މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައްސޭރި ޖަލުގައި ބަންދުކޮށްފައިތިބި ޤައިދީންނަށް ޚާއްސަކޮށްގެން މެޑިކަލް ކޭމްޕެއް ހިންގައިފިއެވެ.
ކ. ހިންމަފުށީ ހެލްތު ސެންޓަރާއި ކ. މާފުށީ ހެލްތު ސެންޓަރުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ކޭމްޕް އިންތިޒާމްކޮށްފައިވަނީ އައްސޭރި ޖަލުންނާއި ކ.ހިންމަފުށީ ކައުންސިލުންނެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، މިފަދަ ކޭމްޕެއް ހިންގުމުގެ މަޤްޞަދަކީ ޤައިދީންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމާއި އެހެނިހެން ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް އުފުލުމުގައި ބޮޑެތި ތަކުލީފާއި ޚަރަދު ހޭދަވާތީ، އެ ފަރާތްތަކަށް ޖަލުގައި ތިބިގެން އެކަށީގެންވާ ސިއްޙީ ފަރުވާއެއް ފޯރުކޮށްދިނުންކަމަށެވެ. އަދި ޤައިދީންގެ އިތުރުން ހިންމަފުށީގެ ރައްޔިތުންނަށްވެސް މި ކޭމްޕް މެދުވެރިކޮށް ފަރުވާ ފޯރުކޮށްދީފައިވާކަމަށެވެ.
މި ގޮތުން މި ކޭމްޕްގައި ހަމުގެ، އެތެރެހަށީގެ އަދި ދަތުގެ މައްސަލަތައް ހުރި 20 ޤައިދީންނަށް ވަނީ އެކަންކަމުގެ ސްޕެޝަލިސްޓުން މެދުވެރިކޮށް ފަރުވާ ފޯރުކޮށްދީފައިކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ.
ޤައިދީންނާއި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި މާފުށީ ހެލްތް ސެންޓަރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ދެމުންގެންދާ އެހީތެރިކަން އެ ސަރވިސުން ވަނީ ފާހަގަކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް