ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް އާންމުވެފައި ނުވާކަމަށް އެ ބޭންކުން ބުނެފި އެވެ.
ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބައެއްފަހަރު ސްކޭމް ހިންގާ ފަރާތްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރޗަންޓުންނާއި އީކޮމަރސް މަރޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަދެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތައް ވަގަށް ނަގައެވެ. މިފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަށް މީގެ އަސަރުކުރާ ކަމަށް ބޭންކުން ބުންޏެވެ.
ކަސްޓަމަރުން ރައްކާތެރިކުރުމަކީ ބޭންކުން އެންމެ އިސްކަންދޭ ކަމަކަށް ވާއިރު ބޭންކުން އަންނަނީ ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެފަދަ އަމަލެއް ހިނގަމުންދޭތޯ އަބަދުވެސް މޮނިޓަރކުރަމުން ކަމަށް ބުންޏެވެ.
މި ގޮތުން ކާޑުތަކުގެ މައުލޫމާތު ހާމަވެ، ކާޑުތަކުން މުއާމަލާތްތަކެއް ހިނގާފައިވާ ގޮތަށް ބަލާއިރު ބައެއް ކަސްޓަމަރުންގެ ކާޑުތަކުންވަނީ މުއާމަލާތްތަކެއް ހިންގާފައެވެ. ބޭންކުން މިވަނީ މި ކާޑުތައް ބްލޮކްކޮށްފައެވެ. އަދި ކާޑު ހެއްދުމަށް އެއްވެސް ފީއަކާ ނުލާ، އައު ކާޑު ހެދުމުގެ މަސައްކަތްވެސް މިދަނީ ކުރަމުންނެވެ.
މަރޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، އަދި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. އަދި ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ކަސްޓަމަރުންނަށް ރީފަންޑް ލިބޭނެ ކަމުގެ ޔަގީންކަން ދިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް