ޔޫކްރެއިންގެ ސިޓީއެއް ކަމަށްވާ މަރިޕޯލް ހިފަން ރަޝިއާގެ އަމާޒަށް ވާސިލްވުމަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އަންގަވާފައިވަނީ އެ ސިޓީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެ ގައުމުގެ ބާރުގެ ދަށަށް ގެންދިއުމަށެވެ. އެކަމަށް ރަޝިއާ ސިފައިން ބާރުގެ ބޭނުން އެންމެ މަތީ ފަންތީގައި ދިނުމުގެ ހުއްދަ ޕުޓިން ވަނީ ދެއްވާފަ އެވެ.
މިކަމާއި ގުުޅިގެން އީޔޫގެ އޮފިޝަލް ވިދާޅުވީ ޕުޓިންގެ އިންޒާރަކީ ބިރުވެރި ކަމެއް ކަމަށެވެ. އެކަމުން އެންމެ ބޮޑަށް ޔަގީން ވަނީ މިދިޔަ ދެ ތިން ހަފްތާގައި ޔޫކްރެއިންގެ ބޫޗީ ސިޓީ ހިފަން ހިންގި އަސްކަރީ އޮޕަރޭޝަނަށްވުރެ މަރިޕޯލް ހިފަން ދޭ ހަމަލާތައް އިތުރުވެފައި އާންމުންނަށް އޮތް ބިރު އިތުރުވުމެވެ.
ބޫޗީ ހިފަން ރަޝިއާ އަސްކަރިއްޔާއިން ކުރި ހަނގުރާމައިގަ އާންމުންނާއި ދެކޮޅަށް ގަތުލްއާންމު ހިންގާފައިވާކަމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ބުނެފައިވެ އެވެ. އެތައް ސަތޭކަ އާންމު ރައްޔިތުންނަށް އަނިޔާކޮށް ހައްޔަރުކޮށް އަދި ބަޑިޖަހާ މަރާލާފައިވެ އެވެ.
މަރިޕޯލް ހިފުމުގެ އެންމެ ބޮޑު ބޭނުމަކީ ޔޫކްރެއިންއާއި ވަކިވިކަން އަމިއްލައަށް އިއުލާނުކޮށްގެން އުޅޭ ޑޮންބަސް ސިޓީން ޔޫކްރެއިންގެ އައްސޭރިފަށަށް ދެވެން އޮންނަ އެއްގަމު ބްރިޖެއް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމެވެ.
އީޔޫގެ އޮފިޝަލާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި މަރިޕޯލް ހިފުމުގައި ރަޝިއާއަށް ކޮންމެސް ވަރެއްގެ ދަތިކަމަކާއި އަމިއްލަ ސިފައިންގެ ފަރާތުން ކުރިމަތިވެދާނެ އެވެ. އެއީ އެ ސިޓީގެ އާބާދީގެ ބޮޑުބައެއް ރަޝިއާ ބަހުން ވާހަކަ ދައްކާތީ ރަޝިއާ ސިފައިން ދަނީ ހަމަލާންދޭން ފަސްޖެހެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް