ހިތެއް ނުލިބިގެން އޫރެއްގެ ހިތް ލެއްވި އެމެރިކާ މީހާ މަރުވެއްޖެ

ދުނިޔޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަނަވާރެއްގެ ހިތް ބޭނުންކޮށްގެން ހިތުގެ ޓްރާންސްޕްލާންޓު ހެދި އެމެރިކާ މީހާ މަރުވެއްޖެ އެވެ. އުމުރުން 57 އަހަރުގެ ޑޭވިޑް ބެނެޓް ހިތުގެ ޓްރާންސްޕްލާންޓު ހެދީ މިދިޔ...

20 Mar 2022 | 11:01

ދުނިޔޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަނަވާރެއްގެ ހިތް ބޭނުންކޮށްގެން ހިތުގެ ޓްރާންސްޕްލާންޓު ހެދި އެމެރިކާ މީހާ މަރުވެއްޖެ އެވެ.

އުމުރުން 57 އަހަރުގެ ޑޭވިޑް ބެނެޓް ހިތުގެ ޓްރާންސްޕްލާންޓު ހެދީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅެވެ. އޭނާ މަރުވީ އޮޕަރޭޝަން ކުރިތާ ދެ މަސްވީތަނާ މި މަހު އަށް ވަނަ ދުވަހު އެވެ.

މި އޮޕަރޭޝަންކޮށް އޭނާއަށް ފަރުވާ ދިން އެމެރިކާގެ ޔުނިވަސިޓީ އޮފް މޭރީލޭންޑް މެޑިކަލް ސެންޓަރުގެ ޑޮކްޓަރުން ބުނީ އޮޕަރޭޝަން ކުރިތާ ހަފްތާއެއްގެ ތެރޭގައި ބެނެޓް ހޭ ނޭރިނަމަވެސް އަމިއްލައަށް ނޭވާލާން ފެށި ކަމަށެވެ. އަދި އޭގެ ފަހުން ހޭ އަރައި ހޮސްޕިޓަލްގައި އޮވެ އާއިލާ އާއި އެކު ވަގުތުތަކެއް ހޭދަކޮށް ހިތް ހަމަޖެހުން ހޯދަން ފެށި ކަމަށެވެ.

އެކަމަކު އޭގެ ފަހުން މާ ގިނަ ދުވަހެއް ނުވެ ޑޭވިޑްގެ ހާލު ދެރަވާން ފެށީ ކަމަށެވެ.

ބެނެޓް ނަމަކަށް ކިޔާ މި މީހާ އަކީ ހިތުގެ ބޮޑު ބައްޔެއް ހުރުމުގެ ސަބަބުން ދިރިއުޅުމުގެ އުއްމީދު ގެއްލުނު މީހެކެވެ. އޮޕަރޭޝަންގެ ކުރިން ބެނެޓް ބުނެފައިވަނީ އޭނާގެ ހަށިގަނޑަށް އޫރެއްގެ ހިތެއް ލެއްވަން ނިންމީ އިތުރު ގޮތެއް ނެތި، އިންސާނެއްގެ ހިތެއް ލިބޭނެ އެއްވެސް މަގެއް ފަހި ނުވުމުން ކަމަށެވެ.

ބެނެޓްގެ އޮޕަރޭޝަނަކީ ދުނިޔޭގެ ތާރީހުގައި ޖަނަވާރެއްގެ ހިތް އިންސާނެއްގެ ގަޔަށް ލެއްވި ފުރަތަމަ ފަހަރެވެ. ދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޫރެއްގެ ކިޑްނީ އެމެރިކާގައި މީހެއްގެ ގަޔަށް ލެއްވި ނަމަވެސް އެމީހާގެ ސިކުނޑި މަރުވެފައިވާތީ އޮޕަރޭޝަން ކާމިޔާބު ކަމެއް ނުވަތަ އޫރެއްގެ ކިޑްނީ އާއި އެކު އިންސާނަކަށް އުޅެވޭނެ ކަމުގެ ޔަގީންކަން އޮތީ ނޭނގިފަ އެވެ.

އެ ޔުނިވާސިޓީން ބުނީ އެމެރިކާގައި އޮަޕަރޭޝަންކޮށް ގުނަވަން ބަދަލު ކުރެވޭނެ ގޮތެއް ނެތިގެން ކޮންމެ ދުވަހަކު މަދުވެގެން 17 މީހުން މަރުވާ ކަމަށެވެ. މިހާރުވެސް އެއް ލައްކައަށްވުރެ ގިނަ މީހުން އެކި ގުނަވަންތައް ނުލިބިގެން ކިޔުގައި ޖައްސާފަ އެބަ ތިބި ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް