރުފިޔާގެ މި ކޭޝް ވޯޗާއަކީ ރިސޯޓްގެ ސްޓާފް ޝޮޕް އޮޕަރޭޓަރ، ކޯޕަރޭޓް ކޮންސިއާޖް ސާވިސް ފޮރ ހޮޓެލްސް އެންޑް ރިސޯޓްސްގެ މެނޭޖިން ޑިރެކްޓަރ ޝަރަންގެ ފަރާތުން މުބާރާތަށް ދިން ފައިސާގެ އިނާމެކެވެ. ފައިސާގެ މި އިނާމު ޓީމާ ހަވާލުކޮށްދެއްވީ މެޗުގެ ޗީފް ގެސްޓެވެ.
މުބާރާތުގެ ރަނަރަޕް ޓީމަށް ސެޓިފިކެޓާއި މެޑަލާއި ޓްރޮފީގެ އިތުރުން 3000 ރުފިޔާގެ ކޭޝް ވޯޗާއެއް ދީފައިވެއެވެ.3000 ރުފިޔާގެ މި ކޭޝް ވޯޗާއަކީ ރިސޯޓްގެ ސްޓާފް ޝޮޕް އޮޕަރޭޓަރ، ކޯޕަރޭޓް ކޮންސިއާޖް ސާވިސް ފޮރ ހޮޓެލްސް އެންޑް ރިސޯޓްސްގެ މެނޭޖިން ޑިރެކްޓަރ ޝަރަންގެ ފަރާތުން މުބާރާތަށް ދިން ފައިސާގެ އިނާމެކެވެ.
މުބާރާތް ނިންމާލުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ރެފްރީންގެ އަގުވަޒަންކުރުމުގެ ގޮތުން ސެޓިފިކެޓް އިތުރުން އާޓް އެންޑް ކްރާފްޓެއް ދީފައިވެއެވެ. ހުރިހާ ސްޕޮންސަރުންނަށާއި ޑްރޯން ވީޑިއޯ ގްރާފަރަށް ހަނދާނީ ލިޔުން ދީފައިވެއެވެ. މީގެ އިތުރުން ބޯލް ބޯއީސްއަށް ސްޓާފް ޝޮޕުން ރެޑީމް ކުރެވޭނެ ކޭޝް ވޯޗާގެ އިތުރުން ހަނދާނީ ލިޔުން ދީފައިވެއެވެ.
ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި މުބާރާތުގެ ޓޮޕް ސްކޯރާގެ އިތުރުން ބެސްޓް ފައިވް ޕްރޮމިސިންގ ޕްލޭޔާވެސް ހޮވާގޮތަށް ކުރިއަށްގެންދާ މި މުބާރާތް ކުރިއަށްދަނީ ރިސޯޓް ސްޓާފް ޝޮޕް އޮޕަރޭޓަރ (ކޯޕަރޭޓް ކޮންސިއާޖް ސާވިސް ފޮރ ހޮޓެލްސް އެންޑް ރިސޯޓް) އަދި ސޯލިހް އާޓް އެންޑް ކްރާފްޓްގެ ސްޕޮންސަރޝިޕް އެހީއާއިއެކުގައެވެ.
އެގޮތުން ރިސޯޓް ސްޓާފް ޝޮޕް އޮޕަރޭޓަރ ގެ ފަރާތުން ޗެމްޕިއަން ޓީމަށް 6000 ރުފިޔާގެ ފައިސާގެ އިނާމު، ރަނަރަޕް ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމު އަދި ޓީމްތަކަށް ބުއިން ހަމަޖައްސައިދެއެވެ. ސޯލިހް އާޓް އެންޑް ކްރާފްޓުން، މުބާރާތުގެ ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗަށް ލަކުޑިން ތައްޔާރުކޮށްފައިވާ ކްރާފްޓެޑް، ކުޑަ ދޯންޏެއް ދެ އެވެ. މުބާރާތް ކުރިއަށްގެންދަނީ ސަޓިފައިޑް ރެފްރީން ރަށުން ބޭރުން ގެންގޮސްގެންނެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ދުވަސް ނޫހެވެ. މުބާރާތުގެ ވީޑީއޯގްރާފަރަކީ ސަމީއުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް