ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ފަސްދޮޅަސް ހަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... ޚާލިދު ފޯނާ ކުޅެން އޮތްކަމުގައިވިޔަސް ޚާލިދުގެ ކަންފަތް ހުރީ ކޮޓަރިން ބޭރަށެވެ. ގަޑިން އެއްގަޑި ބައިވިތަނާ ބޭރުން ކޮންމެސް މީހަކު މަޑުމަޑުން ހިނގާ އަޑު ޚާލިދުއަށް އިވުނެވެ. ޚާ...

20 Feb 2024 | 05:16

ކުރީގެ އަދަދާއި ގުޅޭ....

ޚާލިދު ފޯނާ ކުޅެން އޮތްކަމުގައިވިޔަސް ޚާލިދުގެ ކަންފަތް ހުރީ ކޮޓަރިން ބޭރަށެވެ. ގަޑިން އެއްގަޑި ބައިވިތަނާ ބޭރުން ކޮންމެސް މީހަކު މަޑުމަޑުން ހިނގާ އަޑު ޚާލިދުއަށް އިވުނެވެ. ޚާލިދު މަޑުންމަޑުން އެނދުން ތެދުވެގެން އައިސް ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު ބޭރު ދޮރުލެއްޕެނީއެވެ. ޚާލިދު ބާރުބާރަށް ހިނގާފައިގޮސް ދޮރު ހުޅުވާލުމަށްފަހު ބޭރަށް ބޯދިއްކޮށްލިއެވެ. އޭރު މުޅި މަގަށްވަނީ އަނދިރިކަން ވެރިވެފައެވެ. އަނދިރިވެފައވާ މަގުން ނާޝިދު ކުރިއަށް ހިނގާފައި ދިޔައެވެ. ޚާލިދު ހުރީ އެމަންޒަރު ބަލާށެވެ. ނާޝިދު ކުރިއަށް ދަމުންދަމުން ކުއްލިއަކަށް ގެއްލުމަށްފަހު އެތަނުން މައްޗަށް އަރައިގެން ދިޔައީ އަލިފާން ކަނިތަކެއް ކަހަލަ އަލިފާންތަކެވެ. ޚާލިދު ދިޔައީ ސިއްސައިގެންނެވެ. ހީވީ ދުނިޔެ ކުޑަވެގެން އައިސް ދެފަރާތުން ޚާލިދު ފިތުނު ހެނެވެ. ދެފައިހުރީ ގާ ވެފައެވެ. ދެލޯބޮޑު ކޮށްގެން އަލިފާން ކަނިތައް އަރައިގެންދިޔަ ދިމާއަށް މައްޗަށް ބަލަހައްޓައިގެން ވަނުވާ ނޭނގި ފާރުގައި ހިފަހައްޓައިގެން އިރުކޮޅެއް ވަންދެން ޚާލިދަށް ހުރީ ވާއެއް ނުވާއެއް ނޭގިއެވެ. މުޅި މީހާ ތުރުތުރު އަޅަމުންދިޔައެވެ. ކުއްލިއަކަށް ޚާލިދުއަށް ހޭވެރިކަންވުމާއެކު ގަތްބިރުން ދުވެފައި ގޭތެރެއަށް ވަނެއެވެ. ގެއަށް ވަތްންވަގުތު ގޯތިތެރެއިން ކަޅުބުޅަލެއް ދުއްވައިގަތެވެ. ޚާލިދު އިތުރަށް ސިހިގެން ދިޔަވަގުތު އަނގަވަތަށް ބިންމައްޗަށް ވެއްޓުނެވެ. ތަންތާނގައި ހިފަހައްޓަމުން ތެދުވެގެން ޚާލިދު ދުވެފައިގޮސްވަނީ ކޮޓަރިއަށެވެ. އޭރުންވެސް ޚާލިދު ބިރުން ތުރުތުރު އަޅަމުންދިޔައެވެ.

"އަސްތާ، އަހަރުންމެގެ ދަރިފުޅުގެ ދުވަސް މި ދިޔައީ... ކޮންކަހަލަ ފިރިއެއް އަހަރުމެންނަށް ހުމޭދާއަށް މިހޯދައިދެވުނީ...."

ޚާލިދު ބިރުން ދުވެފައިގޮސް ކޮޓަރިއަށް ވަތްންއިރު ދެފައި ތުރުތުރު އަޅާވަރުން ކޮޅަށްވެސް ނުހުރެވެއެވެ. ކޮޓަރިއަށް ވަދެ އެނދުކައިރިއަށް ދެވުނުކަން އެނގުނެވެ. ދެންވީގޮތެއް ނޭނގުނެވެ. އަނބުރައިގަނެގެން އެދުމައްޗަށް ވެއްޓިއްޖެއެވެ. އޭރުވެސް ޙަސީނާ އޮތީ ގަދަ ނިދީގައެވެ. ވާއެއް ނުވާއެއް ޙަސީނާއަކަށް ނޭނގެއެވެ.

ނާޝިދު ދިޔަގޮތަށް ގޮސް ވީރާނާ ވެފައިވާ ސަހަރާއެއް ފާޑުތާކަށް އަލިފާން ކަނިތަކެއްހެން މަތިން ފޭބިއެވެ. އޭނާގެ މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ. މުޅިތަނަށް ނަޒަރު ހިންގާލިއެވެ. ވަށައިގެން ފެންނަމުންދަނީ ހިކިފައިވާ ގަސްތަކާއި، ވިރާނާވެފައި ގެތަކެވެ. ވީރާނާ ގަސްތަކުގެ ތެރެއިން އެކިދިމާއަށް ބަލަމުން ނާޝިދު ހިނގައިގަތެވެ. ކުއްލިއަކަށް ނާޝިދުގެ ކުރިމައްޗާއި ދިމާއިން މަތިން ކަޅުކުލައިގެ އޮލަ ދުންގަޑެއް ތިރިއަށް ފައިބައިގަތެވެ. އަދި ދުންގަނޑު ބަދަލުވެގެން ދިޔައީ ބިރުވެރި ސިފައެއްގައި ހުރި ޖިންނިއަކަށެވެ. އެޖިންނީގެ މޫނު ހީވަނީ ކަޅުކަމުންގޮސް ކަޅު ދެލިގަނޑެއް ހެންނެނެ. އެމޫނުމަތީގައިވަނީ ރަތްކުލައިން ދިއްލިފައިވާ ބޮޑު ދެލޮލެވެ. އަނގައިގެ ދަތްތައް ބޮޑެތިވެފައި ރަތްކުލަގަދައެވެ. ބޮޑު ދެކަންފަތްވަނީ ތިރިއަށް އެލިފައެވެ. ހުދުލައިގެ ހޭވިފައިވާ ބޮޑު އިސްތަށިގަނޑެއް މުޅި މޫނުމައްޗަށް ވެއްޓިފައި ހުއްޓެވެ.

"ކަލޭ ކޮންމެ ރެއަކު މިތަނަށް އައިސް ތި އާދޭސްކުރަނީ އަހަރެންގެ ނިންމުން ބަދަލުކުރާނެ ކަމަށްތަ....؟ އަހަރެން ކިތައްފަހަރު ކަލޭ ކައިރީގައި ބުނާނީ ކަލޭ އަހަރުމެން ކައިރިއަށް އަންނައިރު ކަލޭގެ އަސްލު ސިފައިގައި އަންނާށޭ...! ކަލެއަށް އެކަމެއްވެސް ނުކުރެވުނެއްނު...! ކަލެއަށް އެންމެފަހުގެ ފުރުޞަތު ދީފަ މިހާރު އޮންނާނީ...! މިއަކަށް ދެން އިތުރު އެއްވެސް ބަދަލެއް ނުގެނެވޭނެ... އަހަރެން މިދައްކާ ވާހަކަ ކަލެއަށް އަޑު އިވިއްޖެތަ....؟ ކަލޭ އިންސާނެއްގެ ސިފައިގަ މިތަނަށް އަންނާތީ އަހަރެން ވާހަކަވެސް މިދައްކަނީ އިންސާނުން ވާހަކަ ދައްކާ ގޮތަށް ދިވެހި ބަހުން...." އެޖިންނި ބިރުވެރިއަޑަކުން ވާހަކަ ދެއްކިއެވެ.

"ބައްޕާ... އަހަންނަށް ތިހެން މަޖުބޫރު ނުކުރޭ...! އާދޭސްކޮށްފަ މިބުނަނީ...! ހުމޭދާ ދެކެ އަހަރެން ހާދަ ލޯތްބެއް ވެއޭ...! ބައްޕާ ތިހެން ނަހަދާ...! ބައްޕަ ދުރުގަ ހުރެގެން އޭނައަށް އެފަދަ އަނިޔާއެއް ތިދެނީ އޭނަގެ ކޮން ކުށެއް އޮވެގެން....؟ މީގެ އެތައް ދުވަހެއް ކުރިންވެސް އޭނަ ބިރުގަންނަވާށާ، އޭނައަށް ގެއްލުންދޭން ބައްޕަ ކިހާ މަސައްކަތެއް ކުރިން...! އެކަމަކު މިހާރު ބައްޕަ ތި މަސައްކަތް ކުރަނީ އޭނަގެ ދުވަސް ދުއްވާލަން....! ހެޔޮނުވާނެ ބައްޕާ...! ހުމޭދޭގެ އޮތީ ކޮން ކުށެއް...؟ ބައްޕައަށް ވިސްނާދިނުމަށްޓަކައި ނާޝިދު މަސައްކަތް ކުރިއެވެ.

"އޭނަގެ އޮތީ ކޮން ކުށެއްހޭ...؟ އޭނަގެ ކުށަކީ ޙަޤީޤަތް ބަލާނުލާ މަގޭ ދަރިއަކާ އިނުން.... ކަލޭގެ ކުށަކީ މަގޭ ވާހަކަތަކަށް ކަލޭ ބީރުކަންފަތެއް ދިނުން... އެނގިއްޖެ...؟ އެންމެ ފުރަތަމަ ދުވަހުވެސް އަހަރެން އޮންނާނީ ހުރިހާ ވާހަކައެއް ކަލެއަށް ފެށުނީންސުރެ ނިމެންދެން ކިޔާދީފަ...! އެކަމަކު އަހަރެންގެ އެއްވެސް ވާހަކައެއް ކަލޭ ޤަބޫލެއް ނުކުރަމެއްނު....! އެވަރަށް އެވާހަކަ ދެއްކީމަވެސް ކަލޭ ކަންތައްކުރީ ހަމައެކަނި ކަލެއަށް ފެންނަގޮތަށް... އެކަމުގެ ހިތިރަހަ ކަލެއަށް މިހާރު ތިފެންނަނީ.... އަހަރެން އެހިސާބުންވެސް ކަލެއަށް މާފު ދިނިން.... ދަރިއަކު ލިބެންއުޅޭތީ ދަރިއަކު ލިބެންދެން މާބޮޑު ކަމެއް ނުކޮށް ހުރިން.... އެކީއްވެގެން...؟ ކަލޭ މަގޭ ކައިރީގައި ބުނިބަހަށް އިތުބާރުކޮށްފަ....! ދަރިއަކު ލިބުނީމަ އޭނަ ދޫކޮށްލާފަ ދަރިގޮވައިގެން އަހަރެން ކައިރިއަށް އެނބުރި އަންނާނަމެކޭ ނުބުނަންތަ...؟ އެކަމަކު އެގޮތަކަށްވެސް އެކަމެއް ނުވިއެއްނު...! ދެން ކަލޭ ގަސްދުކުރީ މިތާހުރި ކަލޭގެ ކޮއްކޮ ތި އިންސާނުންގެ ދުނިޔެއަށް ގެންގޮސްގެން އޭނައަށް ލާމިހް ކިޔައިގެން އަނެއްކާވެސް އަހަރުމެން ކައިރިން ވަކިކޮށްގެން އިންސާނަކާ ކައިވެނު ކުރުވަން... އެކަމަކު އެކަންވެސް އެހެންވިޔަ ނުދޭނަން...! އެފުރުޞަތެއް އަހަރެން ނުދޭނަން..... އޭނަ މިތަނަށް އައިމަ އޭނަމިހާރު މިތާ ހިލިހިލާ އަޅާފަ ބާއްވާފަ އެއޮތީ.... ދެން އޭނައަކަށް އެނބުރި ތި ދުނިޔެއަކަށް ނުދެވޭނެ.... އަހަރެން ބޭނުމިއްޔާ ކަލޭވެސް ގާކޮށްލާފަ ތިހުރިގޮތަށް އެތައް ދުވަހެއްވަންދެން ތިތާގަވެސް ބެހެއްޓިދާނެ..." ބިރުވެރި އަޑަކުން ޖިންނި ވާހަކަ ދައްކަމުން ގެންދިޔައެވެ.

ހެޔޮ ނުވާނެ ބައްޕާ ތިހެން ނުހަދާ...! އަހަރެން އާދޭސްކޮށްފަ މިބުނަނީ ހުމޭއަށް އެހާ އަނިޔާ ނުދީ.... ހުމޭދާ އެއުޅެނީ ވަރަށް ހާލުގައި...." އާދޭސްކުރާ ރާގަކަށް ނާޝިދު ވާހަކަ ދެއްކިއެވެ.

"ކޮންއާދޭހެއް ތިކުރަނީ... އޭނައަށް އަނިޔާ ލިބެމުން އެދަނީ ކަލޭގެ ސަބަބުންނޭ... ކަލޭ މިހާރު ކަންތައް ކުރަމުންތިދާ ގޮތުން... ކަލޭ އަހަރެން ކައިރީގައި ވަޢުދުވެފައިވާ ގޮތަށް ކަލޭގެ ދަރިފުޅު ގޮވައިގެންވެސް ކަލެއަކަށް މިތާކަށް ނާދެވުނެއްނު....! އިންސާނެއްގެ ބަނޑުން އުފައްވިޔަސް އެއީ އަހަރެންގެ ފުރަތަމަ ކާފަދަރިފުޅު....! އެކަމަކު ރެއަކާ ދުވާލު އެންމެ ފަހަރަކުވެސް އެކުއްޖާގެ ގައިގައި އަތްޖައްސާލުމުގެ ފުރުޞަތުވެސް އަހަންނަކަށް ނުލިބެ....! ދެން ތިކަމުގައި އަހަންނަށް އޮތީ ކޮން އުފަލެއް....؟" ޖިންނީގެ އަޑު ބާރުވަމުންދިޔައެވެ.

"ބައްޕާ ތިހުރިހާ ކަމެއްވެސް އަހަރެން ހަނދާން އެބަހުއްޓޭ...! އެކަމަކު ހުމޭދާ ދެކެ އަހަރެން ހާދަ ލޯތްބެއްވެއޭ...! އެހެންވީމަ ކިހިނެތް އޭނަ ދޫކޮށްލާފަ ދަރިފުޅު ގޮވައިގެން އަހަރެން އަންނާނީ.... އެއީ އޭނައަށް ދެވޭ ކިހާބޮޑު ދެރައެއް...!" ނާޝިދު، އޭނާގެ ބައްޕައަށް ވިސްނާދެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.

"ތިއީ، އަހަރެންގެ ދަރިއަކަށްވާތީ އަހަރެން ކަލޭދެކެވެސް ލޯބިވެއޭ.... އަބަދު އިންސާނުންނަށް އޮޅުވާލައިގެން ކަލެއަށް އުޅެވިދާނެހެން ހީވޭތަ...؟ ކަލެއަށް ނޭނގޭ ކިތަންމެ ކަމެއް އަހަންނަށް އެނގޭ...! ކަލޭގެ ކަންތައް އެމީހުންނަށް ފަޅާއާރާ ދުވަހު ކަލޭ ކިހެނެތް ކަންތައް ކުރާނީ.... އެނބުރި ހަމަ އަންނަންޖެހޭނީ މިތަނަށް...! ކަލެއަށް ތި އިންސާނުން ދިރިއުޅޭ ދުނިޔޭގެ އަބަދު ދިރިއުޅެވިދާނެހެން ހީވޭތަ...؟

"ބައްޕާ... ހެޔޮނުވާނެ... ހުމޭދާ އެހާލުގައި އުޅޭތަން ދެކޭކަށް އަހަންނަކަށް ކެތެއްނުވާނެ...! އޭނައަށް އެވަރުގެ ބޮޑު އަނިޔާއެއް ނުދީބަލަ...! އާދޭސް މިކުރަނީ... ކޮންމެރެއަކު އޭނަ ހާދަ ވޭނެއްގައޭ އެ އުޅެނީ...! ބައްޕާ އާދޭސްކޮށްފައި މިބުނަނީ ތިހެން ނުހަދަ އޭނަ ދޫކޮށްލާ.... އަހަންނަށްޓަކައި..." އާދޭސްކުރާ ރާގަކަށް ނާޝިދު ވާހަކަ ދެއްކިއެވެ.

"ކަލޭ ތިދައްކަނީ ކަލޭ ބޭނުންވާ ކަންކަމުގެ ވާހަކަ... ބަލަ މަވެސް އެބަ ވާހަކަ ދައްކަމޭ.... މަދައްކާ އެއްވެސް ވާހަކައެއް ކަލޭ އަޑުއަހާކަށް ބޭނުމެއް ނުވޭތަ....؟ ކަލޭ ތިބުނާ ކަންތަކެއް ނުވާނެ...! ނުވާނެ ތިކަންތަކެއް....! ތިކަމުގައި މިހާރު އޮތީ ހަމަ އެންމެ ގޮތެއް... އެއީ ކަލޭ މިހާރު ތިއުޅޭ އިންސާނުންގެ ދުނިޔެ ދޫކޮށްލާފަ ކަލޭގެ ދަރިގޮވައިގެން އަހަރުމެން ކައިރިއަށް މިތަނަށް އެނބުރި އައުން....! އެނޫން އެހެން ގޮތެއް ކަލެއަކަށް ނެތް....! މަމިދައްކާ ވާހަކަތައް ކަލެއަށް އަޑު ނީވެންޏާ ކަލޭ ދައްކާ އެއްވެސް ވާހަކައެއްވެސް މަށަކަށް އަޑެއް ނީވޭނެ.... އިވިއްޖެތަ....؟" ޖިންނީގެ އަޑު ބާރުވަމުން ދިޔައެވެ.

"އެހެން ނޫނީ...." ނާޝިދު މަޑުމަޑުން ބުނެލިއެވެ.

"އެހެންނޫނީ ގަދަކަމުން ކަލޭ ގެންނަން ޖެހޭނީ...! ގެނެސް ކަލޭގެ ކޮއްކޮ ބާއްވާފައޮތް ގޮތަށް މިތާ ހިލިހިލާ ޖަހާފަ ބާއްވަން ޖެހޭނީ.... ނޫނީ ގާކޮށްލާފަ މިތާގައި ބަހައްޓަން ޖެހޭނީ....! އެކަމަކު އެހެން ނަހަދާ މި މަޑުކުރަނީ ހައްތަހާވެސް ކަލެއަށް އެއްޗެއްވިސްނިގެން އެނބުރި އާދޭތޯ...!" ޖިންނި ނުބައި އަޑަކުން ވާހަކަ ދައްކަމުން ގެންދިޔައެވެ.

ނާޝިދު ހަދާނެގޮތް ހުސްވެގެން ބޮލުގައި ދެއަތް އަޅައިގެން ކުޑަކަކޫ ޖަހައިގެން ބިންމަތީގައި އިށީނދެ އިނދެ ބައްޕަގެ ފައިބުޑަށް ވެއްޓުނެވެ.

"ހެޔޮނުވާނެ ބައްޕާ...! ތިހެން ނުހަދާ... އާދޭސްކޮށް ދެފައިގަ ހިފާފަ މިބުނަނީ... ހުމޭދާއަށް އެހެން ނަހަދަ އޭނާ ދޫކޮށްލާ...." ނާޝިދު ބައްޕަގެ ދެފައިގައި ހިފަމުން ވާހަކަ ދެއްކިއެވެ.

"ދުރަށްދޭ.... ކަލެއަށް މިނޫން އިތުރުގޮތެއް ނެތޭ މިބުނަނީ.... ތިއީ މަގޭ ދަރިއަކަށްވާތީ އަދިވެސް ކަލެއަށް އެއް ފުރުޞަތު ދީފާނަން....! އެކަމަކު ހަނދާންކުރާތި މިއީ އަހަރެން ކަލެއަށްދޭ އެންމެ ފަހުގެ ފުރުޞަތު.... މިފުރުޞަތުގެ ބޭނުން ހިފައިގެން ކަލޭ މަ ބުނި ގޮތަށް ކަންތައް ނުކޮށްގެން ވާ އެއްވެސް ކަމެއްގެ ޒިންމާ އަހަންނެއް ނުނަގާނަން.... އަހަރެން ކަލެއަށް މިދެނީ އެންމެ ލަސްވެގެން އެއްމަސްދުވަސް.... އެއްމަސްދުވަހުގެ ތެރޭގައި ކަލޭގެ ދަރިގޮވައިގެން ކަލޭ މިހާރު ތިއުޅޭ ދުނިޔެ ދޫކޮށް އަހަރުމެން ކައިރިއަށް ނައައިސްފިނަމަ ކުރިން ބުނިހެން ދެން ދިމާ ކަންކަމުގެ ޒިންމާއެއް އަހަންނެއް ނުނަގާނަން.... އަހަންނަށް މަޖުބޫރު ކުރުވަން މަސައްކަތް ނުކުރާތި.... އަހަރެންގެ މިވާހަކަތައް އަޑު އިވިއްޖެ ކަމަށް އުއްމިދު ކުރަން..." ބާރު އަދި ނުބައި އަޑަކުން ޖިންނި ވާހަކަ ދެއްކިއެވެ.

އެހީސާބުން ކުއްލިއަކަށް އޮލަ ދުންގަނޑަކަށް ބަދަލުވުމަށްފަހު އެ ޖިންނި ގެއްލިގެން ހިނގައްޖެއެވެ. ނާޝިދު އެތަނުގައި އިސްޖަހައިގެން ރޮއިރޮއި ވަރަށް ގިނައިރު އިނެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 22 ފެބްރުއަރީ 2024، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް