އިއްޔެ ބައިނަލް އަގުވާމީ ޖައްވީ ސްޓޭޝަނަށް ދިޔަ ރަޝިއާގެ ތިން އެސްޓްރޮނޯޓުން ރީނދޫ ކުލައިގެ ހެދުން ލައިގެން ތިބީ އެ ފޮތީގެ ވައްތަރުތައް ބޭނުން ކުރާލެއް ގިނަ ކަމުން ކަމަށް އެ ގައުމުން ބުނެފި އެވެ.
ކަޒަކިސްތާނުން ނައްޓާލި ތިން އެސްޓްރޮނޯޓުން ދަތުރު ކުރި ފްލައިޓު ޖައްވީ ސްޓޭޝަނަށް ގުޅާލައި ސްޓޭޝަން ތެރެއަށް އެމީހުން ވަދެގެން ދިޔައިރު ތިބީ ރީނދޫ ކުލައިގެ ސޫޓެއްގައި އެވެ. އެކަމުން ރަމްޒުކޮށްދެނީ ޔޫކްރެއިން ހަނގުރާމަ އާއި ދެކޮޅުކަން ކަމަށާއި ރަޝިއާގެ އެ ރައްޔިތުން ތިބީ ޔޫކްރެއިނާއި އެކު ކަން ކަމަށެވެ.
ޔޫކްރެއިންގެ ގައުމީ ކުލަޔަކީ ރީނދޫ ކުލައެވެ.
މިކަމާއި ގުޅިގެން ތިން އެސްޓްރޮނޯޓުންގެ ތެރެއިން އޮލެގް އާޓެމައިވެ ބުނީ ބައެއް ފަހަރު ރީނދޫ ކުލަޔަކީ ހަމަ އެކަނި ރީނދޫ ކުލަ ކަމަށެވެ. އޭނާ ބުނީ އެމީހުންގެ ކަންކަމުގައި މިހާރު ރީނދޫކުލައިގެ އެކި މެޓީރިއަލް ނުވަތަ ވައްތަރުތައް ބޭނުން ކުރާލެއް އިތުރު ކަމަށާއި ގިނައިން ރީނދޫ ކުލަ ހުންނަ ހެދުމެއް ލާން ޖެހުނީ އެސަބަބާއި ހެދި ކަމަށެވެ.
އޮލެގް ވަނީ ރީދޫ ހެދުން ލުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ހީނ އެކަން ޖޯކަކަށް ވެފައިވާކަން ދޭހަ ވާގޮތަށް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ރީނދޫ ކުލައަކީ ރަޝިއާވެސް ރަމްޒުކޮށްދޭ ކުލަތަކެއް ކަމަށެވެ.
ތިން އެސްޓްރޮނޯޓުން ޖައްވީ ސްޓޭޝަން ތެރެއަށް ވަދެގެން ދިޔަގޮތް ލައިވް ސްޓްރީމް ކުރި އިރު ލައިގެން ތިބީ ނޫކުލަ ކޮންމެސް ވަރަކަށް ހިމެނޭ ރީނދޫ ކުލައިގެ ސޫޓެކެވެ. އޭގެ ފަހުން ސްޕޭސް ސްޓޭޝަން ތެރޭގައި އެލޮގް ނަގާފައިވާ ވީޑިއޯއެއް ލައިވް ސްޓްރީމް ކުރި އިރު ހުރީ ރަޝިއާގެ ކުލަތައް ރަމްޒުކޮށްދޭ ހުދާއި ނޫ ކުލައިގެ ސޫޓެއް ލައިގެންނެވެ.
މި މައްސަލައިގަ ރީދޫ ކުލަލީ ޔޫކްރެއިނަށް ތާއީދު ކުރަން ނޫން ކަމަށް ގަބޫލު ކުރުވަން ރަޝިއާއިން މަސައްކަތް ކުރަމުންދާއިރު އެގައުމުން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމަ އާއި ދެކޮޅުކަން ރަޝިއާގެ އެތައް ލައްކަ ބަޔަކު ދަނީ ހާމަ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް