މީ އިންޑޮނޭޝިޔާގައި މިހާރު ހިނގަމުން އަންނަ ވަރަށް އާދަޔާ ހިލާފު ތަހުގީގަކުން ފެންމަތިވި ބޮޑު މައްސަލައެކެވެ.
އިންޑޮނޭޝިޔާގެ ސުމަތުރާގައި ކޮންސްޓްރަކްޝަން ކުންފުންޏެއް ހިންގާ މީހެއްގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތާއެކު އިންޑޮނޭޝިޔާގެ ފުލުހުން ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސް އެމީހާގެ ގޯއްޗާއި ގެ ބަލާ ފާސްކުރަނިކޮށް ފުލުހުންނަށް ފެނުނީ ގަބޫލުކުރަން ދަތި އާދަޔާ ހިލާފު މަންޒަރެކެވެ.
ކުކުޅު ކޮއްޓާއި މަސް ފެންގަނޑާއި ޕާމް ތެޔޮ ގަސްތަކުގެ ތެރެއިން ކުކުޅުކޮށިތަކެއް ހެން ހުރި ކޮށިތަކެއްގައި 40 މީހަކު ބަންދުކޮށްފައިވާތީ ފުލުހުންނަށް ފެނި ތަހުގީގު އިތުރަށް ފުޅާވެގެން ދިޔައެވެ.
ތަހުގީގުގައި އެ ގޯތި ނިސްބަތްވާ ފަރާތުން ބުނެފައިވަނީ އެ ގޭގެ ގޯތީގައި ހިންގަމުންދިޔައީ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ކަމަށެވެ.
ރާއްޖެ ފަދައިން އިންޑޮނޭޝިޔާގައިވެސް މަސްތުވާތަކެތީގެ ވަބާ ފުޅާ ދާއިރާއެއްގައި އަންނަނީ ފެތުރެމުންނެވެ. އެހެން ނަމަވެސް ރާއްޖެއާ ހިލާފަށް ތަހުގީގު މަރުހަލާގައި އެ ފަރާތްތަކަށް ސަލާމަތެއް ނުވެވެއެވެ. އަތުން އަތުލައިގަނެވޭ އަދަދު ކިތަންމެ ކުޑަނަމަވެސް ބޮޑު ހުކުމެއް ކުރެއެވެ. އަދި ހުކުމުގެ ވަކި ހިސާބަކުން ރިހިބިލިޓޭޝަން ޕްރޮގްރާމްވެސް މަޖުބޫރު ކުރެއެވެ. އެކަމަށް ދާ ހަރަދުވެސް ބައެއް ހާލަތްތަކުގައި އަތުލަނީ އެ މީހެއްގެ އާއިލާ އަތުންނެވެ.
ކަން މިހެން އޮތުމާއެކު އެ ގޭގެ ތެރޭގައި ހިންގަމުން އެ ދިޔަ ރިހިބިލިޓޭޝަން ޕްރޮގްރާމަކީ އަގު ހެޔޮ އެހެން ނަމަވެސް ނަތީޖާ ލިއްބައިދޭ ޕްރޮގްރާމެއް ކަމަށް އެ ސަރަހައްދަށް ނިސްބަތްވާ ގިނަ ބަޔަކުވެސް ބުނެފައިވެއެވެ. މި ތަހުގީގުގައި އެ ވިޔަފާރިވެރިޔާގެ ދިފާއުގައި ވާހަކަދައްކާ އާއިލާތަކުން ބުނަނީ މަސްތުވަކެތީގެ ވަބާ ބޮޑުވެފައިވާއިރު އާއިލާގެ މެންބަރުން މަސްތުވާތަކެއްޗަށް ގޮސް، ގެއްލި ޖަލަށް ގޮސް، ހަރަދު ބޮޑު ރިހިބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިވުން އެއީ އެ އާއިލާތަަކަށް އުފުލޭވަރުގެ ބުރަޔަކަށް ނުވާކަަމަށެވެ. އެހެންކަމުން މިފަދަ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ހިންގަނީ ކަމަށެވެ.
ތަހުގީގުން އިތުރަށް އެނގުނުގޮތުގައި މިފަދަ އެތައް ސެންޓަރެއް އަންނަނީ ހިންގަމުންނެވެ. މި ތަހުގީގު މިހާރު ވަނީ އިތުރަށް ފުޅާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް