ކުރުވާހަކަ: މެއިޑް

ކޮޓަރީގެ އެނދުމަތީގައި ހުރި ކަޅު ބޮޑުފޮއްޓަކަށް ޖަބީން އޭނާގެ ހެދުންތައް އަޅަމުން ދިޔައެވެ. ލޮލުން ފޭދެމުންދިޔަ ކަރުނަތައް އިރު އިރުކޮޅާ އޭނާ އަތުގެ ނުފުށުން ފޮހެލައެވެ. ފަހަރަކު އެއްޗެއް އޭނާ ފޮށީގައ...

20 Mar 2024 | 05:49

ކޮޓަރީގެ އެނދުމަތީގައި ހުރި ކަޅު ބޮޑުފޮއްޓަކަށް ޖަބީން އޭނާގެ ހެދުންތައް އަޅަމުން ދިޔައެވެ. ލޮލުން ފޭދެމުންދިޔަ ކަރުނަތައް އިރު އިރުކޮޅާ އޭނާ އަތުގެ ނުފުށުން ފޮހެލައެވެ. ފަހަރަކު އެއްޗެއް އޭނާ ފޮށީގައި ބާއްވަމުން ދިޔައީ ނުހަނު ތަރުތީބުންނެވެ. ހުރިހާއެއްޗެއް ފޮއްޓަށް އަޅައި ނިމުމުން އަލަމާރީގެ ތެރެއިން އޭނާ ނެގީ ދެފޮޓޯ ލޯގަނޑެވެ. އެއްފޮޓޯގައި ތިބީ އާސިފް އާއި އޭނާގެ އެންމާބަނޑު ދެ އަންހެންދަރީން ކަމުގައިވާ ޒީނާ އާއި ޒައިނާގެ އިތުރުން އެކުދިންގެ މާމަ ނަފީސާއެވެ. އެއީ އެކުދީން ނުހަނު ޅައިރުގެ ފޮޓޯއެވެ. އެއީ މިގެއަށް ޖަބީން އައިތާ ކައިރީގައި ނަގާފައިވާ ފޮޓޯއެކެވެ. އެފޮޓޯއަށް ނުހަނު އަސަރަކާއި އެކު ބަލާލުމަށްފަހުގައި ދެން ޖަބީން ނެގީ އަނެއް ފޮޓޯލޯގަނޑެވެ. އެއީ އޭނާގެ ސާހިބު މީހާ އަދި މިގޭގެ ވެރިޔާ އާސިފްގެ ފޮޓޯއެކެވެ. އެފޮޓޯލޯގަނޑު މޭގައި ޖައްސާލުމަށްފަހު، ޖަބީން ދެލޯމަރާލިއެވެ. ލޮލުން ފޫދިގެން ދިޔަ ކަރުނަތަކުން އެސްފިޔަތަކުގެ ފަރުދާ ފޫވެއްޓި ކޯތާފަތްމަތިން ކޯރު ދެމިގެން ދިޔައެވެ. އޭނާ އެފޮޓޯ ލޯގަނޑު މޭގައި ބޮނޑިކޮށްލީ އެއީ އާސިފް ކަމުގައި އިހްސާސް ކުރަމުންނެވެ.

ޖަބީން ސިއްސައިގެން ދިޔައީ، މީހަކު ދޮރުގައި ޓަކި ޖަހާލުމުންނެވެ. ޑްރެސިންގ ޓޭބަލް މަތީގައިވާ ގަޑިއަށް ޖަބީން ބަލާލިއެވެ. ގަޑިން 10 ޖަހަނީ އެވެ. މިގެއާއި މިއާއިލާއަށް ވަދާޢުގެ ސަލާމްކޮށް ޖަބީން އޭނާގެ ޤައުމަށް ފުރައިގެން ދިޔުމުގެ ވަގުތު އައިސް ޖެހުނީއެވެ. ދޮރުގައި އެޖެހީ އޭނާ ލަސްވެގެން އޭނަ ފުރުވާލަން ބަލާ އައިސްހުރި، އޭނާ ރާއްޖެ ގެނެސްދިން އޭޖެންސީގެ އެޖެންޓްކަން ޖަބީންއަށް އެނގުނެވެ.

ފޮށި ހިފައިގެން ޖަބީން ސިޓިންގ ރޫމަށް ނުކުތް އިރު، ސިޓިންގ ރޫމުގެ ސޯފާގައި އާސިފް އޮތެވެ. އޮށޯވެލައިގެންނެވެ. ނިތްކުރިމައްޗަށް އަތް ވައްޓާލައިގެންނެވެ. އޭނާގެ ހާސްވުމާއި ކަންބޮޑުވުން އެންމެ ރަނގަޅަށް އެނގޭ އެކަކީ ޖަބީންއެވެ. އެހެނީ އާސިފާއި ކުދީންގެ ހުރިހާކަމެއް މިވީހާތަނުގައި ބެލެހެއްޓީ ޖަބީންއެވެ. ގޭގައި ގެންގުޅޭ މެއިޑެއްގެ ހައިސިއްޔަތުންނެވެ. އެމީހުން ދެކުނީ އެގޮތަށް ކަންނޭނގެއެވެ. އެކަމަކު ޖަބީން ދެކުނީ އެގޮތަކަށް ނޫނެވެ. ޖަބީންދެކުނީ މިއީ އޭނާގެ އަމިއްލަ ގެދޮރުކަމަށެވެ. އަމިއްލަ އާއިލާކަމަށެވެ. އޭނާ އަކީވެސް އިންޑިޔާގެ ޔަތީމުޚާނާއެއްގައި ބޮޑުވި އެއްވެސް ތިމާގެ މީހަކު ނެތް މީހަކަށް ވުމުން މިއާއިލާގެ ތެރެއިން އޭނާއަށް ނުލިބުނު އާއިލީ ލޯބި ލިބުމުންނެވެ.

ޖަބީން އެގެއަށް އައީ މީގެ 30 އަހަރު ކުރިންނެވެ. އާސިފްގެ އަންހެނުން އެއްމާބަނޑު ދެކުދީން ވިހާފައި ކޯމާއަކަށް ދިޔުމުންނެވެ. އާސިފްގެ މުސްކުޅި މަންމައަށް އެކުދިން ނުބެލެހެއްޓޭނޭތީއެވެ. އޭރު ޖަބީންގެ އުމުރަކީވެސް އެންމެ 22 އަހަރެވެ. އެދުވަހު އެގެއަށް އައުމުން އާސިފް ޖަބީންގެ އުނގުގައި ބޭއްވީ އެންމެ ކުއްޖެއް ނޫނެވެ. އެއްމާބަނޑު ދެކުދީންނެވެ. އެކުދީންގެ ކަންކަމާއި ގޭތެރެ ބެލެހެއްޓުން ހަވާލުވީ ޖަބީންއަށެވެ. އާސިފްގެ މުސްކުޅި މަންމަ ހުރީ ޖަބީންއަށް މަގުދައްކައިދޭށެވެ. އުޖޫރައެއްގެ ގޮތުގައި މުސާރައަށް މަހަކު 100 ޑޮލަރު ދެމުން އައިއިރު މިއަދާއި ހަމަށް އެމިންވަރު އާސިފްވަނީ 350 ޑޮލަރަށް ބޮޑުވެސް ކޮށްދީފައެވެ. ފާއިތުވި 3 މަހެއްހާ ދުވަހުގައި ފިޔަވައި އާސިފް ޖަބީންއަށް ކޮންމެ މަހަކު ބަރާބަރަށް މުސާރަވެސް ދިނެވެ.

ޖަބީން އެގެއަށް އައިތާ މާގިނަ ދުވަހެއް ނުވެ، އާސިފްގެ އަންހެނުން ނިޔާވީއެވެ. އާސިފްގެ މަންމަވެސް މުސްކުޅި ބަލީގައި ތަންމަތިވީއެވެ. އާސިފްގެ މަންމަ އާއި ދެކުދިންނާއި ގޭތެރެ ބަލަހައްޓަމުން ދިޔައީ ޖަބީންނެވެ. އާމުދަނީ ހޯދުމާއި ވިޔަފާރީގެ މަސައްކަތްތަކުގައި އާސިފް އުޅުނީ އަވަދި ނެތިއެވެ.

އާސިފްގެ މަންމަވެސް ހައެއްކަ އަހަރު ބަލިތަންމަތީގައި އޮވެފައި މަރުވިއިރު، އޭނާގެ ހުރިހާކަމެއް ބެލެހެއްޓީ ޖަބީންއެވެ. އަމިއްލަ މައިމީހާ ކަމުގައި ދެކިގެންނެވެ. އާސިފްގެ މަންމަ ނިޔާވި ދުވަހު އާސިފަށާއި ކުދީންނަށް ހިއްވަރުދީ، ދިރިއުޅުމުގެ އުންމީދުތައް އާކޮށްދޭން ހުރީވެސް ޖަބީންއެވެ.

އާސިފްގެ ދެކުދީން ސްކޫލަށާއި ޓިއުޝަނަށް ގެންދިޔުމާއި އެނޫންވެސް ހުރިހާ ޒިންމާއެއް ޖަބީން އުފުލީ އުފަލުންނެވެ. އެއީ އޭނާއަށް ލިބޭ މުސާރައަކަށް ކުރި ކަމެއް ނޫނެވެ. އޭނާގެ ހިތުގައި އޭނާގެ ސާހިބުމީހާއަށާއި އޭނާގެ ދަރީންނަށް ހިތުގައި އޮތް ލޯބީގެ ސަބަބުންނެވެ. މިއަދު އާސިފްގެ ކުދީން ބޮޑެތިވެއްޖެއެވެ. ކިޔަވައިނިމި މީހުންނާއިވެސް އިނދެގެން މިގޭގައި ދިރިއުޅެންވެސް ފަށައިފިއެވެ. މިއަދު މިގޭގައި ޖަބީން ކުރާނެ މަސައްކަތެއް މިހާރަކު ނެތެވެ. އޭނާގެ ބޭނުން އެއާއިލާއަށް ފުރިހަމަވީއެވެ. ފުރައިގެން ދާންވީ ވަގުތުޖެހުނީއެވެ.

އެގޭތެރެއަށް ޖަބީން ނަޒަރު ހިންގާލިއެވެ. ކޮންމެ އެއްޗެއް ވަނީ އެތައް ހަނދާނަކާއި ގުޅިފައެވެ. މިއީ އޭނާގެ ޒުވާން އުމުރު ހޭދަކޮށްލި ގެއެވެ. މިއީ އޭނާއަށް ނުލިބުނު އާއިލީ ލޯބި ލިބުނު ގެއެވެ. މިގޭގެ ކޮންމެ އެއްޗެއް ކޮންމެ ގާކޮޅެއް ޖަބީން ހިތުދަހެވެ. އެއިން ކޮންމެ އެއްޗަކަށް ޖަބީންގެ ހިތުގައި ޚާއްސަ ލޯތްބެއް އުފެދިފައި ވެއެވެ. މިގެއާއި ވަކިވެގެންދާކަށް އޭނާ ބޭނުމެއް ނޫނެވެ. މިއާއިލާ ދޫކޮށްލާކަށް އޭނާގެ ހިތެއް ނޭދެއެވެ. އުފަންޤައުމަށް އިންޑިޔާއަށް ދިޔަ ނަމަވެސް އެތަނަކީ، ޖަބީންގެ އެއްވެސް އެއްޗެއް އޮތްތަނެއް ނޫނެވެ. އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ހަނދާންތައް ގުޅިފައިވަނީ މިގެއާއެވެ. މިޤައުމާއެވެ.

ޖަބީން އާސިފަށް ބަލާލިއެވެ. އޭނާ އޮތީ ކަންބޮޑުވެ ގޮތް ހުސްވެފައިކަން ޖަބީނަށް އެނގެއެވެ. އޭނާގެ ފިހާރަ އަނދައިހުލިވެ ލިބުނު ބޮޑު ގެއްލުމުގެ ސަބަބުން ދިރިއުޅުން ވަނީ އަޑިއަޅާލާފައެވެ. ބޭންކުން ނަގާފައިވާ ލޯނު ނުދެއްކޭނަމަ، ގެ ނީލަމުގައި ވިއްކާލުމުގެ ހުއްދަ ކޯޓުން މިއަދު ބޭންކަށް ދީފިއެވެ. ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރަން އާސިފަށް ވަނީ މަޖުބޫރުވެފައެވެ. ބޮޑުވެފައި ތިބި ދެއަންހެންދަރީންނަށް މޮޅަށް ކިޔަވައިދީގެން ލިބުނު ފަސޭހައެއް ނެތީމައެވެ. އާމްދަނީއެއް ހޯދައިގެން އަމިއްލައަށް ދިރިއުޅުމަށްވުރެ އެކުދީންގެ ދިރިއުޅުންވެސް ބިނާކޮށްފައި އޮތީ ބައްޕަގެ މައްޗަށް ބަރޯސާކޮށްގެން ކަމުގައި ވުމުންނެވެ. ދެއަންހެންދަރީން އިނދެގެންތިބި ދެފިރިހެނުންނަކީވެސް ކުޅޭ ކުޅޭ ވިސްނުމުގެ ހަރުދަނާކަމެއް ނެތް ދެފިރިހެނުންނަށް ވުމުން ދިރިއުޅުމުގެ ހުރިހާ ބުރައެއް އާސިފަށް އުފުލަންޖެހިފައިވަނީ އެކަންޏެވެ. އޭނާގެ ބޯ ހާސްވެފައި ވަނީ އެކަން ކަމުގެ ސަބަބުން ކަން ޖަބީންއަށްވުރެ ރަނގަޅަށް އެނގޭނޭމީހަކު ނެތެވެ.

އާސިފްދެކެ ޖަބީނަށް ވަނީ ލޯބިވެވިފައެވެ. އެއީ މިއަދަކު އިއްޔެއަކު ވީކަމެއް ނޫނެވެ. މީގެ އެތައް އަހަރެއް ކުރީންނެވެ. ޖަބީން އާސިފްދެކެ ވާލޯބި ހާމަ ނުކުރެވުނީ އެދެމެދުގައިވާ ފަރަގު ބޮޑުކަމުންނެވެ. ޖަބީން އާއި މެދު އާސިފްގެ އެފަދަ ނިޔަތެއް ނެތްކަން އޭނާގެ ބަހާއި އަމަލުތަކުން ސާބިތުވާތީއެވެ. އޭގެ އިތުރަށް ގޭގައި ގެންގުޅެން ގެނައި ބިދޭސީ އަންހެނަކު އޭނާގެ ސާހިބު މީހާދެކެ ޢިޝްޤީ ލޯތްބެއްވުމަކީ ދުނިޔެ ލަޢުނަތްދޭނޭ ކަމެއް ކަމުގައި ވިޔަތީއެވެ.

ޖަބީން އާސިފް އޮތް ސޯފާ އާއި ގާތްވެލިއެވެ. އަދި އެސޯފާކައިރީގައި ހުރި މޭޒުމަތީގައި ސިޓީއުރައެއް ބޭއްވިއެވެ. އާސިފް ޖަބީންއަށް ބަލާލީ އެވަގުތުއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއި އެކު މީގެ ކުރިން ދުވަހަކުވެސް ނުވާ އިހްސާސެއް ޖަބީނަށް ވިއެވެ. އާސިފް ބުނާކަހަލައެވެ. އަހަރެން ޖަބީން ފޮނުވާލާކަށް ބޭނުމެއް ނޫނެވެ.

ޖަބީން އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. އަދި ވަރަށް މަޑުމަޑުން އަޅުގަނޑު ދަނީއޭ ބުނެ ގޭގެ މައިދޮރާއި ދިމާއަށް ހިނގައިގަތެވެ. އޭނާގެ ލޮލަށް ޖަމާވި ކަރުނަތަށް ސިއްރު ކުރަމުންނެވެ. ގޭގެ މައިދޮރުން ބޭރަށް ނުކުމެފައި އަނެއްކާވެސް އޭނާ ދޮރާއި  ދިމާއަށް ބަލާލިއެވެ.

ޖަބީން ނުކުތުމުން، އާސިފް ތެދުވެ ސޯފާގައި އިށީނެވެ. ޖަބީން ބޭއްވި ސިޓީ އުރަ އާސިފްގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އާސިފް ސިޓީއުރަ ނަގައި ހުޅުވާލިއެވެ. އޭގައި އޮތީ އާސިފްގެ ނަންޖަހައިފައިވާ 87000 ޑޮލަރުގެ ޗެކަކާއި ކުރު ނޯޓެކެވެ. ސާފު ރީތި ދިވެހި ބަހުން ލިޔެފައިވާ އެނޯޓުން މިވީ 30 އަހަރުގެ ތެރޭގައި ވަރަށް ރަނގަޅަށް ޖަބީން ހުރީ ދިވެއްސަކަށް ވެފައި ކަން އެނގެއެވެ. ނޯޓު ކޮޅު ކިޔާލާފައި އާސިފަށް ތެދުވެވުނީ ކޮޅަށެވެ.

އެނޯޓުގައި ވެއެވެ. "ސާހިބާއެވެ. މިފައިސާ އަކީ އަޅުގަނޑަށް ދެއްވި މުސާރައެވެ. އެއިން އަޅުގަނޑު ކުރާނެ ބޭނުމެއް ނެތީމާ އަނބުރާ މިހަދިޔާ ކުރީ، އަޅުގަނޑަށް ވުރެ، އަޅުގަނޑުގެ އަމިއްލަ އާއިލާ ކަމުގައި ދެކުނު ތިޔަ ބޭފުޅުންނަށް އެފައިސާގެ ބޭނުން ބޮޑުވީމައެވެ. މިގޭގައި ފާއިތުވި 30 އަހަރު އަޅުގަނޑު ހޭދަކުރި އުފާވެރި ދިރިއުޅުން އަޅުގަނޑަށް އަޅުގަނޑުގެ މުސާރަ ކަމުގައި ފުދެއެވެ. އަޅުގަނޑަކީ ސާހިބާގެ ނޯކަރެވެ. އެހެނަސް ޔަތީމު ހާނާއެއްގައި ބޮޑުވި އަޅުގަނޑުފަދަ އަންހެނަކަށް މިގެއިން ލިބުނު އާއިލީ ލޯބީގައި އަޅުގަނޑު ޣަރަޤުވީއެވެ. އަމިއްލަ ދިރިއުޅުމެއް ބިނާކުރުމަށް ހަނދާންނެތުނީއެވެ. އަޅުގަނޑު ކޮންމެވެސް ދުވަހަކުން މިގެއިން ދާންޖެހޭނެ ކަން އަޅުގަނޑަށް ނުވިސްނުނީތީއެވެ. އަޅުގަނޑުގެ މިހަދިޔާ ޤަބޫލު ކުރައްވާށެވެ."

އާސިފް ހައިރާން ވިއެވެ. ތެދެކެވެ. 30 އަހަރު ޖަބީން މިގޭގައި އުޅެފިއެވެ. އޭނާ އާސިފްގެ ދަރީން ބަލައިދީ ދިރިއުޅުން ކޮޅަށް ޖަހައިދިނެވެ. އަނެއްކާވެސް އެންމެ އެހީތެރިކަން ބޭނުންވީ ދުވަހު އެހީތެރިކަމުގެ އަތެއް އެދިއްކޮށްލީ އޭނާއެވެ. އާސިފް ހައިރާންވިއެވެ. މިވީ 30 އަހަރުގެ ތެރޭގައި ޖަބީން އާއި މެދު އޭނާއަށް ސަމާލުކަމެއް ނުދެވުނީތީއެވެ. އެންމެ ކުޑަމިނުން އޭނާ ޗުއްޓީއަށް ޤައުމަށް ނުދާ ސަބަބެއް އަހައި ނުލެވުނު އިރު އޭނާގެ އާއިލާ ކޮބައިތޯވެސް އަހާ ނުލެވުނީތީއެވެ.

ހަދާނެ ގޮތެއް އާސިފަކަށް ނުވިސް ނުނެވެ. ޖަބީން އާސިފާއި މެދު ދެކެނީ ހަމައެކަނި ސާހިބު މީހާގެ ގޮތުގައި ނޫންކަން އާސިފަށް ވިސްނުނީ އަދި ކިރިޔާއެވެ. އާސިފްގެ ކޮންމެ ކަމެއްގައި ޖަބީން ފަރުވާ ބެހެއްޓި މިންވަރާއި މެދު ވިސްނާލެވުމުންނެވެ. ކިތަންމެ ކުޑަކަމެއް ނަމަވެސް އޭނާ ދޫކޮށެއް ނުލައެވެ. ހަމައެކަނި އަނތްބެއް ކަމުގައި ނުވާކަމެވެ. އެމަޤާމަށް އޭނާ ނާންނަ ކަމެވެ. އާސިފަށް ގަޑިއަށް އޮފީހަށް ދާން ގޮވާނެއެވެ. ކޮފީތައްޓާއި ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެއެވެ. ފާޚާނާ ތައްޔާރުކޮށް ހޫނުފެން ބިލިގާއަށް އަޅާނެއެވެ. ކޮންމެ ދުވަހަކު ތުވާލިތައް ބަދަލުކުރާނެއެވެ. ގަމީހާއި ފަޓުލޫނާއި އިސްޓާކީނުތައް ތަރުތީބު ކުރާނެއެވެ. އޮފީސް ފައިލްތައް ތައްޔާރުކޮށްދޭނެއެވެ. އެނބުރިގެއަށް އަންނަ އިރު ރަނގަޅު ކާއެއްޗެއް ހަދާފައި ހުންނާނެއެވެ. ކުދިންގެ ކަންކަމުގައިވެސް ޖަބީން އެހާތަރުތީބު ވެފައި ބަރާބަރެވެ. ހަޤީޤަތަކީ، ދެވަނަ މީހަކާއި އިނުމުގެ ޚިޔާލެއްވެސް އާސިފް ނުގެނެވުނީ، ގޭތެރެ ޖަބީން ބަލަހައްޓައިދިންލެއް ފުރިހަމަ ކަމުންނެވެ. އެކަމަކު އޭގެ ބަދަލުގައި އެއާއިލާގެ ފަރާތުން ޖަބީން އަކަށް އެކައްޗެއްވެސް ނުދެވުނޭ އާސިފްގެ ހިތަށް އެރިއެވެ.

ޖަބީން ފުރައިގެން ދިޔުމުން އާސިފަށް ލިބުނީ، އޭނާވެސް ހައިރާންވާފަދަ ފަޅުކަމެކެވެ. ދެއަންހެންދަރީން ގޭގައި އުޅުނު ނަމަވެސް ހުރިހާއެއްޗެއްގެ ތަރުތީބު ގެއްލުނީއެވެ. އާސިފުގެ ކަންކަންވެސް ކޮށްދޭނެ މީހަކު ނެތި އޭނާވެސް އެކަނިވެރިވީއެވެ. އެގޭގެ ކޮންމެ އެއްޗެއްވެސް އެދި ގޮވަނީ ޖަބީނަށް ކަހަލައެވެ. ކޮންމެ އެއްޗެއްވެސް އިހްސާސް ކުރަނީ ޖަބީން ނެތުމުގެ ފަޅުކަން ކަހަލައެވެ.

ހަތަރު މަސް ވީއިރު، ޖަބީން ހަދިޔާކުރި ފައިސާއިންނާއި އެހެން ވިޔަފާރިވެރިން އަތުން ނެގި ލޯންތަކުގެ އެހީގައި އާސިފަށް ވިޔަފާރި ނަގައި ކޮޅަށް ޖެހިއްޖެއެވެ. ތަނަވަސް ދިރިއުޅުން އަނބުރާ ލިބިއްޖެއެވެ. ވިޔަފާރީގެ ނަފާ އަލުން ލިބެން ފަށައިފިއެވެ. އެހެން ނަމަވެސް ޖަބީން ނެތުމުގެ ފަޅުކަން ކޮންމެ ވަގުތަކު ކޮންމެ މިނިޓަކު އާސިފަށް އިހްސާސް ވަމުން ދިޔައެވެ. އެއާއި އެކު އޭނާވެސް ގޮތެއް ނިންމައިފިއެވެ. ޖަބީން އަލުން އަނބުރާ އެގެއަށް ގެނައުމަށެވެ. އެކަމަކު އާސިފް ދެން ޖަބީން އެގެއަށް ގެންނަން ބޭނުން ވަނީ މެއިޑެއްގެ ގޮތުގައެއް ނޫނެވެ. އަނތްބެއްގެ ގޮތުގައެވެ. އެހެނީ އޭނާގެ ނަސީބުގައި އޭނާ އާއި އެންމެ ގުޅޭ ބައިވެރިޔަކީ އެއީކަން އާސިފަށް ވިސްނުނީ އަދި ކިރިޔާއެވެ.

ޖަބީން ފުރައިގެން ދިޔަތާ 6 މަސްފަހުން އަނެއްކާވެސް އާސިފް އިންޑިޔާއަށް ގޮސް އޭނާ ގެނެސްފިއެވެ. އޭނާ އާއި ކައިވެނިކޮށްގެންނެވެ. އެއަށްފަހު ކުދީންނާއި އެކު އުފާވެރި ދުވަސްތަކެއް އެދެމީހުން ވޭތުކުރީ އަރާމާއި ނިޢުމަތުގައެވެ.

----

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް