ވާހަކަ: ލޯބިވޭ އިންތިހާ – އެކާވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ލޯ ފުރިފައިވާ ކަރުނައިގެ ތެރެއިން އެމަންޒަރު ބަލަން އިން ހަމްޒާގެ ހިތުގައި ބައްޕަ އާ މެދު ފުރަތަމަ ފަހަރަށް ނަފުރަތު އުފެދުނެވެ. ހަމްޒާ ދެލޯ ފޮހެލިއެވެ. އެވަގުތު އޭނާގެ ހިތުގައ...

20 Mar 2025 | 09:55

ކުރީގެ އަދަދާއި ގުޅޭ...

ލޯ ފުރިފައިވާ ކަރުނައިގެ ތެރެއިން އެމަންޒަރު ބަލަން އިން ހަމްޒާގެ ހިތުގައި ބައްޕަ އާ މެދު ފުރަތަމަ ފަހަރަށް ނަފުރަތު އުފެދުނެވެ. ހަމްޒާ ދެލޯ ފޮހެލިއެވެ. އެވަގުތު އޭނާގެ ހިތުގައި އަޒުމެއް ކަނޑައެޅިއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ލޯބީގެ ހުޅުކޮޅު ދުވަހަކުވެސް ނިވުނަ ނުދިނުމަށެވެ. ނޫރާއާ ދުރަށް ނުދިއުމަށެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އޭނާއަށް އެންމެ ރަނގަޅުކަމުގައި އޭނާގެ ހިތާހިތުން ބުނެލިއެވެ. ނޫރާއާ ދުރަށް ދާން އެންމެ ފިޔަވަޅެއް އެޅުމަކީވެސް އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ.

ހަމްޒާ ބޭނުންވީ ވީ އެންމެ އަވަހަކަށް ނޫރާއާ ބައްދަލު ކުރާށެވެ. އެހެންނޫނީ އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެކަން އޭނާއަށް އެނގެއެވެ. އޭނާގެ ހަލަބޮލި ވެފައިވާ ސިނކުޑިއަށް ލުއިކަމެއް ލިބޭނީ ނޫރާއާ ވާހަކަ ދައްކާލެވުނީމައެވެ.

ހަމްޒާ އިތުރަށް ހޮސްޕިޓަލުގައި މަޑު ކުރާކަށް ބޭނުމެއް ނުވިއެވެ. ޒުވާން ކަމުގެ ލޭ ދައުރުވަމުންދާ އެ ހަށިގަނޑަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަހަލައެވެ. ނިކަން ހަލުވި ފިޔަވަޅުތަކެއްގައި އޭނާ ބޭރަށް ނިކުތެވެ. ސައިކަލަށްއަރައިގެން މިސްރާބުޖެހީ ގެއާ ދިމާލަށެވެ.

ގެއަށް ވަދެވުމާއެކު ސިޑިން މައްޗަށް ދިއުމަށް ހިނގައިގަތީވެސް ނުހަނު ހަލުވިކަމާއެކުގައެވެ.

''ކޮއްކޯ......ކިހިނެއްވީ........ ކަމެއް ގޯސްވަނީތަ.......'' ހަމްޒާގެ ހަރަކާތްތައް ހުރިގޮތް ފެނުމުން  ގޭގައި ގެންގުޅޭ މޫނީބަށް އަހާލެވުނެވެ. އެހެންނަމަވެސް އޭނާގެ ވާހަކައަށް ހަމްޒާ ސަމާލުކަމެއް ނުދެއެވެ. އަވަސް އަވަހަށް ސިޑީގެ ހަރުފަތްތައް ކަޑައްތުކޮށް މައްޗަށް އަރާ، އޭނާ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ އެއްފަރާތެއްގައިހުރި ބޮޑު ސޯފާބެޑްގައި ހަމްޒާ އިށީނުމަށްފަހު އަވަސްވެގަތީ ކުޅުދުއްފުއްޓަށް ދެވޭނެ ގޮތެއް ބެލުމަށެވެ. ކުޅުދުއްފުއްޓަށް އޮންނަނީ މަދު ފްލައިޓްތަކެއް ކަމުން ހުރިހާ ފްލައިޓެއްވެސް ދައްކަނީ ފުލްކޮށެވެ. ކުރިއަށް އޮތް ދެދުވަހުވެސް މެއެވެ. އެހެންނަމަވެސް ހަމްޒާ އުންމީދު ކަނޑައެއް ނުލައެވެ. އެއްގޮތް ނެތިއްޔާ އަނެއްގޮތްވެސް އޮންނާނެތާއެވެ. ހަމްޒާ ބޭނުންވީ ހަނިމާދޫމަގުން ވިޔަސް ދެވޭނެގޮތެކެވެ. ހަމްޒާގެ ނަސީބު ރަނގަޅެވެ. ހަނިމާދޫ އަށް ދާ ފްލައިޓަކުން ޖެހިގެން އައި ދުވަހަށް ޖާގަ ލިބުނެވެ. ޓިކެޓަށް ޕޭ ކުރުމަށްފަހު ހަމްޒާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ސިކުނޑިއަށް ލިބިފައިވާ ބުރަ ލުއިވެގެން ދިޔަހެން އޭނާއަށް ހީވިއެވެ.

ހަމްޒާ ވަގުތުން ނޫރާއަށް ގުޅާލިއެވެ. ހަމަ ނޫރާގެ އަޑު އަހާލާހިތުންނެވެ. ވަގުތަކީ ފިހާރައިގައި މީހުން ގިނަ ވަގުތެއް ކަމުން މާ ގިނައިރު ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. ނޫރާއަށް ގުޅި ކަމުގައި ވިޔަސް ހަމްޒާ ދާ ވާހަކަ ނޫރާ ގާތު ބުނާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުމީ ނޫރާއަށް ސަޕްރައިސެއް ދޭށެވެ. އޭރުން ނޫރާ ވަރަށް އުފާވާނެކަން އެނގޭތީއެވެ.

*******

ޖެހިގެން އައި ދުވަހެވެ. ހަމްޒާއަށް ހޭލެވުނީ މީހަކު ދޮރުގައި ތަޅާއަޑަށެވެ. ގަޑިން ހެނދުނު ދިހަގަޑި ބައިވަނީއެވެ. ހަމްޒާ އެނދުން ތެދުވިއެވެ. ބޮލުގައި އަތުން ފިރުމާލާ ބޯ ދެފަރާތަށް ހޫރާލިއެވެ. ނުފިލާ ރިހުމެއް އޭނާގެ ބޮލުގައި ހުންނަތާ ދެދުވަސް ވީއެވެ. ފާއިތުވި ދެރޭވެސް ރަނގަޅަށް ނުނިދޭތީ ވީ ގޮތެއް ކަމަށް ވެދާނެއެވެ.

ތަކުރާރުކޮށް ދޮރުގައި ތަޅަމުން ދާތީ ހަމްޒާ އަވަސްވެގަތީ ދޮރު ހުޅުވާށެވެ. ގަޔަށް ޓީޝާޓެއް ވައްޓާލަމުން އޭނާ ދޮރުހުޅުވާލިއެވެ.

''ކޮއްކޮ ފޯނު ނުނަގަނީމަ ބޮސް ބުނަނީ ގޮވަން......... ކާއެއްޗިހި ގެންދަން ޖެހެނީނު........'' ދޮރުކައިރީގައި ހުރި މުނީބު އަދަބުވެރިކަމާއެކު ބުނެލިއެވެ. ތައްޔާރުވެގެން ތިރިއަށް އެބަ އަންނަކަމަށް ބުނެ ހަމްޒާ ދޮރު ލައްޕާލިއެވެ. އެނދުކައިރިއަށް ޖެހިލުމަށްފަހު ސައިޑް ކަބަޑް މަތީގައި އޮތް އޭނާގެ ފޯނު ބަލާލިއެވެ. ހަމްޒާގެ ބައްޕަގެ މިސްކޯލުތަކާ އެދިވެސް އެތައް ކޯލެއް މިސްވެފައި ހުއްޓެވެ. އެހެނަސް ހަމްޒާއަށް އެންމެ އިސްކަމެއް ދެވުނީ ނޫރާގެ މެސެޖަށެވެ.

''ހޭލެވުނީމާ ގުޅާލާތި އިނގޭ....... މިސް ޔޫ......'' ނޫރާ ގެ މެސެޖް ކުރު ނަމަވެސް އެ މެސެޖްގެ ކޮންމެ އަކުރެއް ނޫރާ ލިޔެފައިވަނީ ލޯތްބާއެކުގައިކަން ހަމްޒާއަށް އެނގެއެވެ. މެސެޖްގައިވާ ކޮންމެ ލަފްޒަކީ ނޫރާ ލިޔާހިތުން ލިޔެފައިވާ ހަމްޒާއަށް ޚާއްސަ ލަފުޒެކެވެ. އެ މެސެޖްގެ ކޮންމެ އަކުރަކުން ހަމްޒާއަށް އުފާވެރިކަން އިހްސާސް ކުރެވުނެވެ. ހަމްޒާ ބޭނުންވީ ވަގުތުން ނޫރާއަށް ގުޅާލާށެވެ. ފާއިތުވެ ދިޔަ ދެދުވަހުގެ މާޔޫސްކަމާ ނުތަނަވަސްކަން ފިލާވަރަށް ނޫރާއާ ވާހަކަ ދައްކާލަން ހަމްޒާ ބޭނުންވިއެވެ.

ނޫރާއަށް ގުޅައިގެން ހޭދަވީ ކިތައް މިނެޓްކަމެއް ޚުދު ހަމްޒާއަކަށްވެސް ނޭނގެއެވެ. އޭނާ އަށް ފޯނު ބާއްވަން މަޖުބޫރުވީ ހަމްޒާގެ ބައްޕަ ކެނޑިނޭޅި ގުޅަން ފެށުމުންނެވެ.

''އަދިވެސް ނިދަނީތަ........ ތަންކޮޅެއް އަވަސްކޮށްގެން ހޮސްޕިޓަލަށް އާދޭ.......... ބައްޕަ މިތާ ހޮސްޕީޓަލުގަ ތާށިވެފަ ހުރިކަމެއް ހަމްޒާގެ ވިސްނުމަކަށް ނާދެއެއްނު.......... ޒިންމާއެއް ނަގަން އަދިވެސް ހަމަ ހިތައްވެސް ނާރާ........ '' މުސްތަފާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ވާނީވެސް އެހެންތާއެވެ. އެތައް އެތައް ވިޔަފާރިއެއް މާލޭގައި ހިނގަމުންދާއިރު، އެއިން ކަމަކާވެސް އުޅެންވާވަރަށް ނޫޅެވި، މުސްތަފާ ގިނަވަގުތު ހޭދަކުރަން ޖެހިފައިވަނީ ހޮސްޕިޓަލުގައެވެ.

''މިދަނީ........'' ހަމްޒާ ޖަވާބު ދިނީ މަޑުމައިތިކަމާއެކުގައެވެ. ރޭގައި ބައްޕަ ދެކެ ހިތްހަމަ ނުޖެހުނަސް އެކަން ދައްކާކަށް ހަމްޒާ ބޭނުމެއް ނޫނެވެ.

ނިކަން އަވަސްއަވަހަށް ތައްޔާރު ވެގެން ހަމްޒާ ހޮސްޕިޓަލަށް ދިޔައެވެ. މަންމަ އޮތް ރޫމުގެ ދޮރާ ހަމައަށް ދެވުނުއިރު ހަމްޒާގެ ބައްޕަ ބޭރަށް ނުކުންނަނީއެވެ.

''މިހާރު ގަޑިން ވީ ކިހާއިރެއްކަން ދަރިފުޅަށް އެނގޭތަ.........މިދަނީއޭ ބުނެފަވެސް ވެއްޖެ ގަޑިއެއްގެއިރު ........ދުނިޔެއަށް ޖެހޭ ވައިވެސް ނުޖެހޭނެ ހަމްޒާއަކަށް........އެހެންވީމާ ވާނީވެސް އެހެންނު ......'' ހަމްޒާގެ މޫނަށް ބަލާލަމުން މުސްތަފާ ބުނެލިއެވެ. ހަމްޒާއަށް ބޭ އިޚްތިޔާރުގައި އަތުގައި އޮތް ގަޑިއަށް ބަލާލެވުނެވެ. އެއީ ތެދެކެވެ. ވަރަށް ލަސްވެއްޖެއެވެ. ބާރަޖަހަން ފަނަރަ މިނެޓަށްވީއެވެ.

''މަންމަ ދޫކޮއްލާނެ ދުވަހެއް އަދި ނޭނގޭ........ ހަމްޒާ މިތާ މަޑުކުރޭ........ ބައްޕަ އެބަޖެހޭ މީޓިންއަކަށް ގޮސްލަން....... ހަމްޒާ އާ ހެދި މިހާރު ދެފަހަރަށް މީޓިން ލަސްކުރަންވެސް ޖެހިއްޖެ........ ދަރިފުޅުވެސް ވެއްޖެ މިހާރު ތިޔަށްވުރެ ހަރުދަނާވާން..........'' މުސްތަފާ ދިއުމުން ހަމްޒާ އެތެރެއަށްވަދެ ދޮރު ލައްޕާލިއެވެ.

''ދަރިފުޅާ......... ހާދަ އިރެއްކޮއްފަ ..........'' ހަމްޒާ ފެނުމާއެކު ސަކީނާ މަޑުމަޑުން ތެދުވެ އިށީދެލިއެވެ. އާދައިގެ މަތިން ޝަކުވާކޮއްލީ ހަމްޒާ ނުފެނި ގިނައިރު ވުމުންނެވެ. އަދިވެސް ނޭވާލުމުގައި ސަކީނާއަށް އުނދަގޫކަމެއް އެބަހުއްޓެވެ. ހަމްޒާ އޭނާގެ މަންމަ ގާތުގައި ހުރި ގޮނޑީގައި އިނށީންދެލިއެވެ. އޭނާ ފަރުވާތެރިކަމާއެކު މަންމަގެ މޫނަށް ބަލާލިއެވެ. އެ މޫނުން ފެންނަނީ ނުތަނަސްކަމެވެ. މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ހީވަނީ ވަރަށް ގިނަދުވަހު ބަލިވެ އޮވެފަ ތެދުވެއިން މީހެއް ހެންނެވެ. ލޮލުގެ މަތީބޮނޑި ދުޅަވުމުގެ ސަބަބުން ލޯވެސް ހުރީ ކުޑަވެފައެވެ.

މަންމަގެ މޫނުން ފެނުނު އަސަރުތަކާއެކު ހަމްޒާގެ ހިތް ރަޙްމާ ލޯބިން ފުރުނެވެ. އަނެއްކާވެސް ހަމްޒާގެ އަމިއްލަ ނަފުސު ކުށްވެރި ކުރެވުނެވެ. މަންމަ އަށް އެ ހާލު ޖެހިފައިވަނީ ހަމްޒާގެ ސަބަބުން ކަމުގައި ގަބޫލު ކުރެވުނެވެ. މި އިހްސާސްތަކުގެ ސަބަބުން ހަމްޒާއަށް އުނދަގޫވާން ފެށިއެވެ. އެހެން ނަމަވެސް ދާދި އަވަހަށް އެ އިހްސާސްތަކުގެ މައްޗަށް ހަމްޒާ ބާރުފޯރުވައިފިއެވެ. އިހްސާސްތަކުގެ މައްޗަށް ގަދަވެގަތީ ނޫރާގެ އުފާވެރި ލޯބިވެތި ތަސްވީރެވެ.

''ދަރިފުޅާ........ ހަމަ އެއްވެސް އެއްޗެއް ނުބުނެ ތިއިނީ ........ މަންމަ ދެކެ ނުރުހިފައިތަ.........'' ސަކީނާ ހަމްޒާގެ އަތުގައި ހިފާލަމުން ހަމްޒާގެ މޫނަށް ޝައުގުވެރިކަމާއެކު ބަލާލިއެވެ. ހީވަނީ އެމޫނުން އޭނާ ވަކި އެއްޗެއް ދެނެގަންނަން މަސައްކަތް ކުރާހެނެވެ.

''ނޫނޭ މަންމާ....... އެހެން ކަމަކާ ވިސްނާލީ....... މަންމަ މިހާރު ރަނގަޅުތަ........ އަދިވެސް ވަރަށް ބޮޑަށް އުނދަގޫވޭތަ؟.......'' ހަމްޒާވެސް އޭނާގެ އަތުތެރޭގައި އޮތް އޭނާގެ މަންމަގެ އަތުގައި ފިރުމާލިއެވެ. ނުހަނު އޯގާތެރިކަމާއެކުގައެވެ.

''މަންމަ މިހާރު ރަނގަޅު....... އެކަމަކު އަދިވެސް މިތަނުން ދެވޭނެ ދުވަހެއް ނޭނގޭތީ ދެރައީ........ ދަރިފުޅުގެ ދޮންތަމެންވެސް ތިބީ ވަރަށް ކަންބޮޑުވެފައި......... މަންމަގާތު އެބަކިޔާ މެލޭޝިއާއަން އަންނާށޭ ވީއެންމެ އަވަހަކަށް........ މިތަނުގައި ތިބުމަށްވުރެ އެކޮޅުން ފަރުވާ ހޯދަން މާ ރަނގަޅު ވާނެޔޭ....... އެވެސް ދޮގެއް ނޫނެއްނު.......'' ސަކީނާ ވާހަކަދެއްކީ ނުހަނު ލޯތްބާއެކުގައެވެ.

މެލޭޝިއާއަށް ދާ ވާހަކަ ބުނުމުން ހަމްޒާ ކަންބޮޑުވާގޮތްވިއެވެ. މަންމަ ދަންޏާ ހަމްޒާވެސް ދާން ޖެހޭނެކަން އެނގޭތީއެވެ. މީގެ ކުރިންވެސް މަންމަ ދާ ކޮންމެ ފަހަރަކު ހަމްޒާ ގެންދެއެވެ. ހަމްޒާ ދާން ބޭނުން ނޫނަސްމެއެވެ. އެހެން ހުރިހާ ފަހަރެކޭވެސް އެއްގޮތަށް، ހަމްޒާއާ ވަކިން އޭނާގެ މަންމަ ދާން ދެކޮޅު ހަދާ ބޮޑާހާކާނެކަން ޔަގީންވާތީ ހަމްޒާ ނުތަނަވަސްވާގޮތް ވިއެވެ.

''ކީއްވެ އެއްޗެކޭ ނުބުނީ.........'' ސަކީނާގެ އަޑުގައިވަނީ ނުތަނަވެސް ކަމެވެ. ވިސްނަން އިން ހަމްޒާ ގޮނޑީގައި ހަމަ ޖެހިލަމުން ހީލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށެވެ.

''އާނ ....... ރަނގަޅުވާނެ.......'' ހަމްޒާއަށް ޖަވާބު ދެވުނީ ގަދަކަމުން ޖަވާބުދޭ ކަހަލަ ގޮތަކަށެވެ.

''މަންމާ........ މަންމަ ބަލިވެ އުޅޭތީ ބުންނަވެސް ޖެހިލުންވެފަ މިހުރީ......... ރައްޓެއްސެއްގެ ޕާޓީއެއް އެބައޮތް މިރޭ .......... ޕާޓީ އޮތީ އަރިއަތޮޅު ރިސޯޓެއްގަ........ ދާންވެސް ބޭނުން........އެކަމަކު މަންމަ ..........'' ހަމްޒާ ހަމަ ގަސްދުގައި ވާހަކަ މެދުކަނޑާލިއެވެ. ހަމްޒާ ބޭނުންވީ މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފާށެވެ. މަންމައަށް އެއްވެސް ކަމެއް ނޭނގޭގޮތަށް، ބައްޕައަށްވެސް ސިއްރުން ނޫރާ ދެކިލަން ދެވޭނެ ހަމައެކަނި ގޮތެއް ކަމަށް ހަމްޒާއަށް ފެނުނީ އެގޮތެވެ.

''ނޫނޭ ދަރިފުޅު ވާނެ އެ ޕާޓިގައި ބައިވެރިވާން........ މަންމަވެސް ދެން އެހާ ބައްޔެއް ނޫނެއްނު މިހާރު........ ބައްޕަ ވެސް ހުންނާނެއެއްނު މިތާ.......... ބައްޕަ ކައިރީ ބުނެފިންތަ...........؟ '' ސަކީނާ ކޮއްލި ސުވާލާމެދު ވިސްނާލަން ހަމްޒާއަށް މަޖުބޫރުވިއެވެ.

''ފަހަރެއްގައި ދެދުވަހެއްވަރު މަޑުކޮއްލަންވެސް ޖެހިދާނެތީ ދެރަވަނީ.......... މަންމަ ތިހާ ބަލިކޮށް އޮއްވަ ދާންވެސް އެހާ ބޭނުމެއްނޫން..........'' ހަމްޒާ އިސްޖަހާލިއެވެ. ހަޤީގަތުގައިވެސް ހަމްޒާ އިނީ ދެރަވެފައެވެ.

''ދެދުވަހަކީ އެހާ ގިނަ ދުވަހެއް ނޫނެއްނު....... އެހެންނޫނަސް ތިބުނީތާ ފަހަރެއްގައޭ......... ދަރިފުޅު ގޮސްލާ........'' ސަކީނާ ބެލީ ހަމްޒާ ހިތްއުފާވާނެ ގޮތަކަށް ވާހަކަދެއްކޭތޯއެވެ. އެއީ ހަމްޒާގެ ސިކުނޑީގައިވާ ހާސްކަމާ ނުތަނަވަސްކަން ފިލުވާލަން ލިބޭ ރަނގަޅު ފުރުސަތެއްކަމުގައި ސަކީނާ ދެކުނެވެ.

ބައްޕަ ކައިރީ މަންމަ ބުނެލާތި .......... އެހެންނޫނަސް ބައްޕަ އެކަހަލަ ކަންތަކަށް އަބަދުވެސް އޯކޭއެއްނު........ ދެން ނޭނގެ ބައްޕަ އާ ދިމާވާނެ ކަމެއްވެސް ފުރުމުގެ ކުރިން........ ހަތެއް ޖަހާއިރު ޗެކިން އޮތީ........ '' ހަމްޒާ އަށް ބުނެވުނީ ބުނަން ނުޖެހޭ އެއްޗެއްކަން ވިސްނުނީ މަންމަ އޭނާއާ ދިމާއަށް ބަލާލިގޮތުންނެވެ.

''ޗެކިންނޭ ދޯ ބުނެވުނީ....... މިބުނީ ހަތެއް ޖަހާއިރުއޭ މިކޮޅުން ލޯންޗް ފުރާނީ.........'' ހަމްޒާ ހަމަޖެހިލަމުން ހިނިތުންވެލިއެވެ. ސަކީނާވެސް އޮށޯވެ ހަމަޖެހިލިއެވެ.

''ދަރިފުޅު ދާންވާއިރަށް ބައްޕައަށް ނާދެވިޖެއްޔާ ކުޑާއްތަ އަށް ގުޅާލާ....... އެހެން ނޫނަސް ކޮންމެ ދުވަހަކުވެސް ހަވީރު ކުޑާއްތަމެން އާދޭ........'' ސަކީނާގެ ބަހަށް އެއްބަސް ވުމުގެ ގޮތުން ހަމްޒާ ބޯޖަހާލިއެވެ. ބަސްއަހާ ކުއްޖެއްފަދައިނެވެ.

******

ހަނިމާދޫ އެއާޕޯޓުގައި ބޯޓު ޖެއްސުމާއެކު ހަމްޒާގެ ހިތް އުފަލުން ނަށާލިއެވެ. އަވަސްވެފައިވާ ހިތަކާއެކު ދަބަސް ހިފައިގެން ބޭރަށް ނުކުތެވެ. އޭރު ލަޔާލް އޭނާގެ އިންތިޒާރުގައި ހުއްޓެވެ.

ހިނގާ އަވަހަށް........ ފިހާރަ ބަންދުކުރާ ގަޑިއަށް އެހިސާބަށް ފޯރާނެހެން ހީވޭތަ.......'' ލަޔާލްއާއެކު ހިނގައިގަންނަމުން ހަމްޒާ ސުވާލުކޮށްލިއެވެ.

''އާނ އަދި ދެވޭނެ........'' ލަޔާލް ހުރީ ހަމްޒާ އާ ވަރަށް ގިނަ ސުވާލުކުރަން ބޭނުންވެފައެވެ. އެހެނަސް ވަގުތުގެ ގޮތުން ހަމްޒާ މާ އަވަސްއަރުވާލާފައި އުޅޭތީ މަޑުކޮށްލީއެވެ.

ލޯންޗުގައި އިން އިރުވެސް ހަމްޒާ އިރުއިރުކޮޅާ ގަޑިބަލައެވެ. އެނާގެ ހިތް ވަނީ އަވަސްވެފައެވެ. ނޫރާ ދެކިލާހިތުން ކެތްމަދުވެފައިވާ ހަމްޒާއަށް ވިއްސަކަށް މިނެޓްވެސް ހީވީ އެތަކެއް ގަޑިއިރެއް ހެނެވެ. ލޯންޗުން ފައިބަމުން ލަޔާލްގެ އަތަށް ހަމްޒާ ފައިސާ ދިނެވެ. ބާކީ ބަޔަކީ ލަޔާލްގެ ކޮފީ ބަޖެޓޭ ބުނަމުންނެވެ. އެއީ ހަމްޒާގެ ކަންތައް ހުންނަގޮތެވެ. ލަޔާލްއަށް ކަމެއް ދަތިވާހެން ހީވަންޏާ އެކަމެއް ކޮށްދިނުމަކީ ހަމްޒާގެ އުފަލެކެވެ. ހަމްޒާ އައުމަށްފަހު ލަޔާލްގެ ކާރަށް ޕެޓްރޯލް އެޅުމާ، ކޮފީއާ ކެއިންބުއިމުގެ ޚަރަދުތައް ބަލަހައްޓަނީ ހަމްޒާއެވެ. ލަޔާލް ކިތަންމެ ފަހަރަކު އެކަން މަނާކުރުމާ އެކުގައިވެސް މެއެވެ.

ލަޔާލް މެނަށް ފިހާރައާ ހަމައަށް ދެވުނު އިރު އެގާރަޖަހާ ބޮޑުވެއްޖެއެވެ. ތަންކޮޅެއް ދުރުގައި ކާރު މަޑު ކުރުމަށްފަހު ލަޔާލް ނޫރާއަށް ގުޅާލިއެވެ.

''ކޮބާ ނިމިއްޖެތަ.......'' ލަޔާލް ފޯނު އޮތީ ސްޕީކަރަށް ލާފައެވެ.

''އާނ..... މިނިމުނީ ހަމަ........ އާދޭ ބަލާ........'' ނޫރާ ވާހަކަދެއްކީ އާދައިގެ ގޮތަކަށެވެ.

ލަޔާލްއާ އެކު ހަމްޒާވެސް ކާރުން ފައިބައިގެން ފިހާރައާ ދިމާއަށް ހިނގައިގަތެވެ. ލަޔާލް ފަހަތުގައި ހަމްޒާ ހުރެގެން ގޮސް ދޮރު ހުޅުވާލާފައި ފިހާރަ ތެރެއަށް ވަނެވެ. ނޫރާ ބަލާލިއެވެ. އެވަގުތު ލަޔާލް ފަހަތުގައި ހުރި ހަމްޒާ ނޫރާއަށް ފެނުނެވެ. ނޫރާގެ އަނގައިން ބޭއިޚްތިޔާރުގައި އަޑެއް ލައްވާލެވުނެވެ. ހައިރާންވީވަރު ބޮޑުކަމުންނެވެ. އެހެނަސް އެ އަޑު ބޭރުވިޔަ ނުދިނުމުގެ ގޮތުން ނޫރާ އަނގަމަތީގައި އަތް އެޅިއެވެ.

''ހަމްޒާ.........'' ދެވަނަ ސިކުންތުގައި ނޫރާއަށް ބުނެވުނެވެ. އެ އަޑު ފިހާރައިގެ ހަމަހިމޭންކަމުގެ ތެރެއިން ފުރޭނިގެން ގޮސް ފިހާރައިގެ ހަރުތައް ކައިރީގައި ހުރި ސައުދުގެ ކަންފަތާހަމައަށް ފޯރިކަން ހަމަ ޔަޤީނެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 25 މާރިޗް، އަންގާރަ ދުވަހު ގެނެސްދެވޭނެ، އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް