މަސްވެރިންގެ އަތުން މަސް ގަންނަ އަގު ކިލޯއަކަށް 20 ރުފިޔާއަށްވުރެ ދަށް ނުކުރާނެ ކަމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ޖަވާބުދާރީވަމުން، ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ކުރެއްވި ސުވާލުތަކަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން ޔައުޤޫބު ދެތިން ސުވާލެއް ކުރެއްވިއެވެ. އެއީ ގާސިމް އިބްރާހިމްގެ މަސް ކުންފުންޏަށް ފަހިވާނެހެން، މަސް ގަންނަ އަގު ދަށްކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު އެއީ ހަޤީޤަތެއްތޯ؟ އާއި ސަރުކާރުން މަސް ގަންނަ އަގު 20 ރުފިޔާއަށްވުރެ ދަށް ކުރާނެތޯ؟ އާއި 25 ރުފިޔާގެ ރޭޓުން ކިރާފައިވާ މަހަށް 20 ރުފިޔާގެ ރޭޓުން ފައިސާ ދޭން ނިންމާފައިވާކަމަށް ދެކެވޭ ވާހަކައަކީ ތެދެއްތޯ؟ ބެލުމަށް ކުރި ސުވާލުތަކެވެ.
އެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ 20 ރުފިޔާއަށް އަށްވުރެ ދަށް ނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅަކަށްވާއިރު އެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކުރާނެ ކަމަށެވެ. އަދި ވަކި ކުންފުންޏަކަށް ފަހި ކުރުމަށްވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. މީގެ އިތުރުން 25 ރުފިޔާގެ ރޭޓުން ކިރާފައިވާ މަހަށް ފައިސާ ދޭނީވެސް ހަމަ 25 ރުފިޔާގެ ރޭޓުން ކަމަށާއި އެކަމަށްވެސް ބަދަލު ނާންނާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް