މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ފައިދާ 2015 ވަނަ އަހަރާއި އަޅާ ބަލާއިރު 61 ޕަސެންޓު އިތުރުވެފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލްއިން މިއަދު އާންމު ކުރި އެ ބޭންކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާނުގައި ބުނެފައިވަނީ މިދިޔަ އަހަރު ލިބުނު އާމްދަނީއިން ޓެކްސްއަށް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި 1.02 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިދިޔަ އަހަރަކީ ހުރިހާ ގޮތަކުންވެސް އެންމެ ފައިދާ ބޮޑުވި އަހަރު ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް އިން ލިބުނު ފައިދާއިން ހިއްސާދާރުންނަށް 108 މިލިއަން ރުފިޔާ ބަހަން ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ހިއްސާއަށް 20 ރުފިޔާ ބެހުމަށް ނިންމާފައިވާއިރު އެއީ 2015 ވަނަ އަހަރާިއ އަޅާ ބަލާއިރު 18 ޕަސެންޓު އިތުރު އަދަދެކެ އެވެ.
ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ބޮޑު ފައިދާއެއް ހޯދުމާ އެކު، ބޭންކުން ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންވެސްޓްކޮށް، ވިޔަފާރިތަކާއި ރައްޔިތުންނަށް އެހީތެރިވަމުން ކަމަށެވެ.
"އަޅުގަނޑުމެން ނިންމާފައި ވާނީ މިއަހަރު އަޅުގަނޑުމެންގެ އިންވެސްޓްމެންޓް ދެގުނަކޮށް، 150 އިތުރު ވަޒީފާގެ ފުރުސަތު އެފައްދަން. ރާއްޖޭގެ 22 ރަށަކަށް ޚިދުމަތް ލިބޭނެ ބޭންކުގެ ބްރާންޗުތަކާއި ބިޒްނަސް ސެންޓަރުތަކާއި ސެލްފް ސާވިސް ބޭންކިންގް ސެންޓަރުތައް ގާއިމުކުރެވިގެން ދާނެ،" އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލްއިން ބުނީ މިއަހަރު 300 މިލިއަން ރުފިޔާ އިންވެސްޓުކޮށް އެ ބޭންކުން ދޫކުރަމުންދާ ލޯނުތައް ހަރުދަނާ ކުރުމަށް ރާވާފައިވާ ކަމަށެވެ. ބީއެމްއިލްގައި 270،000 ކަސްޓަމަރުން އެބަތިބި ކަމަށާއި ބޭންކުން ހިންގާ އެކި މަޝްރޫތަކުން އެ ހުރިހާ ކަސްޓަމަރުންނަށް ފައިދާ ކުރާނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް