ޑިފެންސް މިނިސްޓަރު މަރިޔާ އަހުމަދު ދީދީއަށް ފިޔަވަޅު އެޅުމަށް ގޮވާލާ އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.
މި މައްސަލަ މަޖިލީހުން ބޭރުކޮށްލީ 31 މެމްބަރުން ދެކޮޅަށް ވޯޓު ދެއްވުމުންނެވެ. 39 މެމްބަރުން ބައިވެރިވެވަޑައިގެންނެވި ވޯޓުގައި އެ މައްސަލަ ކުރިޔަށް ގެންދަން ފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެމްބަރުންނެވެ.
ހުސައިން މުހައްމަދު ހުށަހެޅުއްވި މައްސަލައިގަ ވިދާޅުވީ ދިވެއްސަކު ބޭރު ގައުމެއްގައި އުފުލި ތަކުލީފަށް މިނިސްޓަރު މާރިޔާ ޖޯކުޖައްސަވާފައިވާ ހިނދު، އަބްދުއްސަމަދަކީ ދިވެހި ސަލާމަތީ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާ ޝަރަފުވެރިކަމާއިއެކު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެއްކަމަށާއި އެފަދަ ދިވެހި ދަރިޔަކާ މެދު ޑިފެންސް މިނިސްޓަރު ގެންގުޅުއްވި ދަށު ދަރަޖައިގެ ބަސްމަގު ބަލައިނުގަނެވޭކަމަށެވެ.
މިގޮތުން ދިވެހި ސިފައިންނާއި ފުލުހުންނަކީ މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުންއަރާ ކޮންމެ ވަގުތެއްގައި ވެސް މި ގައުމު ސަލާމަތްކުރުމަށް ކަމަރު ބަނދެގެން ތިބެ، އެންމެ ފުރަތަމަ އެކަމާއި ކުރިމަތިލާން ތައްޔާރަށް ތިބި ބަޔަކަށްވީއިރު، އެއްވެސް އިރެއްގައި ސިފައިން ނުވަތަ ފުލުހުންގެ ތެރޭގައި އިހުލާސްތެރި ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު މި ގައުމަށް ހަރާމްކޯރު ނުވާނެކަމަށް ވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގައި ވަނީ މިނިސްޓަރު މާރިޔާއަކީ މީގެ ކުރިންވެސް ދިވެހި ފުލުހުންނާއި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ސިފަކުރައްވައި ޖޯކުޖައްސަވައި އާންމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވެފައިވާ ބޭފުޅަކަށްވާތީ މިފަދަ ބޭފުޅަކު މި މަގާމުގައި ހުންނެވުމަކީ މި ސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގުވަޒަން ނުކުރާ މިންވަރު ހާމަވާކަމެއްކަމަށާއި ވަކި ގައުމެއް ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ ގައުމަށް ސަނާ ކިޔައި ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް