މަޝްވަރާއަށް އެދިވަޑައިގެން މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޓީފުޅެއް ފޮނުއްވައިފި އެވެ.
މި ސިޓީ ފޮނުއްވީ އިއްޔެގެ ވަގުތެއްގައި އެވެ. ސިޓީ ފޮނުވާފައިވަނީ އެމްޑީޕީ އާއި އެކު ކޯލިޝަން ހަދާފައިވާ ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމްއަށެވެ.
އޭގެ ތެރެއިން ބައެއް ޕާޓީތަކުގެ އޮފިޝަލުން ވަނީ ސިޓީ ލިބުނުކަން މީޑިއާގައި ކަށަވަރުކޮށްދެއްވާފައި އެވެ.
އެ ސިޓީގައި ސޯލިހް ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ އެހެން ޕާޓީތަކާ އެކު އުފައްދާ ކޯލިޝަނަކުން އަނެއްކާ ވެސް ވެރިކަން ކުރެއްވުމެވެ.
ރައީސް ވިދާޅުވެފައި ވަނީ އިންތިހާބު ކާމިޔާބުކުރައްވަން ބޭނުންފުޅުވަނީ އެއް ބުރުންނެވެ. އެކަން ކުރެވޭނީ ހުރިހާ ޕާޓީތަކުން ވެސް ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް މިހާރު ގެންގުޅޭ ވިސްނުމުގައި އެއްބައިވަންތަކާ އެކު ދެމިތިބެގެން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އިންތިހާބުގައި އެހެން ޕާޓީތަކާއި އެކު ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ރައީސްއަށް ދީފައި އެވެ.
ސިޓީއެއް ފޮނުވުމުގެ އިތުރުން އެމަނިކުފާނުގެ ފަރާތްޕުޅުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހަށް ވަފުދެއްވެސް ފޮނުވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް