މާރާމާރީއަކާއި ގުޅިގެން ފުލުހުން ހޯދަމުންދާ އިބްރާހިމް ފައިހް ނިޒާމް ފޮރުވައިގެން ގެންގުޅޭކަމުގެ ތުހުމަތުގައި ހައްޔަރު މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލައިފި އެވެ.
އުމުރުން25 އަހަރުގެ ފައިހް ހޯދަން ފުލުހުން އިއުލާނު ކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. މިމަހުގެ 16 ވަނަ ދުވަހު ފުލުހުން ވަނީ އޭނާ އަދިވެސް ނުފެންނާތީ އާންމުންގެ އެހީތެރިކަމަށް އެދިފައި އެވެ.
އޭގެ ފަހުން ރޭ ފުލުހުން ވަނީ އޭނާ ފޮރުވަން އެހީތެރިވެދޭ ކަމުގެ ކުށުގައި ފަސް ދިވެހި ފިރިހެނުން ހައްޔަރުކޮށްފައި އެވެ. އެ އެންމެން ހައްޔަރު ކުރީ މާލެ ސަރަހައްދުންނެވެ.
އޭގެ ތެރެއިން ދެ މީހުން ދޫކޮށްލީ އެމީހުންގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުންނެވެ. އަނެއް ތިން މީހުން15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކުރި އެވެ.
ފައިހް ހޯދަމުންދަނީ ކޮން މާރާމާރީއަކާއި ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ ހޯދަނީ މިދިޔަ ޖެނުއަރީ، 14 ވަނަ ރޭގެ ދަންވަރު މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި ކަމަށް ކުރެވޭ ތުހުމަތާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް