އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕިންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގަ ދައުވާ އުފުލާފައިވާ ހަލީމަތު ލަމްއާއި ދެކޮޅަށް އޭނާގެ އެކުވެރިޔަކު ހެކިބަސް ދީފި އެވެ.
މޭރީގެ މަރުގެ މައްސަލައިގަ ދައުވާ އުފުލާފައިވަނީ އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާގެ މައްޗަށެވެ. އައިޖީއެމްއެޗުގައި މަސައްކަތް ކުރި މި ދެ ނަރުހުންގެ ތެރެއިން މާވިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާ އުފުލި އިރު ލަމްހާގެ މައްޗަށް އެކަމަށް އެހީވުމުގެ ތިން ދައުވާއެއް އުފުލި އެވެ.
އޭގެ ތެރެއިން ލަމްހާއަށް ކުރާ ދައުވާގެ ތެރެއިން މިއަދު ހެކިބަސްދިން މީހުންގެ ތެރޭގައި ލަމްހާގެ އެކުވެރި ފުލުހަކު ހިމެނެ އެވެ. އޭނާ ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވަނީ ލަމްހާ އާއި މާވީ ރައްޓެހިވެގެން އުޅޭކަން އެނގިގެން އެކަން އައިޖީއެމްއެޗަށް ހުށަހަޅާނެކަމަށް މޭރީ މެސެޖަކުން ލަމްހާއަށް އެންގި ކަމަށެވެ.
އެ މެސެޖާއި ގުޅިގެން ލަމްހާ އެދުނީ ވާހަކަ ދައްކައިގެން ހައްލު ކުރަން ކަމަށާއި އެކަމުގައި އެ ދެމީހުން ބައްދަލު ކުރި އިރު ލަމްހާ އާއި އެކު ދިޔަ ކަމަށް ހެކިވެރިޔާ ބުންޏެވެ. އޭނާ ބުނީ އެ ބައްދަލުވުމުގައި މާވީ އާއި ރުޅިވާނެކަމަށް މޭރީ ގާތުގައި ލަމްހާ ބުނި ކަމަށެވެ.
އޭނާ ބުނިގޮތުގައި މޭރީ މަރުވި ދުވަހު ލަމްހާ އޭނާއަށް ގުޅާފައި، މޭރީ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދީގެން މާވިން ޑީޕޯޓްކޮށްލަން އުޅެނީ ކަމަށް ބުންޏެވެ. އަދި ފަހުން، މޭރީ މަރުވި ވާހަކަ އޭނާއަށް ގުޅާފައި ބުނީ ވެސް ލަމްހާ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.
ލަމްހާ އެގޮތަށް ބުނުމުން އައިޖީއެމްއެޗަށް ދިޔައިރު އެތަނުން ލަމްހާއާ ދިމާވުމުން، މޭރީ ދަންޖެހިގެން މަރުވީ ކަމަށް ލަމްހާ ބުނި ކަމަށާއި މޭރީގެ ހަށިގަނޑު ހޮސްޕިޓަލްގައި ބާއްވާފައި އޮއްވާ އޭނާއަށް ދެއްކީ ވެސް ލަމްހާ ކަމަށް ބުންޏެވެ.
އޭރު ލަމްހާގެ މޫނުމަތިންނާއި ހަރަކާތްތަކުން ހިތްހަމަޖެހިފައި ހުރި ކަމަށް ހެކިވެރިޔާ ބުންޏެވެ. ހެކިވެރިޔާ ބުނީ މޭރީ މަރުވި ފަހުން އެ މައްސަލަ އަށް ދެން ވާނެ ގޮތެއް ބެލުމަށާއި މާވިން ޑީޕޯޓްކޮށްލާނީތޯ ބެލުމަށް ދެ ފަހަރަކަށް ލަމްހާ އޭނާ އަށް ގުޅި ކަމަށް ވެސް ބުންޏެވެ.
މިއަދުގެ އަޑު އެހުމުގައި ދެން ހެކިބަސް ނެގީ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗުގައި އޮއްވަ ފެނުނު އަދި މޭރީ މަރުވިކަމަށް ބުނާ އެޕާޓްމެންޓަށް ދިޔަ ފުލުހެއްގެ ހެކިބަހާއި އިތުރު ފުލުހެއްގެ ހެކިބަހެވެ.
މި މައްސަލައިގަ ދެން އޮންނަ އަޑު އެހުމެއްގައިވެސް އޮންނާނީ ހެކިބަސް ނެގުން ކަމަށް ގާޒީ މިއަދު ވިދާޅުވެފައިވެ އެވެ.
މި މައްސަލައިގަ ދައުލަތުން ލަމްހާގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގަ ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް