ޔަމަނުގެ ދާހިލީ ހަނގުރާމައިގާ ހޫތީންގެ ލަޝްކަރުތަކުގައި ކުޑަކުދިން ބޭނުން ނުކުރަން ހޫތީން ވައުދުވެއްޖެއެވެ.
މި ވައުދުވެ ހޫތީން މިކަމަށް އެއްބަސްވެފައިވަނީ އދ އާއި އެކުގައެވެ.
މި އެއްބަސްވުމުގައި ދެ ފަރާތުންވެސް ސޮއިކޮށްފައިވާއިރު ހޫތީން ވަނީ މިކަމަށް އެކްޝަން ޕްލޭނެއް އެކުލަވާލާފައެވެ. އެކްޝަންޕްލޭންގައި ވާގޮތުން ލަޝްކަރުތަކުން ކުޑަކުދިން ވަކިކުރުމަށް ހަ މަސް ނަގާނެއެވެ. އެ ހަ މަސްދުވަހުގެ ތެރޭގައި އިތުރަށް ކުޑަކުދިން ރެކްރޫޓް ނުކުރާނެއެވެ.
2014ގައި ފެށި ޔަމަނުގެ ދާހިލީ ހަނގުރާމައިގާ ދެ ފަރާތުންވެސް ލަޝްކަރުތަކުގައި ކުޑަކުދިން އަންނަނީ ބޭނުންކުރަމުންނެވެ. އެގޮތުން އުމުރުން 10 އަހަރުގެ ކުޑަކުދިންވެސް ލަޝްކަރުތަކުގައި އަންނަނީ ބޭނުން ކުރަމުންނެވެ.
2018 އާއި ހަމައަށް 18 ހާހަށްވުރެ ގިނަ ކުޑަކުދިން ލަޝްކަރުތަކުގައި ބޭނުންކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެެވެ.
ޔަމަނު ދާހިލީ ހަނގުރާމައަށް އަށް އަހަރު ވެފައިވާއިރު މި ހަނގުރާމައިގާ މިހާތަނަށް 150،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އޭގެެތެރޭގައި 10 ހާހަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
ޔަމަނުގެ ދާހިލީ ހަނގުރާމަ ހިނގަމުން އަންނަނީ އެ ގައުމުގެ ސަރުކާރާއި ހޫތީންނާއި ދެމެދުގައެވެ. ހޫތީންނަށް އިރާނުން ވާގިވެރިވަމުން އަންނައިރު ސަރުކާރަށް ވާގިވެރިވަމުން އަންނަނީ ސައޫދީ އަރަބިއްޔާ އިސްވެ އޮވެ އެކުލަވާލާފައިވާ އަރަބި ކޯލީޝަނަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް