މިއަހަރުގެ ރަމަޟާން މަހު ފިތުރު ޒަކާތް ބަލައިގެންނަން ހަމަޖެހިފައިވާ އުސޫލުތައް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ފިތުރު ޒަކާތް ބަލައިގެންނަން ފަށާނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށްވާ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ. ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ޒަކާތް ބަލައިގަތް ނަމަވެސް އެހެން ގޮތްގޮތުން ޒަކާތް ބަލައިގެންނާނީ ރޯދަ މަހުގެ29 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުވެސް ދިރާގު، އުރީދޫ، އެމްއައިބީ، ބީއެމްއެލް އަދި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އެވެ.
މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ މީހަކަށް 2.4 ކިލޯ ހަނޑުލުމުގެ މިންވަރެވެ. ކައުންސިލް އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެ ރަށަކުން ގަންނަން ލިބޭ އަގުންނެވެ.
އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާ އިންނެވެ. މިއަހަރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހެނީ:
އާދައިގެ ހަނޑޫ: 12 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ: 84 ރުފިޔާ
ރަތް ހަނޑޫ 99 ރުފިޔާ
ބާސްމަތިީ ހަނޑޫ (އާދައިގެ): 84 ރުފިޔާ
ބާސްމަތީ ހަނޑޫ (މޮޅު): 100 ރުފިޔާ
ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ
އާދައިގެ ފުށް: 12 ރުފިޔާ
އާޓާ ފުށް: 75 ރުފިޔާ
އަތޮޅު ތެރޭގައި މީގެ އިތުރުން ރޯދަ މަހުގެ ފަހު10 ގައި ގޮވާމުން ޒަކާތް ބަލައިގެންނަނާނެ އެވެ.
ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 ން 1:00 އަށެވެ. މާލެ ފިޔަވައި އެހެނިހެން ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ކައުންސިލް އިދާރާއިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް