ހުޅުމާލޭ މެކޭނިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި

ހުޅުމާލޭގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އިޢުލާނު ކޮށްފިއެވެ. މިކަން ހާމަކޮށް އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފ...

20 Mar 2023 | 07:19

ހުޅުމާލޭގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އިޢުލާނު ކޮށްފިއެވެ.

މިކަން ހާމަކޮށް އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގައި ހުރި ހަ މެކޭނިކަލް ޕާކިން ސިސްޓަމެއް މަރާމާތުކުރުމަށްފަހު، އޮޕަރޭޓްކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އޮޕަރޭޓު ކުރާނެ ފަރާތް ހޯދުމަށް އެޗްޑީސީން ހުޅުވާލާފައިވަނީ ނިރޮޅުމަގުގައި ހުރި ދެ ޕާކިން ސިސްޓަމާއި، ކަނީރުމަގުގައި ހުރި ޕާކިން ސިސްޓަމާއި ބޯގަންވިލާ މަގުގައި ހުރި ތިން ޕާކިން ސިސްޓަމުގެއެވެ.

އެޗްޑީސީން ބުނީ މިކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ މާދަމާ ހެނދުނު 10:30 ގައި ޒޫމް މެދުވެރިކޮށް ކަމަށާއި އަދި މި މަހުގެ 27 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭއިރު، ޕްރޮޕޯސަލް ހުޅުވުން އޮންނާނީ އަންނަ މަހު ތިނެއްގައި ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ޖުމުލަ 58 މިލިއަން ރުފިޔާ ހޭދަކޮށްގެން ރާއްޖެއަށް އަލަށް ތަޢާރަފްކުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް ބޭނުންކުރެވޭގޮތް ހެދުމުގެ މަސައްކަތް މިސަރުކާރުން ދަނީ ކުރަމުންނެވެ. މެކޭނިކަލް ޕާކިން ސިސްޓަމްތަކުގެ ބޭނުން ނުކުރެވިފައި ހުރީ އެގޭ މަސައްކަތްތައް އެއްކޮށް ނުނިމޭތީ ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފައެވެ.

ޖުމުލަ 58 މިލިއަން ރުފިޔާ ހޭދަކޮށްގެން ރާއްޖެއަށް އަލަށް ތަޢާރަފުކުރި މި ހަ ޕާކިން ސިސްޓަމުގައި 166 ކާރަށް ޕާކް ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް