ޣައްޒާ ހާލަތު: އެންމެ ތިން ދުވަސްތެރޭގައި ޝަހީދުންގެ ޢަދަދު 700 އިން މައްޗަށް

ހޯމަ ދުވަހުގެ ރޭ މެންދަމު، އިސްރާއީލުން ޣައްޒާއަށް އަލުން ދޭން ފެށި ހަމަލަތަކުގައި ޝަހީދުންގެ ޢަދަދު 700 އިން މައްޗަށް ގޮސްފިއެވެ. އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން މިއަދު ޣައްޒާގެ ޞިއްޙަތާއިބެހޭ ވު...

20 Mar 2025 | 10:26

ހޯމަ ދުވަހުގެ ރޭ މެންދަމު، އިސްރާއީލުން ޣައްޒާއަށް އަލުން ދޭން ފެށި ހަމަލަތަކުގައި ޝަހީދުންގެ ޢަދަދު 700 އިން މައްޗަށް ގޮސްފިއެވެ.

އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން މިއަދު ޣައްޒާގެ ޞިއްޙަތާއިބެހޭ ވުޒާރާގެ ތަރުޖަމާނު ޚަލީލް އަލް-ދަޤްރާން ބުނެފައިވަނީ ޝަހީދުންގެ ޢަދަދު 710 އަށް އަރާފައިވާއިރު ޒަޚަމްވި އަދަދު 900 އިން މައްޗަށްގޮސްފައިވާކަމަށެވެ.

ބޮޑު ޢަދަދަށް ބަލައިލާއިރު އިސްރާއީލުން އޮކްޓޯބަރު 2023 ގައި ހަމަލަތައް ދޭން ފެށިފަހުން ޝަހީދުންގެ ޢަދަދު މިވަނީ ގާތްގަނޑަކަށް ބައި ލައްކައަށް އަރާފައެވެ. ޒަޚަމްވި މީހުންގެ ޢަދަދު މިވަނީ 113،000 އިން މައްޗަށް ގޮސްފައެވެ.

ގިނަބައެއްގެ ފުރާނަ ގެއްލެނީ ޞިއްޙީ ނިޒާމު އެއްކޮށް ބަލިކަށިވެފައިވުމުން އެކަށޭނެ ފަރުވާ ނުދެވޭތީކަން އޭނާ ފާހަގަކޮށްފައިވެއެވެ.

ޝަހީދުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ކަންވެސް ފާހަގަކޮށްފައިވެއެވެ.

ޣައްޒާ މަސްރަޙްގެ މިއަދުގެ ބައެއް އަދާހަމަތަކަށް ބަލައިލާއިރު އިސްރާއީލުން ދޭން ފެށި ހަމަލަތައް ހުއްޓުވޭތޯ މެދުވެރިންނާއި މެދު މަޝްވަރާތައް ކުރެވެމުން އަންނަކަމުގައި ހަމާސް އިން މިއަދު ބުނެފައިވެއެވެ.

ހަމާސްގެ ފަލަޞްޠީނު އިންފޮމޭޝަން ސެންޓަރުގެ ތަރުޖަމާނު، އަބްދުލް ލަތީފް އަލް-ޤަނޯގެ ބަޔާނެއްގައި ބުނެފައިވަނީ ހަމާސް އިން އަދިވެސް ދެމި ތިބީ ޤަތަރު މެދުވެރިވެ ކުރިން އެކުލަވައިލި ހަމަލަ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަށް އަމަލުކުރުން މަތީގައި ކަމަށާއި ހަމަލަތައް ދާއިމީގޮތެއްގައި ހުއްޓޭނެ ގޮތަކާއިމެދު މެދުވެރިންނާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ އާ ޑިފެންސް މިނިސްޓަރު އިސްރާއީލް ކެޓްސްގެ ވާހަކަތައް ހުރީ ހަމަލަތައް އިތުރަށް ވަރުގަދަ ކުރާކަހަލަ ގޮތަކަށެވެ.

އިސްރާއީލު، ފަލަޞްޠީނުގެ ވަށައިގެންވާ އަރަބި ބޮޑެތި ޤައުމުތަކުން އިސްރާއީލުގެ ހަމަލަތައް ކުށްވެރިކޮށްލަކޮށްލާ ތިބިކަންވެސް މިއަދުގެ އަދާހަމައިގަވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް