ފްރެންޗް ލީގު: ނަންޓެސް އިން ވަރުގަދަ ޕީއެސްޖީ ބަލިކޮށްފި

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ނަންޓެސް އާއި ދެކޮޅަށް ކުޅުނު މެޗުން ގިނަ ތަރިން އެކުލެވޭ ވަރުގަދަ ޕީއެސްޖީ ބަލިވެއްޖެއެވެ. ނަންޓެސްގެ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ ބަލިވެފައިވަނީ ނަންޓެސ...

20 Feb 2022 | 02:48

ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ނަންޓެސް އާއި ދެކޮޅަށް ކުޅުނު މެޗުން ގިނަ ތަރިން އެކުލެވޭ ވަރުގަދަ ޕީއެސްޖީ ބަލިވެއްޖެއެވެ.

ނަންޓެސްގެ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ ބަލިވެފައިވަނީ ނަންޓެސް އަތުން 1-3 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު ފަށައިގެން މޮޅު ކުޅުމެއް ދެއްކި ނަންޓެސް އިން ވަނީ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ލީޑު ނަގާފައެވެ. ނަންޓެސް އަށް މެޗުގެ ލީޑު ނަގައިދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސިމޯން މޮސެސްގެ އެހީތެރިކަމާއި އެކު ކޯލޯ މުއާނީ އެވެ. ނަންޓެސް ގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު ފުޅާކުރީ މެޗުގެ 16 ވަނަ މިނިޓްގައި ކުއެންޓިން މާލިން ކާމިޔާބު ކޮށްދިން ލަނޑާއި އެކުގަ އެވެ. ނަންޓެސްގެ ތިން ވަނަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ލުޑޯވިކް ބްލާސް އެވެ. މިއީ ޕީއެސްޖީގެ ޖިއޮޖީނިއޯ ވައިނަލްޑަމް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ތިން ލަނޑުގެ ލީޑަކާއި އެކު ނަންޓެސްއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ފަހު ހާފަށް ކުޅެން ނިކުވެސް އެޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ދެ ވަނަ ހާފް ފަށައިގެން ދެ ވަނަ މިނިޓްގައި ޕީއެސްޖީން މި މެޗުގައި ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު ޖެހިއެވެ. މެސީގެ އެހީތެރިކަމާއި އެކު މި ލަނޑު ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ ނޭމާއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޕީއެސްޖީއަށް ޕެނަލްޓީއެއް ވެސް ލިބުނެނެވެ. ނަމަވެސް ނޭމާ ފޮނުވާލި ޕެނަލްޓީ ނަންޓެސްގެ ގޯލް ކީޕަރު ލަފޯންޓް މަތަކުރީއެވެ.

ޕީއެސްޖީ ބަލިވެގެން މެޗު ނިމުނުއިރު، މިއީ ލީގުގައި ޕީއެސްޖީ ބަލިވި ދެވަނަ މެޗުކަން ފާހަގަކޮށްލަން ޖެހެއެވެ.

ރޭގެ މި މޮޅާއި އެކު ނަންޓެސް ވަނީ 38 ޕޮއިންޓާއި އެކު ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ. އެއްވަނާގައި އޮތީ ޕީއެސްޖީއެވެ. އެޓީމު އެއް ވަނާގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 59 ޕޮއިންޓާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް