ސްކޫލް ދަރިވަރުންގެ އަހުލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމަށް ބާރުއެޅުމާއި ކުށްމަދު މުޖުތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ''އަމާންވެށި'' ޕްރޮގްރާމްގެ ދަށުން، ދ. މާއެނބޫދޫގައި ކުރިއަށް ގެންދިޔަ 83 ވަނަ ''ފުރާވަރު ކޭމްޕު'' ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އިއްޔެ ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދުއެވެ. އެ ރަސްމިއްޔާތުގައި، ހެޑް އޮފް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަސީރުއާއި، ހެޑް އޮފް ކްރައިމް ޕްރިވެންޝަން ޔުނިޓު އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ރަމްޒީއާއި، ޓެކްނިކަލް ޑިރެކްޓަރ ގާސިމް އަލީއާއި، ދ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ސުޒީނާ ޔޫސުފްއާއި، މާއެނބޫދޫ ސްކޫލްގެ ޕްރިންސިޕަލް އަލީ މުފީދު ބައިވެރިވެލެއްވިއެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަރިވަރުންނާ މުހާތަބު ކުރައްވައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު ދެއްކެވި ވާހަކަ ފުޅުގައި، މިފަދަ ކޭމްޕުތަކުގައި ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކޭމްޕުން ދަރިވަރުން ދަސްކުރި ކަންކަން އާންމު ދިރިއުޅުމުގައި ބޭނުންކުރުމަށް އެދިލެއްވިއެވެ. އަދި މައިންބަފައިންނަށް އިހުތިރާމުކޮށް ބަސްއަހައި ނަމޫނާ ދަރިވަރުންތަކަށްކަށް ވުމަށް އެދިލެއްވިއެވެ.
މި މަހު 17 އިން 19 އަށް ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
އެގޮތުން، ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމައެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ގައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމައަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ބުނެދީފައިވެއެވެ. އަދި އިންޓަނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އިސްލާމީ މުޖުތަމައެއްގައި ހަރުދަނާ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މައުލޫމާތުދީ މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
އޭގެ އިތުރުން، ދަރިވަރުންނާ ގުޅުންހުރި ގާނޫނު ތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށް އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ކުރެވޭ ކަންކަމާއި އެފަދަ ކަންކަމުން މުޖުތަމައު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަން އުނގަންނައިދީފައިވެއެވެ.
އަދިވެސް އޭގެ އިތުުރުން، ވަގުތުގެ މުހިންމުކަން އުނގަންނައިދީ ސްކޫލާއި މުޖުތަމައުގައި އުޅޭއިރު ދަރިވަރުންނަށް ކޮންމެހެން އެނގެންޖެހޭ ކަންކަން ދަސްކޮށްދިނުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އެ ކޭމްފުގެ ތެރެއިން ސްކޫލްގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ބައެއް ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް