"އިޒްވާ އަހަރެން ދެކެ ލޯބި ނުވަންޏާ އޭނާގެ ކުރިމަތީގައި މިތާ ހުންނަން އަހަރެން ބޭނުމެއް ނޫން.. އަހަރެން ދާނީ ކޮންމެވެސް އެހެން ތާކަށް.. އެހެން ރަށަކަށް ނޫނީ އެހެން ގައުމަކަށް.. އަހަރެން ފެންނަން ހުންނަންޏާ އިޒްވާއަށްވެސް އުޅެން ފަސޭހައެއްނުވާނެ އޭރުން.. އަނެއްކޮޅުން ޝިވަން ދޮންބެގެ އުފާތަކަށް ހުރަސް އެޅިދާނެތީ އަހަރެން ބިރުގަނޭ.. މިތަނުގައި ހުރެފިއްޔާ ބޭއިޚްތިޔާރުގައި ނަމަވެސް އަހަރެންނަށް އެދެމެދަށް ވަދެވިދާނެ.." އަރްހާން މާޔޫސްވެ އިނދެ ވާހަކަދެއްކިއެވެ. ހަމައެވަގުތު ސިޓިންގްރޫމުން ރައިހާނާ ގޮވާ އަޑު އިވިއްޖެއެވެ. ދެތިން ފަހަރަކު ގޮވައިލުމުން ކޮޓަރިން ނިކުތީ ކައިލްއާއި އަރްހާން އެކުއެކީގައެވެ. ސިޓިންގްރޫމުގައި ތިބި އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. އެމީހުން ބަލަހައްޓައިގެން ހުރި ދިމާލަށް ބަލައިލިއިރު ދޮރުމަތީގައި ފުލުހުންގެ ތިން މީހަކު ތިއްބެވެ.
" ތީ ތަ އަރްހާން އަކީ...؟؟؟ " މެދުގައި ހުރި ފުލުސް މީހާ ކުރިއަށް ޖެހިލާ އަހައިލިއެވެ. އަރްހާންގެ މޫނުމަތިން ކަންބޮޑުވުމެއް ނުފެނެއެވެ. މިފަދަ ވަގުތެއް އައިސްދާނެ ކަމަށް އޭނާ ހުރީ މާކުރިން ތައްޔާރުވެގެންނެވެ. ރައިހާނާ ކަންބޮޑުވެފައި ހުއްޓާ ފާރިހާ އައިސް ރައިހާނާގެ އަތުގައި ހިފަހައްޓާލައިފިއެވެ. ދުރުގައި ހުރި އިޒްވާއަށްވެސް އެއްފަހަރު އަރްހާންއަށް އަނެއްފަހަރު ފުލުސްމީހާއަށް ބަލައިލެވެއެވެ.
" ވަޓް ޑިޑް ޔޫ ޑޫ..؟ " އަރްހާންގެ ކަންފަތް ދޮށައް ގުދުވެލާ ކައިލް އެހިއެވެ.
" ލައްބަ.. އަޅުގަނޑު މީ އަރްހާން.. " ކުރިއަށް ޖެހިލާ ފުލުސް މީހާއާ ކުރިމަތިލަމުން އަރްހާން ބުންޏެވެ.
" އައިދަން އަހުމަދުގެ ގެއަށް އޭނާގެ ހުއްދަ ނެތި ވަދެ އޭނާއަށް އަނިޔާކުރުމުގައި ތުހުމަތުގައި ތިބޭފުޅާ ފުލުހުންގެ ބެލުމުގެ ދަށައް ގެންދަން މިދުރުވީ.. މިއޮތީ ކޯޓު އަމުރު... " ހުދުކުލައިގެ ގަނޑެއް ދިއްކޮށްލަމުން އެފުލުސް މީހާ ބުންޏެވެ. ތަނުގައި ތިބި އެންމެންނަށް ލިބުނީ ސިހުމެކެވެ. ހާއްސަކޮށް އިޒްވާ އަށެވެ. އަރްހާން އައިދަންގެ ގެއަށް ވަދެ އޭނާއަށް އަނިޔާކުރީ ކީއްވެބާއޭ ހިތަށް އެރިއެވެ. ހާއްސަކޮށް އަރްހާންއަށް އައިދަން އެނގެނީ ކިހިނެއް ހެއްޔެވެ؟ އެވަގުތު ޖަނާންގެ ނަޒަރުވެސް ހުއްޓިފައި ހުރީ އިޒްވާ އަށެވެ. އޭނާއަށް ވަމުން ދިޔަ ޝައްކު ޔަގީނާ ގާތްވަނީއެވެ. ކައިލް ނިތުގައި އަތް އަޅާލާ ދެފަރާތަށް ބޯހޫރައިލިއެވެ. އައިދަންގެ މައުލޫމާތު ހޯދަން އަރްހާންއަށް އެއްބާރުލުން ދިން ނަމަވެސް އަރްހާން އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. ފުލުސް މީހާ ދިއްކޮށްލި ގަނޑުގައި ހިފާކަށް އަރްހާން ނޫޅުނެވެ. ބިޑި އަޅުވާށޭ ބުނާ ފަދަ ގޮތަކަށް އޭނާ ދެއަތް މައްޗަށް އުފުލައިލިއެވެ. އެހިނދު ރައިހާނާ ރޮއެގަންނަމުން އައިސް އަރްހާންގެ އަތުގައި ހިފަހައްޓައިފިއެވެ.
"ހެޔޮނުވާނެ ދަރިފުޅާ ކޮން ކަންތައްގަނޑެއް މީ... އައިދަން އަކީ ކާކު؟ " ކަންބޮޑުވެފައިވާ ހާލު ރައިހާނަ އެހިއެވެ.
"މަންމަ ކަންބޮޑުނުވެބަލަ.. އައިދަން ކަހަލަ ޖަނަވާރަކަށް އަހަރެން ދިނީ ހައްޤު އަދަބެއް.. އެކަކުވެސް މިރޭ އޮތް ބާބެކިއު ކެންސަލް ކޮށް ނުލާތި.. އެހާއިރަށް އަހަރެން ހުންނާނީ ގޭގައި.. " އަރްހާން ޖަވާބު ދެމުން ދިޔައިރު ފުލުހުން އޭނާ އަތުގައި ބިޑު އަޅުވަނީއެވެ. ރައިހާނާ ރޯން ފެށުމުން އޭނާގެ ކައިރިއަށް ޖެހިލީ ފާރިހާއާއި ޖަނާން އެވެ. ދިއުމުގެ ކުރިން އަރްހާން އެންމެ ފަހު ފަހަރަށް ބަލައިލީ އިޒްވާއަށެވެ. އިޒްވާގެ ދެލޯ ފެންކަޅިވެފައިވާތަން ފެނި އަރްހާންއަށް ކުރުވީ ތަފާތު އަސަރެކެވެ. ކުރެވުނު ފޮނި އުއްމީދާއެކު އޭނާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ.
"ޑޯންޓް ވޮރީ އަރްހާން އައިމް ރައިޓް ބިހައިންޑް ޔޫ.. " އަރްހާން ގެންދަން ފެށުމުން ފަހަތުން ދިޔަ ކައިލް ބުނެލި އަޑުއިވުނެވެ.
"ކޮންމެވެސް މީހަކު އަވަހަށް ގުޅާބަލަ ޝިވަންއަށް.. " ރައިހާނާގެ އަޑުގައި ތުރުތުރެއްވިއެވެ. އޭނާގެ ބޮލަށް އެނބުރުން އަރާގޮތްވެ ވެއްޓެން އުޅުމުން ފާރިހާ އަތުލަފިކޮށްގެން ގޮސް ސޯފާގައި ބޭންދިއެވެ. އީލާކް ފެންތައްޓެއް ހިފައިގެން އައިސް ރައިހާނާއަށް ދިއްކޮށްލިއިރު އަލައިކާ ޝިވަން އަށް ގުޅަން މަސައްކަތް ކުރަނީއެވެ. ލިބުނު ހައިރާންކަމުގައި އިޒްވާއަށް ހުރެވުނީއެވެ. އަރްހާން އައިދަންގެ ގެއަށް ވަދެ އޭނާއަށް އަނިޔާ ކުރަންވީ ސަބަބެއް ނޭނގުނެވެ. އެހެން ހުއްޓާ ޖަނާން އައިސް ކައިރިއަށް ހުއްޓިއްޖެއެވެ. އިޒްވާގެ އަތުގައި ހިފައިގެން ޖަނާން ހިނގައިގަތީ އެތެރެއަށެވެ.
***********
ގެއަށް އައިސް ވަން ޝިވަން ގޭތެރެއަށް ނަޒަރު ހިންގައިލިއެވެ. ގޭތެރޭގައި އެއްވެސް މީހަކު ނެތްކަން އެނގުނު ހިނދު ފުން ނޭވައެއް ދޫކޮށްލިއެވެ. ސޯފާއަށް އަތުގައި އޮތް ގަދަ ނޫކުލައިގެ ކޯޓު އެއްލާލުމަށްފަހު ސޯފާއަށް ވެއްޓިގަތެވެ. ދެލޯ މަރައިލީ ލޮލަށް ނިދި ސަވާރުވެފައިވީ ވަރުންނެވެ. ކޮނޑުމަތީގައި މީހަކު އަތްބާއްވައިލިހެން ހީވެ ސިހިފައި ބަލައިލެވުނެވެ. ސޯފާގެ ފަހަތުން އޭނާގެ ކޮނޑުގައި އަތް އަޅާލައިގެން ހުރި މައިރާ ހިނިތުންވެލިއެވެ. ޝިވަންގެ ދެބުމަ ގޮށްޖެހިގެން ދިޔަ ހިނދު މައިރާގެ އަތް ފޮޅުވައިލިއެވެ. ކޯޓު ހިފައިގެން ބާރު ހިނގުމެއްގައި ސިޑިއާ ދިމާލަށް ދިޔައީ ކޮޓަރިއަށް ދިއުމަށެވެ.
"ޝިވަން.. ބޭބީ ޕްލީޒް މަޑުކޮށްބާ... " މައިރާ ދުވެލާފައި ގޮސް ޝިވަންގެ އަތުގައި ހިފައިލިއެވެ. މިފަހަރުވެސް ޝިވަން މައިރާގެ އަތް ފޮޅުވައިލިއެވެ.
"ޕްލީޒް ޝިވަން.. އެންމެ ފަހަރަކު އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ.. ޕްލީޒް.. " ޝިވަންގެ ފަހަތުން ދަމުން މައިރާ ވާހަކަ ދެއްކިއެވެ.
"ކޮންވާހަކައެއް ދެން ދައްކަން އޮތީ.. ހުރިހާ އެއްޗެއް އެނގި ހާމަވެއްޖެ.. އަދިވެސް އަހަރެންނަށް ޤަބޫލުކުރަން ދަތި މައި އަހަރެންނާ ޓޫ ޓައިމް ކުރީކަން.. އަދިވެސް މިހިތް ތިބޭވަފާތެރިޔާއަށް އެދޭތީ އަހަރެންގެ އަމިއްލަ ނަފްސުދެކެ ރުޅިއާދެވޭ.. އާދޭސްކޮށްފަ ބުނަން..!! އަހަރެންގެ ކުރިމައްޗަށް އެވަރަށް ނާދޭ.. " ޝިވަން ބުނެލިއެވެ. އަޑުގައި ހިތްހަމަނުޖެހުން ވިޔަސް އޭނާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ.
"ދެން ކީއްވެ އަހަރެންނަށް މިވަޒީފާ ދީފަ މިގޭގަ ތިބަހައްޓަނީ.. އަހަރެންނަށް އެނގޭ ޝިވަންގެ ލޯމަތިން އަހަރެން ގެއްލެން ބޭނުންނުވާތީކަން މިގޭގަ ތިބަހައްޓަނީ.. ޕްލީޒް ބޭބް.. މާޒީގަ ވީ ހުރިހާ ކަމެއް ހަނދާން ނައްތާލާފަ ހިނގާބަ އާފެށުމަކުން ފަށަން.. ވީކަމެއް ބަދަލެއް ނުކުރެވޭނެއްނު.." މައިރާ ޝިވަންގެ އަތުގައި ހިފާލަން އުޅުނެވެ. ނަމަވެސް ޝިވަން މައިރާގެ އަތް ދުރުކޮށްލިއެވެ.
"ހަނދާން ނައްތާލުމަކީ އެހާ ފަސޭހަކަމެއް ނޫން.. އަހަރެމެން ދެމީހުންގެ ސަބަބުން ބައެއްގެ ދިރިއުޅުން އެފުށް މިފުށައް ޖެހިގެން ދިޔައީ.. ރަނގަޅަށް ތިބުނީ ވެދިޔަ ކަމެއް ބަދަލެއް ނުކުރެވޭނެ.. އެކަމަކު އެކަން ރަނގަޅު ކުރަން މަސައްކަތް ކުރެވިދާނެ.. "
"އިޒްވާއާ ކައިވެނި ކުރީމަ ހުރިހާ ކަމެއް ރަނގަޅު ކުރެވިދާނެތަ؟ ލޯބިނުވާ މީހަކާ ކައިވެނިކޮށްގެން ޝިވަންއަށް އުފަލުގައި އުޅެވޭނެތަ؟ ކުޑަކޮށްވެސް އެފަދަ ނަޒަރަކުން އިޒްވާއާ މެދު ދެކޭނަމަ މިއަދު ޝިވަން ހުންނާނީ އެމީހުން ކައިރީ ހުޅުމާލޭގައި.. " މައިރާ ކައިރިއަށް ރުޅިއަންނަގޮތްވިއެވެ.
"އަހަރެންގެ އުފަލުގައި ނޫޅުނަސް އެއީ މައިރާއާ ބެހޭކަމެއް ނޫން.. ވަކި މައިރާ އަހަރެންނަށް ކޮން އުފަލެއް ދިނީ..؟ މިތަނުން ދޭ މައިރާ! އަހަރެން އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން.. " ޝިވަން ހިނގައިގަތެވެ. ޝިވަން ދާ މަންޒަރު ބަލަން މައިރާ ހުރިއިރު ކަރުނުން ފުރި އޭނާގެ ދެލޯ ފުސްވަމުން ދިޔައެވެ. އެހެން ހުއްޓާ ޝިވަން އެނބުރި ބަލައިލިއެވެ.
"އަދި އެއްވާހަކަ.. އަހަރެން މިގެއަށް މައިރާ ގެނައީ އަހަރެން އަބަދު ދެކެން ބޭނުންވާތީއެއް ނޫން.. ތިއީ ކުރެވޭ ވަރަށް ބޮޑު ކުށްހީއެއް.. މައިރާއަށް ހެދުނު ގޯސް ރަނގަޅުކުރަން އަހަރެން މައިރާއަށް އެހީތެރިވެ މިދެނީ... އެހެންނޫނަސް އެއީ ކައިސަންގެ މާމައެއްނު.. ލޯބިވެރިޔާގެ ހަނދާނުގައި އެއަށްވުރެ މޮޅުކަމެއް ކުރެވިދާނެތަ؟ "ފަހު ޖުމްލަ ބުނެލިއިރު ޝިވަންގެ އަޑުގައިވީ މަލާމާތެވެ. މޫނުމަތީގައި އަތް އަޅާ މައިރާ ރޯންފެށިއެވެ. ބޭނުންނުވިޔަސް މައިރާގެ އެވޭނީ ރުއިމުގެ އަޑުއިވި ޝިވަންގެ ހިތަށް އިންތިހާއަށް އަސަރުކުރިއެވެ. ކައިރިއަށް ގޮސް އެދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެދީ އަތުތެރެއަށް ގެންނަން ބޭނުންވިއެވެ. އެހެންނަމަވެސް މައިރާގެ ބޭވަފާތެރިކަން ހަނދާންވެ ދެއަތް މުށްކަވައިލެވުނެވެ.
"ބޭބީ ޕްލީޒް އަހަރެންނަށް މާފުކުރޭ.. އައިދަންގެ ބަހަށް ހެއްލިގެން އަހަރެންނަށް އެގޯސް ހެދުނީ.. މަޖަލަކަށް ހަދާފައި އަހަރެންނަށް ކުރެވުނީ ކިހާ ގޯސް ކަމެއްކަން އޭރު އަހަރެންނަށް ނޭނގުނީ.. އައިދަންގެ މަކަރުވެރިކަން އެނގިހުރެވެސް އޭނާއާ އެއްބައިވެވުނީ.. ޕްލީޒް..! ދެން ދުވަހަކުވެސް އަހަރެންނަށް މާފެއް ނުކުރާނަންތަ؟ ޕްލީޒް ޝިވީ.. އަހަރެންނަށް ޝިވީއާ ނުލާ ނޫޅެވޭނެ.. " މައިރާ އާދޭސްކުރަމުން ދިޔައެވެ.
"އަހަރެން މައިރާއަށް މާފުކޮށްފާނަން.. އެކަމަކު ދެން އަހަރެންގެ ހަޔާތުން މައިރާއަށް އެއްވެސް ޖާގައެއް ނެތް.. އުމުރު ދުވަހު މަސައްކަތް ކުރިޔަސް އަހަރެންނަށް ކުރެވުނު ކުށުގެ މާފެއް ހައްޤެއް ނުވާނެ.. ސޯ ޕްލީޒް މައިރާ.. ދެން ދެމީހުންނަށްވެސް ރަނގަޅުވާނީ އެކަކު އަނެކަކު މަތިން ހަނދާން ނައްތާލިއްޔާ.. " މިހެން ބުނެ މަޑުނުކޮށް ޝިވަން ގޮސް އޭނާގެ ކޮޓަރިއަސް ވަދެ ދޮރުލެއްޕިއެވެ. ޖީބުގައި އޮތް ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. ސްކްރީނަށް އަރާފައި އޮތް އަލައިކާ ނަން ފެނުމުން ޝިވަން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
*******
"އިޒީތަ އަރްހާންއަށް އައިދަންގެ ވާހަކަ ކިޔައިދިނީ..؟ " ޖަނާން އެހިއެވެ. އަދިވެސް އިޒްވާގެ މޫނުމަތިން ފެންނަން ހުރީ ހައިރާންކަމެވެ.
"ނޫން.. އަރްހާންއަށް ކިހިނެއް އައިދަން އެނގެނީ.. އޭނަ ކީއްވެ އައިދަންއަށް އަނިޔާކުރަންވީ..؟ " އިޒްވާވެސް ހައިރާންވެ ހުރެ އެހިއެވެ.
"އިޒީ ދޮގުހަދަނީތަ؟ ޕްލީޒް ބުނެބަލަ؟ އަހަރެން ކައިރީގައި ބުނަން ނުކުރިގެންތަ ތިއުޅެނީ..؟ " ޖަނާން އައިސް އިޒްވާގެ އަތުގައި ހިފައިލިއެވެ. އިޒްވާ ޖަނާންއާ ދުރުވެލީ ކުއްލިއަކަށެވެ.
"ޖަންނަ ކީކޭ ތިކިޔަނީ؟ އަހަރެންގެ ހިތުގައި އަރްހާންއަށްޓަކައި އެއްވެސް ކަހަލަ އިހުސާސެއް ނުވޭ.. އަހަރެން އޭނަ ދެކެ ލޯތްބެއް ނުވޭ... " އަވަސް އަވަހަށް އިޒްވާ ބުނެލިއެވެ. ޖަނާން ސިހުނުވަރުން ނިތަށް ރޫއަރައިގެން ދިޔައެވެ. އޭނާ އެހުމަކާ ނުލާ އިޒްވާ އޭނާގެ ހިތްހުޅުވާލީހެން ޖަނާންއަށް ހީވިއެވެ.
"އަހަރެން ތިހެނެއް ނާހަމެއްނު.... އިޒީ؟؟ ތިކިޔުނު އެއްޗެއް އެނގޭތަ؟ " ޖަނާން އެހިއެވެ. އިޒްވާއަށް ވިސްނައިލެވުނީ ދެނެވެ. ލޮލަށް ކަރުނަ ޖަމާވީ ހިނދު ޖަނާންއަށް ފުރަގަސް ދެވުނެވެ.
"ހުރިހާ ކަމެއް ވަރަށް ސާފު.. އަރްހާންއަށް ހުރިހާ ވާހަކައެއް އެނގުނީ ކައިލްގެ ފަރާތުންހެން ހީވަނީ.. އަހަރެން އެވާހަކަތައް ކައިލްއަށް ކިޔައިދިނީ.. އަރްހާން އައިދަންއަށް އަނިޔާކުރީ އެކަމާ ރުޅިއައިސްގެން.. އެކަމަކު ކީއްވެ؟ އަރްހާންވެސް އިޒީ ދެކެ..... " ޖަނާން ޖުމްލަ ފުރިހަމަނުކޮށް އިޒްވާއަށް ބަލައިލިއެވެ.
"ޖަންނަ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ އަޅެ.. އަރްހާންއަކީ އަހަރެންގެ ވާން އުޅޭ ފިރިމީހާގެ ކޮއްކޮ.. " އެހުރި ގޮތަށް ހުރެ އިޒްވާ ބުންޏެވެ.
"ތިވިސްނައިދިނީ އަހަރެންނަށްތަ ނޫނީ އަމިއްލަ ހިތަށްތަ؟ " ޖަނާން ބުނެލިއެވެ. އިޒްވާ ހިމޭންވިއެވެ. ޖަނާން ގޮސް އިޒްވާ ގަދަކަމުން އޭނާއާ ދިމާލަށް އަނބުރުވައިލިއެވެ. އިޒްވާގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނައިން ޖަނާންއަށް ހުރިހާ ކަމެއް އެނގި ސާފުވެއްޖެއެވެ.
"ދެން ކިހިނެއް ހަދާނީ... އަހަރެން ގަސަދުގައެއް ނޫން... " އިޒްވާ ރޯންފެށިއެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް