ނިހާންގެ ޝަރީއަތް ދައުލަތުން އެދުމުން ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ މިއަދަށް ތާވަލު ކުރި ޝަރީއަތުގެ އަޑުއެހުން ދައުލަތުން އެދުމުން ކެންސަލްކޮށްފިއެވެ. ނިހާންގެ މައްޗަށް ދައުލަތ...

20 Mar 2022 | 08:30

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ މިއަދަށް ތާވަލު ކުރި ޝަރީއަތުގެ އަޑުއެހުން ދައުލަތުން އެދުމުން ކެންސަލްކޮށްފިއެވެ.

ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރި ކަމުގެ ދައުވާއެއް ހިމެނޭހެން ޖުމުލަ ހަ ދައުވާއެކެވެ. އޭނާގެ މައްޗަށް މި ހުރިހަ ދައުވާއެއް ސާބިތު ވެއްޖެނަމަ 36 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ މި ދައުވާތަކުގެ އަޑުއެހުން ތަވަލް ކޮށްފައި އޮތީ މިއަދު ހެނދުނު 09:00 ޖަހާއިރަށެވެ. ނަމަވެސް މިއަދުގެ އަޑުއެހުން ކެންސަލް ވެފައިވާ އިރު ކެންސަލްވި ސަބަބެއް ނޭނގެއެވެ.

ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޮތީ ހެކި ހާމަ ކުރުމެވެ. ނިހާންގެ ފަރާތުން ޝަފައީ ހެކިންގެ ގޮތުގައި ގިނަ އަދަދެއްގެ ހެކިން ހާޒިރު ކުރަން ވަނީ ހުށަހަޅުއްވައިފައެވެ.

އޭގެ ތެރޭގައި މިދިޔަ މަޖިލީހުގައި މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅުއްވައިފައެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީންގެ ނަން ވެސް ހެއްކެއްގެ ގޮތުގައި ހުށަހަޅުއްވައިފައެވެ.

މީގެ އިތުރުން މަޖިލީހުގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދާއި އަދި މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އާއި ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ނަން ވެސް ހުށަހަޅުއްވައިފައެވެ.

މަޖިލިސް މެންބަރުން ހުށަހަޅުއްވާފައިވަނީ މަޖިލީހުގައި ކަންތައްތައް ކުރާ ގޮތާއި ޕީޕީއެމްގެ ޕީޖީ ގުރޫޕުގައި ކަންތައްތައް ނިންމާ ގޮތް ކޯޓުގައި ސާފު ކުރުމަށްޓަކައެވެ. އަދީބުގެ ގާނޫނީ ވަކީލެއް ގޮތުގައި ޝަމީމް އުޅުއްވުމުން އަދީބުގެ ލެޕްޓޮޕުން ފެނުނު މައުލޫމާތު ރަނގަޅު ނޫން ކަން ސާބިތު ކުރަން ޝަމީމް ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވީ ކަމަށް ނިހާންގެ ފަރާތުން ކޯޓުގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް