އިނިގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ފުލަމްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ސެމީ ފައިނަލަށް މެންޗެސްޓަރ ޔުނައިޓެޑް ދަތުރުކޮށްފިއެވެ.
ރޭގެ މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއިންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ފުރަތަމަ ހާފު ނިމުނީ0-0 ގެ ނަތީޖާއިންނެވެ.
ދެވަނަ ހާފަށް ކުޅެން އަރާ ފުރަތަމަ މެޗުގެ ލީޑު ހޯދީ ފުލަމްއިންނެވެ. މެޗުގެ 49 ވަނަ މިނެޓުގައިި އިއްސާ ޑިއޯޕް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ފުލަމްއަށް ޖަހައިދިނީ އަލެކްޒެންޑަރ މިޓްރޮވިޗް އެވެ. މި ލަނޑާއި އެކު ލީޑުގައި އޮވެ ކުޅެމުން ދިޔަ ފުލަމްއަށް މައްސަލަތަކާއި ކުރިމަތިވީ މެޗުގެ 72 ވަނަ މިނެޓުގައި ވިލިއަންއަށް ސިދާ ރައްކާޑު ދައްކާ ދަނޑުން ފޮނުވާލި ހިސާބުންނެވެ. އޭނާއަށް ރެފްރީ ސީދާ ރަތްކާޑެއް ދެއްކީ ޔުނައިޓެޑުގެ ސަންޗޯ ފުލަމްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅައިގައި ވިލިއަން ގަސްދުގައި އަތުން ޖަހާ ބޯލަ ގޯލަށް ވަނުމަށް ހުރަސްއެޅުމުންނެވެ. ވިލިއަން އަށް ސީދާ ރައްކާޑު ދެއްކުމަށް ފަހު ޔުނައިޓެޑަށް ޕެނަލްޓީއެއް ދިންއިރު، މި ޕެނަލްޓީ ވައްދާލައިގެން ނަތީޖާ ހަމަހަމަކޮށްދިނީ ބްރޫނޯ ފެނާންޑޭސްއެވެ. އަދި ހަމަ އެ މިނެޓުގެ ތެރޭގައި ފުލަމްގެ މިޓްރޮވިޗް އަށް ވެސް ރެފްރީ ވަނީ ރައްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ރެފްރީ ރައްކާޑު ދެއްކީ ރެފްރީއާއި ހަޑިހުތުރުބަހުން ޒުވާބު ކުރުމުންނެވެ.
ނުވަ ކުޅުންތެރިންނާއި އެކު ކުޅެމުން ދިޔަ ފުލަމްގެ ކޮޅަށް ޔުނައިޓެޑުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 77 ވަނަ މިނެޓުގައެވެ. މި ލަނޑު ޔުނައިޓެޑަށް ޖަހައިދިނީ މާސެލް ސަބިޒާއެވެ. ޔުނައިޓެޑުން މެޗުގެ މޮޅު ޔަގީން ކުރި ތިންވަނަ ލަނޑު ޖަހައިދިނީ މެޗުގެ އިތުރު ވަގުތުގައި ބުރޫނޯ ފެނާންޑޭސްއެވެ.
މި މެޗުން މޮޅުވެ ޔުނައިޓެޑް ސެމީ ފައިނަލަށް ދަތުރުކުރިއިރު، އެފްއޭކަޕްގެ ސެމީފައިނަލުން ދެން ޖާގަ ހޯދި ޓީމުތަކަކީ ބްރައިޓަން އާއި މެންޗެސްޓަރ ސިޓީގެ އިތުރުން ޝެފީލްޑް ޔުނައިޓެޑްއެވެ. މުބާރާތުގެ ސެމީގެ މެޗުތައް އަންނަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާއިރު، ޔުނައިޓެޑް ސެމީގައި ނުކުންނާނީ ބްރައިޓަން އާއި ދެކޮލަށެވެ. އަދި ސިޓީ ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް