ދާލު ދާއިރާގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑު ކޮށްފި

ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު އާމިރު ދެ ހަފްތާގެ މުއްދަތަށް ސަސްޕެންޑު ކޮށްފިއެވެ. ޖޭއެސްސީން ބުނެފައިވާގޮތުގައި ދެ ހަފްތާއަށް ސަސްޕެންޑު ކުރަން ނިންމީ ދ.ކުޑަހުވަދޫއަށް ...

20 Feb 2023 | 04:04

ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު އާމިރު ދެ ހަފްތާގެ މުއްދަތަށް ސަސްޕެންޑު ކޮށްފިއެވެ.

ޖޭއެސްސީން ބުނެފައިވާގޮތުގައި ދެ ހަފްތާއަށް ސަސްޕެންޑު ކުރަން ނިންމީ ދ.ކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކުރުމަށް އެދި، ދ.ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ހުށަހެޅި އިރު ދޮގު މަޢުލޫމާތު ދިނުމާއި، ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާތީ އެވެ.

"ދައުލަތުގެ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމަކީ، ކޮށްގެންވާނެ ޢަމަލެއް ކަމަށް ގަބޫލުނުކުރެވޭތީ އާއި، މިއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުން ކަމަށް ތަޚްޤީޤަށް ފެންނާތީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު އާމިރުގެ މި ޢަމަލަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، 5 ވަނަ ނަންބަރާއި، 9 ވަނަ ނަންބަރާއި، ހަމަ މި ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8، 3.1، އަދި 3.2 ވަނަ ނަންބަރުގައި  ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް" ޖޭއެސްސީން ބުނެފައިވެއެވެ.

ޖޭއެސްސީން އިތުރަށް ބުނެފައިވަނީ ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރުގެ ދަށުން، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު އާމިރު ވަޒީފާގެ މަސައްކަތަށް ނުކުތުން 2023 ފެބުރުވަރީ 19 ވަނަ ދުވަހުން ފެށިގެން 2 (ދޭއް) ހަފްތާއަށް މަނާކުރުމަށް ފެންނަކަމަށް 2023 ފެބްރުއަރީ 1 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 09 ޖަލްސާގައި ނިންމާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް