އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްއިން ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރާ "ކްރޮޕް ތަކާފުލް" ހިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.
ދަނޑުވެރިންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މިހިދުމަތް ތައާރަފުކޮށްފައިވަނީ އެލައިޑު އިންޝުއަރަންސްގެ މައި އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
"ކްރޮޕް ތަކާފުލް" އަކީ ދަނޑުވެރިންގެ އާމްދަނީއަށް ކުރިމަތިވެދާނެ ހުރަސްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އެކަމުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޕްރޮޑަކްޓެއް ކަމަށް އަޔާދީއިން މައުލޫމާތު ދެއެވެ. އޮންލައިންކޮށް ވަގުތުން ނެގޭ މިހިދުމަތުގައި ރަޖިސްޓްރީވުމަށް އެއްވެސް ލިޔެކިޔުމެއް ބޭނުން ނުވާ އިރު، މިވަގުތު މިހިދުމަތުގެ ކަވަރޭޖު ހަމަޖެހިފައިވަނީ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދަނޑުތަކަށް ލިބިދާނެ ގެއްލުންތަކަށް ބަދަލު ހޯދާ ދިނުމަށެވެ.
"ކްރޮޕް ތަކާފުލް" ނަގާފައިވާ ދަނޑުވެރިޔަކަށް، ޕްލޭންގެ މުއްދަތުގައި މިފަދަ ގެއްލުމަކާއި ކުރިމަތިވެއްޖެނަމަ، ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓަކާއި އެކު ފޮޓޯ ހުށައެޅުމުން ބަދަލު ހަމަޖެހިގެންދާނެއެވެ. ބަދަލުގެ ގޮތުގައި ކަނޑައެޅިފައިވަނީ ދަނޑު ހެއްދުމަށް ކޮށްފައިވާ ހަރަދުތަކާއި އެއިން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ފައިދާވެސް ހިމެނޭ ގޮތަށެވެ.
މިހާރުވެސް ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާ، ބާރުވެރިވެރިކޮށްދޭ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ އެލައިޑް އިންޝުއަރަންސްއިން އުއްމީދުކުރާ ގޮތުގައި "ކްރޮޕް ތަކާފުލް"އަކީ ވެސް ދަނޑުވެރިންނަށް މޫސުމީ ބަދަލުތަކުގެ ސަބަބުން އަމްދަނީއަށް ކުރާ އަސަރު ކުޑަކޮށް ކޮލިޓީ އޮފް ލައިފް އިތުރު ކޮށްދޭން ހިދުމަތަކަށް ވެގެންދާނެއެވެ.
އެގޮތުން "މައި އެލައިޑް" މެދުވެރިކޮށް ވަގުތުން، ފަސޭހައިން ނެގޭ މިހިދުމަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ކުރާއްވާނެ ކަމަށް އުއްމީދުކުރާ ކަމުގައި އެލައިޑުން ފާހަގަކުރިއެވެ. އަދި މިކަމަށް ހިނގާނެ ހަރަދު ބަލާލަން ބޭނުންވެއްޖެ ހާލަތެއްގައި މައި އެލައިޑް މެދުވެރިކޮށް އަގު ބަލާލެވޭނެ ކަމުގައި އެކުންފުނިން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް