ހުޅުމާލެ މެޖިސްޓްރޭޓުް ކޯޓު އުވާލަން މިދަނީ މަސައްކަތް ކުރަމުން: ޖޭއެސްސީ

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ޤާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއްކަމަށާއި، އެކޯޓު އުވާލަން މަސައްކަތްކުރަމުންދާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ. ކޯޓުތަކާ ބެހޭ ޤާނޫނުގައި ކަނ...

20 Feb 2022 | 11:26

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަކީ ޤާނޫނާ ހިލާފަށް އުފައްދާފައިވާ ކޯޓެއްކަމަށާއި، އެކޯޓު އުވާލަން މަސައްކަތްކުރަމުންދާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ކޯޓުތަކާ ބެހޭ ޤާނޫނުގައި ކަނޑައަޅާފައި ވަނީ މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތައް ކަމަށެވެ. އަދި ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ.

މީގެ އިތުރުން ޤާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށެވެ. ހުޅުމާލެ އާއި ވިލިނގިއްޔަކީ ވެސް އިދާރީ ވަކި ރަށްރަށެއް ނޫނެވެ. ހުޅުމާލެ އާއި މާލެ އަކީ ވެސް މާލޭގެ އަވަށްއަވަށެވެ.

މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި، މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައް ޤާއިމުކުރުމަކީ ޤާނޫނާ ހިލާފު ނުވެ ކުރެވޭނެ ކަމެއް ނޫން ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

ހުޅުމާލޭގައި 2012 ވަނަ އަހަރު އުފެއްދި މެޖިސްޓްރޭޓް ކޯޓަކީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފަށް އުފައްދާފައިވާ ކޯޓެއް ނޫން ކަމަށް ޑިސެމްބަރު 5، 2012 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާ ބިނާކޮށްފައިވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށް ކަމަށް ކޮމިޝަނަށް ފާހަގަކުރެވޭތީ ޖޭއެސްސީން ވަނީ ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓު އުވާލުމަށް އޮކްޓޫބަރު 4، 2020 ގައި ނިންމާފައެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުން މުރާޖައާ ކޮށްދިނުމަށް ވެސް ޖޭއެސްސީން އަލުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލަ އަލުން މުރާޖައާކޮށް މިމަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ޤާނޫނީ ހައިސިއްޔަތާ މެދު އެ ކޯޓުން ކުރިން ނިންމި ނިންމުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތް ކަމަށް ކަނޑައަޅައި ޖޭއެސްސީން ހުށަހެޅި މައްސަލަ މުރާޖައާކޮށްދެވެން ނެތް ކަމަށް ނިންމާފައެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުފެދިފައިވާ ގޮތާ މެދު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރައްވާފައިވާ ނިޔާ މުރާޖާކޮށްދެވެން ނެތްކަމަށް އެ ކޯޓުން ނިންމި ނަމަވެސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް