އަގު އުފުލުމުން އެސްޓީއޯއިން ލުނބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށައިފި

ރޯދަ މަހާއި ދިމާކޮށް ލުނބޯގެ އަގު އުފުލިފައިވާތީ އެސްޓީއޯއިން ރާއްޖެއަށް ލުބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ. އެސްޓީއޯއިން ލުނބޯ އެތެރެ ކުރީ އިންޑިއާއިންނެވެ. އެ ކުންފުނިން މައުލޫމާތުދ...

20 Mar 2023 | 13:36

ރޯދަ މަހާއި ދިމާކޮށް ލުނބޯގެ އަގު އުފުލިފައިވާތީ އެސްޓީއޯއިން ރާއްޖެއަށް ލުބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯއިން ލުނބޯ އެތެރެ ކުރީ އިންޑިއާއިންނެވެ. އެ ކުންފުނިން މައުލޫމާތުދޭގޮތުގައި މިއަދުން ފެށިގެން އެ ކުންފުނީގެ ފިހާރަތަކުން ހޯލްސޭލް އަދި ރީޓެއިލްކޮށް އަގު ހެޔޮކޮށް ލުނބޯ ވިއްކަމުންދާނެ ކަމަށެވެ.

އެ ކުންފުނިން ވަނީ ދެ ޓަނުގެ ލުނބޯ އެތެރެކޮށްފައި އެވެ. ލުނބޯ ކިލޯއެއް ވިއްކަނީ 60 ރުފިޔާ އަށެވެ.

ބާޒާރުގައި އަގު އުފުލެމުން ގޮސް އާންމުކޮށް މިހާރު ލުބޯ ކިލޯއެއް ގަންނަން ލިބެން ހުރީ 90 ރުފިޔާ އަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އެސްޓީއޯއިން ލުބޯ އެތެރެ ކުރީ އޭގެ އަގު ދަށް ކުރުމަށް ކަމަށެވެ. އެސްޓީއޯއިން އެދެނީ އާންމު ކާބޯތަކެތީގެ އަގު ވިޔަފާރިވެރިން ބޮޑު ނުކުރުން ކަމަށް އަމްރު ވިދާޅުވި އެވެ.

އެސްޓީއޯއިން ބުނީ ރޯދަ މަހާއި ދިމާކޮށް ތަކެތީގެ އަގު ބޮޑު ކުރާނަމަ އެ ބާވަތެއް އެ ކުންފުނިން އެތެރެކޮށް އަގުހެޔޮކޮށް ވިއްކާނެ ކަމަށެވެ. އެއީ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށާއި ޑިމާންޑަށް ބަލައި އިތުރު ޝިޕްމެންޓުތައްވެސް ގެންނާނެ ކަމަށެވެ.

ލުނބޯގެ އިތުރުން ބިހާއި އަލުވި އަދި ފިޔާވެސް އެ ކުންފުނިން ވަނީ ރޯދައަށް ގެނެސް އަގު ހެޔޮކޮށް ވިއްކަން ފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް