ބީއެމްއެލް ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ...

20 Feb 2022 | 11:42

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ.

ބީއެމްއެލް ގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުއެވެ.

މި ސްކޮލަރޝިޕަކީ ބޭންކިންގ އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހުރިހާ ޚަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހުޅުވާލެވުނު ފަންޑެކެވެ.

އެ ބޭންކުން ބުނީ މި ސްކޮލަރޝިޕަށް އެދި ހުށަހަޅާ ދަރިވަރުންނަށް ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިންގ އެންޑް އެނަލިޓިކްސް ނުވަތަ ފައިނޭންޝަލް އިންޖިނިއަރިންގ ފަދަ ދާއިރާއަކުން އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެދި ހުށަހެޅިދާނެ ކަމަށެވެ.

އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށް މި ފަންޑަށް އެދި ހުށަހެޅޭ އިރު، މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ޚަރަދު، ވިސާ ފީ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ފޮތް ގަތުމުގެ ޚަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސާއި ޓިކެޓް ޚަރަދު ވެސް ބީއެމްއެމް އިން ދިނުމަށް ވަނީ ނިންމާފައެވެ.

މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު 21 އެޕްރީލް 2022 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެއެވެ. މި ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު https://www.bankofmaldives.com.mv/bml-scholarship-fund އިން ލިބޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް