މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅި ތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެ އިން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފެބްރުއަރީ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
ކުޅުދުއްފުށީ ސިޓީ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު ބަނދަރު ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު އެ ދެ މީހުން ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ކުޅުދުއްފުށީ ސިޓީ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް