ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރާ "ފިކުރެއްގެ ދިރުން" ޓީމުގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހަށް ވަފުދެއް ފޮނުވައިފި އެވެ.
މިކަން ހާމަކުރެއްވީ މަޑަވަލެ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ޓުވިޓާގައި އެވެ. އޭނާގެ ޓުވީޓުގައި ވަނީ އެ ބައްދަލުވުމަށް ފަހު ކެއުމަކަށް އިންސާފު ކުރާ ފޮޓޯއެއް އާންމު ކުރައްވާފައި އެވެ.
އޭނާ ވިދާޅުވީ އެ ޓީމުގެ ފަރާތުން ގާސިމާއި ބައްދަލު ކުރެއްވީ މަޖިލީހުގެ ކުރީގެ ގދ. މެމްބަރު މުހައްމަދު ރަޝާދު ހުސައިން އާއި ކުރީގެ މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ކަމަށެވެ.
މި ބައްދަލުވުން ކުރިޔަށް ގެންދިޔަ ތަނެއް ނޭނގެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި މި ބައްދަލުވުން އޮތީ ގާސިމްގެ ސަން އައިލެންޑު ރިސޯޓުގައި އެވެ.
އެ ދެބޭފުޅުން ގާސިމާއި ބައްދަލު ކުރެއްވިކަން ފިޔަވާ އިތުރު މައުލޫމާތެއް ނަޝީދުގެ ފަރާތްޕުޅުން އަދި ޖޭޕީގެ ފަރާތުން ހާމައެއް ނުކުރައްވަ އެވެ.
ފިކުރެއްގެ ދިރުމުގެ ޓީމެއް ގާސިމާއި ބައްދަލު ކުރި އިރު މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުންވެސް ގާސިމްގެ އަރިހަށް ވަފުދެއް ވަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.
އެ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށް އަސްލަމް "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް