އިންޑިއާގެ މުސްލިމުންގެ ދިފާއުގައި ބަސްބުނަން ގޮވާލާ ހުށަހެޅި މައްސަލަ މަޖިލިހާށް ނުވެއްދި

އިންޑިޔާ ސަރުކާރުން އެ ގައުމުގެ މުސްލިމުންނަށް ލާއިންސާނީ އަނިޔާ ދެމުންގެންދާތީވެ ދިވެހި ސަރުކާރުން މުސްލިމުންގެ ދިފާއުގައި ބަސް ބުނަން ގޮވާލައި މަޖިލީހަށް ހުށަހެޅުއްވި މައްސަލަ އެޖެންޑާކުރަން ފުރުސަތ...

20 Apr 2022 | 07:10

އިންޑިޔާ ސަރުކާރުން އެ ގައުމުގެ މުސްލިމުންނަށް ލާއިންސާނީ އަނިޔާ ދެމުންގެންދާތީވެ ދިވެހި ސަރުކާރުން މުސްލިމުންގެ ދިފާއުގައި ބަސް ބުނަން ގޮވާލައި މަޖިލީހަށް ހުށަހެޅުއްވި މައްސަލަ އެޖެންޑާކުރަން ފުރުސަތު ނުދީ މައްސަލަ ކުރިޔަށް ނުގެންދިޔައެވެ.

ކުއްލިމައްސަލައެއްގެ ގޮތުގައި މަޖިލީހަށް މިމައްސަލަ ފޮނުވީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމެވެ.

މި މައްސަލަ ކުރިޔަށް ނުގެންދަން މަޖިލީހުގެ ރައީސް ނަޝީދު ދެކޮޅު ހައްދަވާ ވިދާޅުވީ އަވައްޓެރި ގައުމުތަކުގެ ދާހިލީ ކަންކަމާއި ބަހުސް ކުރަން ފުރުސަތު ދޭން ނުފެންނަ ކަމަށާއި އެއީ މަޖިލީހުގެ ގަވައިދު ވެސް ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.

ޝިޔާމް ހުށަހެޅުއްވަން ނިންމެވި މައްސަލައިގައި އިންޑިޔާގެ އުއްތަރަ ޕްރަދޭޝާއި މަދްޔަ ޕްރަދޭޝާއި ގުޖުރާތު ފަދަ ސްޓޭޓުތަކުގައި އެތައް ސަތޭކަ މުސްލިމް ޢާއިލާތަކާއި ވަކިވަކި މުސްލިމުންނަށް އަނިޔާކޮށް، މުސްލިމުންގެ ގެދޮރަށް ގެއްލުންދީ، ސުންނާފަތި ކުރަމުން ގެންދާތީއާއި، މުސްލިމުން ކުރަމުންދާ ވިޔަފާރިތައް ހަލާކުކޮށް ފިހާރަތަކަށް ބޮޑެތި ގެއްލުންދީ ބުލްޑޯޒަރު ބޭނުންކޮށްގެން މުސްލިމުން ދިރިއުޅެމުންދާ ތަންތަން ބިމާހަމަކޮށް މިސްކިތްތަކާއި މުސްލިމުންގެ ގެދޮރުގެ ހުރުމަތް ކަނޑާ ގެއްލުން ދިނުމުގެ ގޮތުން ހަރުކަށި ހިންދޫ ޖަމާޢަތްތަކުން ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކުގައި އިންޑިއާގެ ސަރުކާރާއި ފުލުހުން ބައިވެރިވެ އެކަންކަން ކުރުމަށް ހިތްވަރު ދެމުން ގެންދާ ކަމަށް ވިދާޅުވެފައި ވެއެވެ.

ޝިޔާމުގެ ހުށަހަޅުއްވަން އުޅުނު މައްސަލާގައި ވިދާޅުވެފައިވަނީ މުސްލިމުންގެ ޙައްޤުތަކަށް އަރައިގަނެ އިންސާނީ ޙައްޤުތަކުން މަޙްރޫމް ކުރަމުންދާ ކަމަށާއި ދިވެހި ސަރުކާރުން މިމައްސަލައިގައި ހަނުއޮތުމުން ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށެވެ. އިންޑިޔާގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ކުރަމުންދާ އަނިޔާތަކަކީ ދިވެހިން ބަލައިނުގަންނަ ޢަމަލުތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދި އިންޑިޔާއަކީ އ.ދގެ ޗާޓަރު ގަބޫލުކޮށް އ.ދގެ މެމްބަރުކަން ބަލައިގެންފައިވާ ސެކިއުލަރ ޑިމޮކްރެޓިކް ގައުމެއްކަމަށް ދައުވާކުރާ ގައުމަކަށްވާތީއާއި، އ.ދގެ ޗާޓަރުގައި ބަޔާންކުރާ އެންމެހާ މާއްދާތަކަށް ޢަމަލުކުރުމަށް އެއްބަސްވެފައިވާ ޤައުމަކަށްވާތީއާއި، އިންޑިޔާއަކީ ޔުނައިޓެޑް ނޭޝަންސް ހިއުމަންރައިޓްސް ކައުންސިލްގެ މެމްބަރަކަށްވާތީއާއި، އަދި ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަންރައިޓްސްގެ ހުރިހާ މާއްދާތަކެއް ޤަބޫލުކުރުމަށް އެއްބަސްވެފައިވާ ޤައުމެއް ކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ.

ޝިޔާމު އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެއްކަމަކީ ރާއްޖޭގެ ސަރުކާރެކޭ އެއްފަދައިން އިންޑިޔާ ސަރުކާރުންވެސް ދެ ޤައުމަކީ އަވަށްޓެރިން ކަމުގައި ގަބޫލުކުރާ ދެ ސަރުކާރުކަމަށާއި މުސްލިމުންނަކީ އަވަށްޓެރިންގެ ޙައްޤުތައް ދިފާޢުކުރަންޖެހޭ ބައެއް ކަމެއްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް